އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ނިޒާމްބެ އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޯގަސްޓް 2019 - 16:38
ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ވަރުގަދަ ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށް 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް އެފްއޭއެމުން ދީފި އެވެ.
އިބްރާހިމް ހަލީމް (ޖަޑާ) ކުރަމުން އައި މަސައްކަތް، ޓީސީ ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނިޒާމްބެއާ ހަވާލުކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި އޭނާގެ ފެންވަރު އަމަލުން ދައްކުވައިދީފައިވާތީ ކަމަށެވެ. މި ޓީމު އެންމެ ފަހުން ވާދަކުރި، ޔުއެފާ އެސިސްޓް މުބާރާތުގައި ޖަޑާއާ އެކު އެދެވޭ ނަތީޖާއެއް ނުނުކުތެވެ.
"ނިޒާމްބެ އަމަލުން ދައްކުވައިދީފި އޭނާ އަކީ ކިހާވަރެއްގެ ކޯޗެއްކަން. ޓީސީ ޓީމަށް ގެނައި ބަދަލު އަދި އޭގެ ކުރިން އެހެން ޓީމުތަކުގައި މަސައްކަތްކުރަމުން ދިޔައިރު ހޯދި ކާމިޔާބީތައް. ނިޒާމްބެ ގުޅުމަކީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށް ލިބިގެންދިޔަ އުފާވެރި ކަމެއް،" ނިޒާމްބެ މީޑިއާ އަށް ތައާރަފްކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.
ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ މިދިޔަ ސީޒަނުގައި ޓީސީ އަށް ލީގު ކާމިޔާބުކޮށްދިނުމާ އެކު، އެފްއޭއެމުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ. އެ ޓީމަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ގޯލްޑްކަޕް ކާމިޔާބުކޮށްދިން ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.
ނިޒާމްބެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮންޓްރެކްޓް އާކުރަން ޓީސީއާ އެކު އެއްބަސްވުމަކަށް ނާދެވުމުން މި ސީޒަން ފެށިއިރު ހުސްކޮށް ހުރި ނިޒާމްބެ ލީގު ޗެމްޕިއަން ޓީމުން 16 އަހަރުން ދަށުގެ ޓީމަށް ދިއުން އެއީ ޑިމޯޝަނެއްގެ ގޮތުގައި ބެލެވިދާނެތޯ ނޫސްވެރިއަކު އެހުމުން އޭނާ ބުނީ މިއީ މާ ބޮޑު ޗެލެންޖެއް ކަމަށެވެ.
"މިހާރު މި އޮތް ޗެލެންޖަކީ މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތް އެންމެ ބޮޑު ޗެލެންޖް ކަމަށް ގަބޫލުކުރަނީ. ރާއްޖޭގައި އައިއޯއައިޖީ ހޯސްޓް ކުރެވިގެންދާއިރު، އޭގައި ޕާފޯމްކުރާ ޓީމުގެ ނަތީޖާ ވެގެންދާނެ އެންމެ ބޮޑު އެއް ޗެލެންޖަށް. އެ ޗެލެންޖް ކޮނޑުގައި އަޅައިގެން ނުކުތުން، އެއްވެސް ތަށްޓެއް (ހޯދަން ކުރާ މަސައްކަތާ) ނުބައްދަލުކަންނޭގެ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ފާހަގަކުރި ގޮތުގައި އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ވެސް ގޮންޖެހުންތަކާ ކުރިމަތިލުން ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ފުރަތަމަ ޑިވިޝަނުން ފަށައި، ދެ ވަނަ ޑިވިޝަނަށް ކޯޗުކޮށްދީ އޭގެ ފަހުން އަތޮޅުތެރެއިން ޓީމެއް ނެރެ ފަސްޓް ޑިވިޝަނާ ހަމަޔަށް ގެނެސްފައިވާނެ ކަމަށެވެ.
ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. ހަގީގަތުގައި އެ ޓީމަކީ ދެ ވަނަ ޑިވިޝަނުން އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މިހާރު އާއްމުވެފައިވާ ވުމުގެ ވެސް ފެށުމެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ.
އެފްއޭއެމުން ވިސްނާފައި އޮތީ ވެސް ނިޒާމްބެ ލައްވައި ދިގު މުއްދަތުގެ އެފަދަ މަސައްކަތެއް ކުރުވާށެވެ. އެގޮތުން ނިޒާމްބެ މި ޓީމުގައި ތައްޔާރުކުރާ ކުޅުންތެރިންނާ އެކު އޭނާ ކުރިއަށް 19 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމުން ފެނިދާނެ އެވެ.
