ޓީމުގައި ނެތީ ކީއްވެތޯ ކޯޗު ގާތު ނާހަން: ބަކާ

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް އަންނަ މަހު ކުޅެން ނެގި ސްކޮޑުގައި ނުހިމެނި ސަބަބު އޮޅުންފިލުވަން ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގަޓާ ވާހަކަ ނުދައްކާކަމަށް ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.


ގުއާމާއި ޗައިނާ މެޗަށް ތައްޔާރުވާން ސްރީލަންކާ އަށް 28 ކުޅުންތެރިންނާ އެކު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސެގާޓް ބުނީ މިހާރު ޓީމުގައި ތިބީ މި ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ކުޅުންތެރިން ކަމަށާއި ދުވަސްވީ ކުޅުންތެރިން ކަމަށްވާ ބަކާ އާއި އަލީ އަޝްފާގު (ދަގަނޑޭ) ޓީމަށް ނެގެން ނެތް ކަމަށެވެ. އަދި ޓީމުގައި ނެތް ސަބަބު އޮޅުން ފިލުވަން ބަކާ ގުޅުމުން އޭނާ އަށް އެކަން ސާފުކޮށްދީފައިވާނެ ކަމަށް ސެގާޓް ބުންޏެވެ.

"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނާ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެއް އުސޫލު. މި ކޮލިފިކޭޝަންތައް (ވޯލްޑް ކަޕް އާއި އޭޝިއަން ކަޕް ކޮލިފައިން) އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުނެފައިވެ އެވެ.

އުމުރުން 34 އަހަރުގެ ބަކާ "މިހާރަ"ށް ބުނީ އޭނާ ގައުމީ ޓީމަށް ނުނަގަނީ ކީއްވެތޯ ބަލަައި އެ ސަބަބު ހޯދަން ގައުމީ ކޯޗު ސެގާޓްއާ ވާހަކަ ނުދައްކާ ކަމަށާއި ކޯޗު ދެއްކީ އަމިއްލަ ވާހަކަތަކެއް ކަމަށެވެ.

"ކޯޗާ ވާހަކައެއް ނުދައްކަން ގައުމީ ޓީމަށް ނޭރި ސަބަބެއް ހޯދަން. ކިރިޔާ ވެސް ސިލެކްޝަނާ ބެހޭގޮތުން ވާހަކައެއް ދެއްކީ ޒުވާން އެހެން ކުޅުންތެރިންނަށް ފުރުސަތު ނުދޭތީ އެކަމާ. އެކަމަކު ޓީމަށް އަހަރެން ނާރައިގެނޭ ކިޔާފައި އެއްވެސް ގޮތަކަށް ކޯޗާ ވާހަކައެއް ނުދައްކަން. އަހަންނަށް ނުވިސްނޭ ކޯޗު މީޑިއާގައި އެހެން އެ ބުނި ސަބަބެއް،" ބަކާ ބުންޏެވެ.

ދާދި ފަހުން ހއ. ދިއްދޫގައި ފުޓްބޯޅަ އެކެޑަމީއެއް ބަކާ ހުޅުވިއިރު ސެގަޓް ވަނީ އެކަމުގައި ވެސް ބަކާއާ މަޝްވަރާކޮށްފަ އެވެ.

"އަބަދުވެސް ކޯޗާ ވާހަކަ ދައްކަން މެޗުތައް ނިމުނީމަ ވެސް ގުޅައިގެން. އަހަރެންގެ އެކެޑަމީ ކަންތަކުގައި ވެސް ވާހަކަ ދެެކެވޭ. އެކަމަކު ގައުމީ ޓީމަށް ނޭރީމަ އެ ވާހަކަ ނުދައްކަން އަދިއެއް. ހަގީގަތުގައި މި ވަގުތު މިހުރީ ގައުމީ ޓީމާ ދުރުގައި އަމިއްލަ ޕްލޭންތަކެއް ވެސް ހުރީމަ،" ބަކާ ބުންޏެވެ.

ބަކާ އަށް މިދިޔަ އަހަރު އަލުން ގައުމީ ޓީމުން ފުރުސަތު ލިބުނީ ދެ އަހަރު ފަހުންނެވެ. ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރު އޭރު ގައުމީ ކޯޗަކަށްހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓްގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ކެޓުމުން، އެކަމަށް ބަކާ ފާޑުކިޔުމާ ގުޅިގެންނެވެ. ބަކާ އޭރު ބުނީ އާ ކުޅުންތެރިންނަށް ފުރުސަތުދެނީ ކަމަށް ބުނެ، ހާބަޓްގެ ކޯޗުކަމުގައި ނަތީޖާ ނުނެރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނުއިރު، ސެމީ އާއި ފައިނަލުގައި އޭނާ ނުކުޅެ އެވެ. އެކަަމަކު މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ އެގާރައިގައި ބަކާ ކުޅުނެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކުން ފެނުނު ބަކާ މި ސީޒަނުގައި ކުޅެމުން އަންނަނީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. ބަކާ އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.