ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ތޮލާ އާއި އަޖުފާން ޓީމުން ބާކީކޮށްފި، އިއްބެ ނުފެނިދާނެ

ގައުމީ ޓީމުގެ ސްކޮޑުން ބާކީވި ތޮލާ (ކ) އާއި އަޖުފާން.-- ފޮޓޯ: މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ގޯލްކީޕަރު ހަސަން ތޮލާލް (ތޮލާ) އާއި ޑިފެންޑަރު މުހައްމަދު އަޖުފާން ބާކީކުރިއިރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް މި މެޗުން ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ލަންކާގައި ގައުމީ ޓީމު ކޭމްޕް ކުރީ ގުއާމަށް ދާން ޔޫއެސް ވިސާ ނެގުމުގެ ކަންތައްތައް ދިގުލައިގެންދާތީ ޓްރެއިނިން މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށެވެ. އިއްޔެ ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ، އޭނާ ވަނީ އިއްޔެ ޓީމުގެ ޓްރެއިނިން ކޭމްޕް ދޫކޮށް މާލެ އައިސްފަ އެވެ. އިއްޔެ ގައުމީ ޓީމުގެ ޓްރެއިނިންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

އިއްޔެ ޓްރެއިނިން ކޭމްޕް ދޫކޮށް މާލެ އައީ އިއްބެގެ އިތުރުން ތޮލާ އާއި އަޖުފާން އެވެ. މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ވެސް ސްކޮޑުން ބާކީކޮށް އިއްޔެ އެނބުރި މާލެ އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އިއްބެ މާލެ އަންނަން ޖެހުމުން ބަދަލުގައި މުޖޭ މަޑުކުރުވީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އިއްބެ ގުއާމް މެޗުގައި ކުޅުމާމެދު އަދި އެންމެ ފަހުގެެ ގޮތެއް ނުނިންމާ ކަމަށާއި ގޮތެއް ނިންމާނީ އިއްބެ ކަމަށެވެ. އަދި ފުރުސަތު ބޮޑީ އިއްބެ މި މެޗުގައި ނުފެނުން ކަމަށާއި ސަބަބަކީ މި ވަގުތު މުހިއްމީ އޭނާ އާއިލާއާ އެކު މަޑުކުރުން ކަމަށެވެ.

"އެންމެ ފަހުގެ ނިންމުން ނިންމާނީ މިއަދު. މިކަމުގައި އިއްބެ އަށް ފަސޭހަ ގޮތެއް އޮންނާނީ. ހަގީގަތުގައި މިއީ އިއްބެ އަށް ވެސް ފަސޭހަ ވަގުތެއް ނޫން ގޮތްތަކެއް ނިންމަން. ގައުމީ ޓީމު އޮތީ އިއްބެއާ އެކުގައި،" ޖަވާ ވިދާޅުވި އެވެ.

އާއިލާ މެމްބަރުންގެ ޖަނާޒާގެ ތެރެއިން އިއްބެ (ވ). -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

އިއްބެ ވަނީ އޭނާގެ އާއިލާ މެމްބަރުންގެ ޖަނާޒާގައި އިއްޔެ ބައިވެރިވެފަ އެވެ. ޑިސިޕްލިން ރަނހަޅު، މަސައްކަތުގެ ރޭޓް އެހާމެ މަތި އިއްބެ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މާޒިޔާ އަށް ކުޅެމުން އަންނަ އިއްބެ އަކީ މިދިޔަ އަހަރު ގައުމީ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ސެމީ ފައިނަލުގައި ރާއްޖޭން ނޭޕާލް ބަލިކުރިއިރު އިއްބެ ވަނީ މުހިއްމު ދެ ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެމުން އަންނަ ގޯލްކީޕަރު ތޮލާ އަކީ މިދިޔަ އަހަރު ސާފް ކާމިޔާބުކުރި ޓީމުގެ ތިން ވަނަ ގޯލްކީޕަރެވެ. ތޮލާ ބާކީކުރުމުން ޓީމުގައި ހިމެނޭ ތިން ކީޕަރުންނަކީ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލާއި ގްރީން ސްޓްރީޓްސްގެ ލަބާން ޝަރީފް އަދި މާޒިޔާގެ ހުސެއިން ޝަރީފް އެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ފަހަތުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބ. އޭދަފުށީގެ އަޖުފާން އަށް ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން އަދި ފުރުސަތެއް ނުލިބެ އެވެ.

މި ފަހަރުގެ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް ޓީމާ އެކު ޓްރެއިނިން ކޭމްޕަށް ނުދާ ދެ ކުޅުންތެރިންނަކީ އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އަމިއްލަ ކަމެއްގެ ސަބަބުން މި ދެ ކުޅުންތެރިން ޓީމާ ދުރުގައި މި ވަގުތު ތިބި އިރު، އަންނަ މަހު 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ކުޅުވުމާ މެދު ގޮތެއް ނުނިންމަ އެވެ.

މި ފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންނަށް ބަލާއިރު ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ށ. ފޯކައިދޫގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އަދި ފޯކައިދޫގެ ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) ހިމެނެ އެވެ.

ގައުމީ ޓީމުގެ ސްކޮޑުގައި މި ފަަހަރު ވެސް އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު އެހެން ކުޅުންތެރިން ނުހިމެނޭތީ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓްގެ ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ގުއާމް މެޗުގެ ސްކޮޑުގައި މި ވަގުތު ތިބި 23 ކުޅުންތެރިން

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)

އީގަލްސް: ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް

ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، ލަބާން ޝަރީފް، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް

ޓީސީ: އިބްރާހިމް އައިޝަމް، އަކުރަމް އަބްދުލް ގަނީ (އަކޫ)

ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު (އަޔާ)

1 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 33%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮންދު

31 August 2019

ބޮޑުތަފާތަކުން ބަލިވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454