"ނިޒާމްބެ މައިގަނޑު ޓާގެޓަކަށް މިވަނީ 2023 ވަނަ އަހަރު ރާއްޖޭގައި މި ބާއްވާ އައިއޯއައިޖީ އަށް ޒުވާން ވަރުގަދަ ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތް. އެގޮތަށް ޕްލޭންކުރެވިގެން އަދި އެ ދޭތެރެ މެދަށް އަންނަ އޭއެފްސީ ނުވަތަ ސާފްގެ އެކި މުބާރަތްތަކުގައި މި ޓީމު ބައިވެރިވެގެން އެ ހޯދަންވާ ކާމިޔާބީތަކަށް ރީޗްކުރުމާއި އެ ބޭނުންވާ ޓާގެޓްތަކަށް ހާސިލްކުރުމުން (އަނެއް) މަގުސަދަކަށް ވާނީ. އަނެއް އެ މަސައްކަތް ހަމައެކަނި މަޑުޖެހެނީ މިހާރު އޮތް ސްކޮޑަކަށް ނޫން. އަތޮޅުތެރެއަށް ގޮސް ސްކައުޓިން މަސައްކަތްތަކެއް ކުރިއަށްދާނެ. ދިވެހިރާއްޖެ ތަމްސީލްކުރާ އެންމެ ވަރުގަދަ އަންޑަ 16 ޓީމު އުފެދިގެން ދިއުން އަމާޒަކީ،" ބައްސާމް ވިދާޅުވި އެވެ.
ޓީސީގެ ކޯޗަކަށް ނިޒާމްބެ މަސައްކަތްކުރިއުރ މެޗަކުން މޮޅުވުމުން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިޒާމްބެ ބުނީ އެފްއޭއެމުން އެ މަސައްކަތް އޭނާ އަށް ކުރެވޭނެކަމަށް އިތުބާރުކުރީތީ ބައްސާމާއި ޓެކްނިކަލް ޑިރެކްޓަރު އިހުސަން އަބްދުލްގަނީ (ސާންތީ) ޝުކުރުއަދާކުރަ ކަމަށާއި އޭނާ ވެސް މި މަސައްކަތް ބަލައިގަތީ މިއީ ގައުމަށް ފުޓްބޯޅައިން ރީތި ނަމެއް ހޯދައިދޭން މަސައްކަތް ފަށަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
އާއްމުކޮށް ރާއްޖޭގެ އުމުރުފުރާތަކުގެ ޓީމުތަކަށް އެފްއޭއެމުން ހަމަޖައްސަނީ މާބޮޑު ތަޖުރިބާއެއް ނެތް ވައިޑީޕީ ލެވެލް ކޯޗުންނެވެ. އެކަމަކު މިހާރު ވަނީ 19 އަހަރުން ދަށުގެ ޓީމަށް އޭއެފްސީ ޕްރޯ ލައިސަންސް އޮތް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ އަދި 13 އަހަރުން ދަށުގެ ޓީމަށް، ތަޖުރިބާކާރު ޓްރޭނަރު އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސައިފަ އެވެ. ބައްސާމް ވިދާޅުވީ އުމުރުފުރާގެ ޓީމުތަކަށް ފެންވަރު ރަނގަޅު ކޯޗުން ހަމަޖެއްސުމަކީ ޓެކްނިކަލް ޑިޕާޓްމަންޓުން ވަރަށް އިސްކަންދީގެން ކުރި މަސައްކަތެއް ކަމަށާއި މީގެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.
