ފުރަތަމަ މެޗުން ގުއާމް އަތުން ރާއްޖެ މޮޅުވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ލަނޑާ އެކު ގުއާމް އަތުން އެ ގައުމުގައި 1-0 އިން މޮޅުވެއްޖެ އެވެ.


އޭޝިއާގެ ގަދަބާރު ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސް ހިމެނޭ މި ގްރޫޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކޯޗު ޕީޓާ ސެގާޓް ބޮޑަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ. މެދުތެރެ ބެލެހެއްޓީ އިބްރާހިމް އައިސަަމް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު ނާއިމް އެވެ.ކުރިއަށް ކުޅުނީ އަސަދުﷲ އަބްދުﷲ އާއި ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ފުރަތަމަ އެގާރައިގައި ނުހިމެނޭއިރު، ފަހަތަށް ކުޅުނީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އާއި ހުސެއިން ޝިފާއު (ކުރޯ) އަދި ހައިޝަމް ހަސަން އެވެ. ގޯލުގައި ހުރީ މުހައްމަދު ފައިސަލް އެވެ.

ފީފާ ރޭންކިންގެ 190 ވަނައިގައި އޮތް އަދި އެމެރިކާގެ ޓެރެޓަރީއެއް ކަމަށްވާ ގުއާމްގެ ނެޝަނަލް ޓްރެއިނިން ސެންޓަރުގެ ޓާފް ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ރާއްޖޭން ދިޔައީ ގުއާމްގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ހާއްސަކޮށް ހަމްޕު އާއި ފޭދޫ އިއްބެ އަދި ދާދު އަށް ލިބޭ ބޯޅަތަކުގައި އެ ކުޅުންތެރިން ހުއްޓުވަން ޖެހުނީ ފިޒިކަލް ގޭމެއް ކުޅެ ފައުލު ވެސް ކޮށްގެންނެވެ. ރާއްޖޭގެ ފުރަތަމަ ހަމަލާ މެޗުގެ ތިން ވަނަ މިނިޓްގައި ދާދު ފޮނުވާލިއިރު، ބޯޅަ ދިޔައީ ގުއާމް ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ބޭރަށެވެ.

ރާއްޖެ އަށް ލީޑުނަގަން މެޗުގައި ފުރަތަމަ ހުސް ފުރުސަތު ލިބުނީ އަސަދުﷲ އަށެވެ. މެޗުގެ 16 ވަނަ މިނިޓްގައި ފޭދޫ އިއްބެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އަސަދުﷲ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ރާއްޖޭން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު ގުއާމުން ކުރިއަށް ޖެހިގެން ރާއްޖޭގެ ހާފް ތެރޭގައި ކޮންމެވެސް ވަރަކަށް ކުޅެން ފެށި އެވެ. އެކަމަކު ރާއްޖޭގެ ގޯލާ އަމާޒުކޮށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއްނުވި އެވެ. ގުއާމުން ރާއްޖެ ހާފް ތެރޭގައި ކުޅެމުންދިޔަ ވަގުތު ރާއްޖޭން ކައުންޓަ އެޓޭކެއް ކުރަން މަސައްކަތްކުރާ ވަގުތު އެ ހުއްޓުވަން ގުއާމުން ފައުލުކުރުމުން ގުއާމްގެ ދެ ކުޅުންތެރިއަކަށް މެޗުގެ ރެފްރީ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ފުރުސަތު ލިބުނީ ގުއާމްގެ ކެޕްޓަން ޖޭސަން ކަންލީފް އަށެވެ. ރާއްޖެ އޭރިއާ ތެރެއިން އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ކުރިން އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ކީޕަރު ފައިސަލަށް ފައުލުކޮށްފަ އެވެ.

ގުއާމުން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރިއިރު، ރާއްޖޭގެ އަސަދުﷲ އާއި ކުރޯ ވަނީ ދެ ހަމާލާއެއް ފޮނުވާލައިފަ އެވެ. ކުރޯ ޖެހި ބޯޅަ ގުއާމް ކީޕަރު ޑަލާސް މަތަކުރިއިރު، އަސަދުﷲ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ރާއްޖޭން ވަނީ މެޗުގެ ފަހު 20 މިނިޓަށް އަސަދުﷲގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓް) ކުޅެން އަރުވައިފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ގުއާމުގެ ޑެވާން މެންޑިއޯލާ ބޮލުން ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭގެ މެޗު ފިޓްނަސްގެ މައްސަލަތައް މެޗުގެ ދެ ވަނަ ހާފްގައި ފާހަގަކުރެވުނެވެ. މެޗުގެ ފަހު ވަގުތު ރާއްޖޭން ވަނީ ދާދުގެ ބަދަލުގައި ސަމުއްޓެ ކުޅެން އަރުވައި ޑިފެންސް ވަރުގަދަކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ގުއާމުގެ ރޮބާޓް ނިކްލޯ ރާއްޖޭގެ ފޭދޫ އިއްބެ އަށް ކުރި ފައުލަަކަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މި މެޗުގައި ރާއްޖޭން ކުޅުނީ ސްކޮޑުގައި ހިމެނުނު ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކު ނުލަ އެވެ. އެއީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ރޯލެއް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ. ނިހާޓް މެޗު ނުކުޅެވުނީ ގުއާމަށް ދާން ނަގަންޖެހޭ އެމެރިކާ ވިސާ ހަމަނުޖެހޭތީ އެވެ. ވިސާ މައްސަލައިގައި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ވެސް މެޗަށް ނުދެވެ އެވެ. އިއްބެ އަށް މެޗު ނުކުޅެވުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމުން ރިލީޒް ދީފައިހުރުމުންނެވެ.

މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު 15 ވަނަ ދުވަހު ކުޅުނު ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗަށް ފަހު ރާއްޖެ އަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. އޭގެ ފަހުން މެލޭޝިއާއާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗާއި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ނިންމާލީ މޮޅެއް ނުހޯދަ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި މި ފަހަރުގެ ކޮލިފިކޭޝަން ރާއްޖޭން ފެށިއިރު، ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓަށް ހުރީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ. އެއީ މި ވަގުތު ފޯމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިން ނުނަގާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވާތީ އެވެ.

ކޮލިފައިންގައި މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ފިލިޕީންސް އަމިއްލަ ދަނޑުގައި ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. ފަސް ޓީމު ކުޅޭ މި ގްރޫޕްގައި ދެން އޮތް ޗައިނާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ އަންގާރަ ދުވަހު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ.