އައިއޯއައިޖީ: ރާއްޖޭގެ ހަ ކުޅުންތެރިޔަކު ޓީޓީގެ ދެ ވަނަ ބުރަށް

މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އޯޕަން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ރާއްޖޭގެ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ދެ ކުޅުންތެރިން ޖާގަ ހޯދައިފި އެވެ.


އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދި ޓީމުގެ ހަތަރު ކުޅުންތެރިންގެ ތެރެއިން އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ އަދި ފާތިމަތު ޖުމާނާ ނިމާލް ގަދަ 16 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ރަން މެޑަލް ހޯދި ޓީމުގައި ދެން ހިމެނުނު މުއީނާ މުހައްމަދު އަނެއް ބުރަށް ދަތުރުކުރީ ގްރޫޕުގެ ދެ ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ރާއްޖޭގެ އުއްމީދީ ފިރިހެން ކުޅުންތެރިޔާ ޝައްފާން: އޭނާ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައި ގަފަ 16 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދާފައި. -އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ފިރިހެން ހަތަރު ކުޅުންތެރިންގެ ތެރެއިން ޝައްފާން އިސްމާއިލް އަނެއް ބުރުން ޖާގަ ހޯދީ ގްރޫޕުގެ އެއް ވަނައިގެ ގޮތުގަ އެވެ. މުހައްމަދު ޒީސްތު ނަސީމް ގްރޫޕުގެ ދެ ވަނައިގެ ގޮތުގައި ދަތުރުކުރިއިރު، ގްރޫޕުގެ ދެ ވަނަ ދެން ހޯދި މޫސާ މުންސިފަށް ދެ ވަނަ ބުރަށް ދެވޭނީ މާދަމާ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވެއްޖެ އެވެ. ފިރިހެން ހަތަރު ވަނަ ކުޅުންތެރިޔާ މުންތިފް އަހުމަދު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާއު ކިޔައިފަ އެވެ.

ޒީސްތު ސިންގަލްސް މެޗެއްގައި ކުޅެނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

މުބާރާތުގައި ރާއްޖޭގެ އަންހެން ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ސިންގަލްސް ބައިން ވެސް މެޑަލް ލިބޭނެ ކަމަށް އުއްމީދުކުރެވެ އެވެ. ޓީމު އިވެންޓުން ހޯދި ރަން މެޑަލުގެ އިތުރުން އަންހެން ޑަބަލްސް ބައިން ރަން މެޑެއްޔާއި ރިހި މެޑަލް ހޯދީ ވެސް ރާއްޖޭންނެވެ. އެގޮތުން މުއީނާ އާއި ޖުމާނާ ބަލިކޮށް ރަން މެޑަލް ހޯދީ އުމުރުން 16 އަހަރުގެ ރަފާ އާއި 11 އަހަރުގެ ދީމާ އެވެ.

ސިންގަލްސް ދެ ވަނަ ބުރާއި ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ލޯ މެޑަލް މެޗާއި ރަން މެޑަލް މެޗު އޮންނާނީ މާދަމާ އެވެ.