ވިކްޓްރީ ނުވަ ގޯލުން ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ވިކްޓްރީ އަތުން 9-0 އިން މޮޅުވެ މާޒިޔާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ދަ ގްރާންޑޭ މާދަމާރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

މެޗުގެ ކުރިން ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ވަނީ އެ ޓީމުގެ ހާލަތު އޮތްގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އަދި އަނިޔާ އާއި ތަފާތު މައްސަލަތަކާ ހުރެ މިރޭގެ މެޗުގައި އެ ޓީމު ހަމަނުވުމުގެ ބިރު ވެސް އޮތް ކަމަށް ބުންޏެވެ. މެޗަށް ފަހު މުހައްމަދު ބުނީ އޭނާ ހީކުރީ މާޒިޔާ އިން 16 ވަރަކަށް ގޯލު ޖަހާނެ ކަމަށެވެ.

"ހަގީގަތުގައި ހީކުރި ވަރަށް ވުރެ މަދު. އެކްސްޕެކްޓްކުރީ 16 ނޫނީ 17 ޖަހާނެ ކަމަށް. އެއީ 12 ކުޅުންތެރިން ތިބީ މި ޓީމުގައި. ކޮންމެ ގޮތަކަށް ކުޅުނަސް ޗޭންޖެއް ނުގެނެވޭކަން ކުޅުންތެރިންނަށް އެނގޭ. ކުޅުންތެރިން ރަނގަޅަށް ނެތި މާޒިޔާ ކަހަލަ މި ވަގުތަށް ރާއްޖޭގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ނުކުޅެވޭނެ. މާޒިޔާގެ ބެންޗުގައި ވެސް އޮންނާނެ މިރޭ އެ ކުޅުނު ވަރަށް ކުޅެވޭނެ ޓީމެއް. އެހެންވެ މި ބުނީ ހީކުރި ވަރަށް ވުރެ މަދޭ،" މުހައްމަދު ބުންޏެވެ.

މާޒިޔާ އިން މި މެޗަށް ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. އެ ގޮތުން ގޯލުގައި ޒުވާން ކީޕަރު ހުސެން ޝަރީފް (ހުސެން) ހުރިއިރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ހަސަން ޝިފާޒް (ޑުންގާ)، އަބްދުﷲ ޖުނައިދު (ޖެންނެ) ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗު ފަށައިގެން 17 ސިކުންތު ތެރޭ މާޒިޔާ އިން ވަނީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ގޯލުން ލީޑުނަގައިފަ އެވެ. ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗުގައި ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ވިކްޓްރީ ކުޅުންތެރިއަކު ކައިރިން މާޒިޔާގެ ހަމްޕު (ވ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ ވެސް އަސަދުﷲ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ކޯނޭ ޖެހި ބޯޅަ ދަނޑީޖެހިފައި ލިބުމުން އަސަދުﷲ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ކުރިން މާޒިޔާގެ އިބްރާހިމް ވަހީދު (އިއްބެ) އާއި ކޯނޭ ޖެހި ދެ ބޯޅައެއް ވިކްޓްރީގެ ކީޕަރު އަހުމަދު ރަމީޒް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި އަސަދުﷲ ހެޓްރިކް ހަދަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ 36 ވަަނަ މިނިޓްގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ހަމްޕު ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. އޭގެ މިނިޓެއް ފަހުން މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ ކޯނޭ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ހަމްޕު ވަނީ މާޒިޔާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. ހަމްޕު ދިން ބޯޅަ އަކުން މެޗުގެ 54 ވަނަ މިނިޓްގައި މާޒިޔާގެ ހަ ވަނަ ލަނޑު ޖެހީ އިއްބެ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނާއިޒު ހަސަން (ދާދު) އުފެއްދި އެޓޭކެއްގައި މެޗުގެ 66 ވަނަ މިނިޓްގައި ކޯނޭ ވަނީ މާޒިޔާގެ ހަތް ވަނަ ގޯލު ޖަހައިފަ އެވެ.

މާޒިޔާގެ އަށް ވަނަ ގޯލު ޖެހީ ދާދު އެވެ. މެޗުގެ 80 ވަނަ މިނިޓްގައި އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ވަދެ ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށް ފަހު ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކޯނޭ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން ނެތި މިދިޔަ ބްރޭކުގައި ޕްރެކްޓިހުގައި ގިނައިން ބޭނުންކުރި ކުޅުންތެރިން ލައިގެން މި މެޗުގައި ދެއްކު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކޯނޭގެ ފަރާތުން ފެނުނު ކުޅުމުން ކުރިއަށް ހުރި މެޗުތަކާ މެދު އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ. އަދި މާދަމާރޭ ޓީސީ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.