ރާއްޖެއާ ދެކޮޅަށް ލަންކާ އިން ވަރުގަދަ ޓީމެއް

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމަށް މާލޭގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމާ ދެކޮޅަށް ކުޅެން ލަންކާ އިން ވަރުގަދަ ސްކޮޑަކާ އެކު އައިސްފި އެވެ.


ރާއްޖެއާ ދެކޮޅަށް ތިން މެޗެއް ކުޅެން އައި ޓީމުގައި މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ލަންކާގެ ވޮލީ ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ރޭންކިން މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ. މި މެޗަކީ ފަހަކަށް އައިސް ލަންކާއާ ދެކޮޅަށް ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް މެޗެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް އައި ލަންކާ ޓީމާ ދެކޮޅަށް ކުޅޭ މެޗުތައް އޮންނާނީ މިރެ އާއި މާދަމާރޭ އަދި ބުދަ ދުވަހުގެރޭގަ އެވެ. މީގެ ތެރެއިން އެންމެ ހާއްސަ މެޗަކީ މާދަމާރޭގެ މެޗެވެ. އެ މެޗު ބައްލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ އެވެ. އަދި އދ. ގެ ޔޫތު އެންވޯއީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ ވެސް ވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ވޮލީ އާއިލާ އިން ގަބޫލުކުރާގޮތުގައި މި މެޗަކީ ރާއްޖޭގެ ވޮލީބޯޅަ މިހާރު އޮތް ހާލަތަށް ބަލާއިރު ވަރަށް މުހިއްމު މެޗެކެވެ. އެ ގޮތުން 2017 ވަނަ އަހަރު މާލޭގައި ވޮލީގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް ކުރިއަށްދިޔަ ނަމަވެސް އެ ފަހަރު އެންމެ އެންމެ ބޭނުންވި ކަންތައްތައް ހާސިލުނުވެދިޔުމުން އަލުން އާ އުއްމީދުތަކަކާ އެކު ފަށަން ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ.

ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ނަޒަރުގައި މިއީ އެކުވެރިކަމުގެ މެޗެއް ކަމުގައި ވިޔަސް މީގެ ބޭނުން ހިފައިގެން ގިނަ ކަންތައްތަކެއް ހާސިލްކުރެވިދާނެ އެވެ.

"ފުރަތަމަ މަގުސަދަކީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުން. ދެ ވަނަ މަގުސަދަކީ ނެތި ގޮސްފައިވާ ފޯރި އަނބުރާ ގެނައުން. މިއީ ވޮލީގެ އެންމެ އެއްތަނަކަށް އެއްވެ އެއްބައިވާންވީ ވަގުތު،" ކާއްޓޭ ބުންޏެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ ރަނގަޅު ފުރުސަތުތަކެއް ވޮލީ އަށް ފަހިކޮށްދީފަ އެވެ. އެ ގޮތުން ދާދި ފަހުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ވަނީ ސާބިއާގައި ކޭމްޕެއް ޖެހުމުގެ ފުރުސަތު ހޯދައިދީފަ އެވެ. މިއީ ގައުމީ ޓީމެއް ޔޫރަޕުގައި ތަމްރީންތަކެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

ގައުމީ ވޮލީ ޓީމުން މި ފަަހަރުގެ ސެންޓްރަލް ޒޯނުން ރަން މެޑަލަކަށް އަމާޒުހިފާފައިވާއިރު، އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. މި ފަަހަރު ހަތް ޓީމު ވާދަކުރާ މުބާރާތުގައި ރާއްޖެ އޮތީ ނޭޕާލާއި ކިރްގިސްތާނާ އެއް ގްރޫޕެއްގަ އެެވެ.

ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ފޯރިގަދަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން "މަވެސް ދާނަން"ގެ ނަމުގައި 13 ވަަނަ ދުވަހުގެ ރޭ ކުޅޭ މެޗު ބަލަން ދިއުމުގެ ޕްރޮމޯޝަންގެ ގިނަ ކަންތައްތަކެއް އަންނަނީ ކުރެވެމުންނެވެ.

މިނިސްޓްރީން ވަނީ މި މެޗުތަކަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުންގެންނަ ގޮތަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދު ރިސޯޓްތަކުން ވެސް މި މެޗަށް އަންނާނެ ކަމަށާއި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.