ނިޒާމްބެ ކުރިމަތީގައި އެންމެ ފުރަތަމަ އޮތީ މި މަހު 23 ގައި ގަތަރުގައި ބާއްވާ މުބާރާތެކެވެ. ސާފް ޗެމްޕިއަންޝިޕުގެ ބަދަލުގައި އެ މުބާރާތަށް ޔޫތު ޓީމު ފޮނުވަން އެފްއޭއެމުން ނިންމީ ދެކުނު އޭޝިއާގެ ގައުމުތަކަށް ވުރެ ވަރުގަދަ ގައުމުތަކެއް އެ މުބާރާތުގައި ވާދަކުރާތީވެ އެވެ. ނިޒާމްބެ ބުނީ ކުރު މުއްދަތެއް އޮތުމުން މާބޮޑު ކަންތައްތަކެއް ހާސިލްނުކުރެވޭނެ ކަމަށާއި އެކަމަކު މިއޮތް ދުވަސްކޮޅުގައި ވެސް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ އެ މުބާރާތުން ނެގެން އޮތް ފައިދާއެއް ނަގާނެ ކަމަށެވެ. ޓީސީއާ އެކު ކުރި ބައިނަލްއަގްވަމީ ތަޖުރިބާގެ ފައިދާ ނެގޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
"އަޅުގަނޑު މިހާތަނަށް ކުރި ތަޖުރިބާ އެއީ ވަރަށް ބޮޑު އެއްޗެއް، އަދި (އެ ތަޖުރިބާ އިން) މި މަސައްކަތަށް އިތުރު ބުރަދަނެއް ގެނެސްދޭނެ. އިންޓަނޭޝަނަލް އެކްސްޕީރިއަންސް އަކީ އެއީ ވަރަށް މުހިއްމު އެއްޗެއް ކޯޗެއްގެ ހައިސިއްޔަތުން މިވަރުގެ ޓީމަކާ ހަވާލުވާއިރު،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯޖުގެ ޑޭވިޑް
08 August 2019
މަރުހަބާ! ކްލަބު ލައިސެންސާއި އެކު އޭއެފްސީ އޭ ކެޓަގަރީ ސެޓްފިކެޓެއް ނެތަތީ އެއްވަނަ ޑިވިޝަންގެ ކްލަބަކުން ފުރުސަތު ނުލިބި ޖޮބްލެސް ވެފައި ހުއްޓާ ވަޒީފާއެއް ދިނީތީ. ދެން ނިޒާމްބެ ޖަވާބުދާރީ ވާން ޖެހޭނި ނާޒިމާއަށް
އޭނަ
09 August 2019
ނިޒާމްބެ އަތުގަ އޭ ލައިސެންސް ކުރިން ނެތަސް އޭނަޔަކީ ދިވެހިރާއްޖޭގެ މިވަގުތު ހުރި އެންމެ މޮޅު އެއް ޓެކްނީޝަންކަން ސާބިތުކޮށްދިން. ޒުވާން ކުޅުންތެރިން އުފައްދައިގެން ކާމިޔާބު ހޯދި ކޯޗެއް ނިޒާމްބެޔަކީ. ނިއު ރަނގަޅު ހާލަތެއްގައި އޮތްނަމަ ނިޒާމްބެވެސް ހުންނާނީ މިއަދު ފުރަތަމަ ޑިވިޝަނެއްގެ ކޯޗު ކަމުގައި. މި މަޤާމަށް ރާއްޖެއިން ނިޒާމްބެ ފިޔަވައި ވަކި ރަނގަޅު މީހަކުނެތް.
ޙުވަދޫ ޕްލޭޔަރ
08 August 2019
މަރުޙަބާ ނިޒާމްބެ! ނުޒާމްބެއަށް ތިކަންވާނެ! ޢެކަމަކު މައްޗަށް ތިބި މީހުންގެ އެހީތެރިކަން ރަނގަޅަށް ލިބިގެން ވާނީ!
ބަހޫބަލީ
08 August 2019
އަޅުގަޑުގެ އުންމީދަކީ ތި އޯއައިޖީއެއް ބާއްވާއިރު އެފްއޭއެމްގެ ރައީސަކަށް ބައްސާނޫން އެހެން ބޭފުޅަކު އިންތިހާބުވުން. އެއީ ބައްސާމުގެ ޒައާމަތުގަ ކުލަބު ފުޓްބޯޅަ ދުވަހަކުވެސް އިޔާދަ ނުވާވަރުގެ އަނދުވަޅަކަށް ވެއްޓިއްޖެ. ސަޕޯޓަރުން ދަނޑަށްވައްދަން އެކަށީގެންވާ މަސައްކަތެއްނުކުރޭ. ޓީމުތައް އިނދަޖެހިއްޖެ. ސެލްފީނަގަން ބޭރުގައުމުތަކުގަ އެބުރެނިކޮށް ދިވެހި ދެޓީމަށް އޭއެފުސީ ކަފުން ފުރުސަތު ގެއްލިއްޖެ. މީގަބޫލު ކުރެވޭނެ ކަންތަކެއްނުން.