އައިސަމް ފުރުސަތުގެ ބޭނުން ހިފައިފި

ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ދެ މެޗަށް ރާއްޖޭން ބޮޑް ބްރޭކެއް ނަގައި ތައްޔާރީތައް ފެށީ ހުރި ގޮންޖެހުންތަކެއްގެ ބޮޑުކަމުންނެވެ. އެހެން އެކަން އޮއްވައި ދިމާވި ކަމަކީ ތަފާތު ދެ ސަބަބަކާ ހުރެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އަށް އިއްޔެ ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުމެވެ. އެ ފަދަ ޕްރެޝަރު ވަގުތެއްގައި ތަޖުރިބާތަކެއް ނެތި ވެސް ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.


ނިހާޓް މެޗު ނުކުޅެވުނީ ގުއާމަށް ދާން ނަގަންޖެހޭ އެމެރިކާ ވިސާ ހަމަނުޖެހޭތީ އެވެ. ވިސާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއިރު، ވިސާ މައްސަލައިގައި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ވެސް މެޗަށް ނުދެވެ އެވެ. އިއްބެ އަށް މެޗު ނުކުޅެވުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ހުރުމުންނެވެ. ގުއާމް މެޗަށް ކުޑަ ދުވަސްކޮޅަކަށްވެފައި ހުއްޓައި ލަންކާ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިއްބެ ޓީމާ ވަކިވީ މިދިޔަ ބުރާސްފަތި ދުވަހު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ އޭނާ އާއިލާ މެމްބަރުންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ރިލީޒްދީފައި ހުރުމުންނެވެ.

ޓީސީގެ އައިސަމް (ކ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭންކިންގެ ގޮތުން ރާއްޖެ އަށް ވުރެން އެތައް ދަރަޖައެއް ފަހަތުގައި ގުއާމް އޮތް ނަމަވެސް އެ ޓީމުން ކުޅޭ ފިޒިކަލް ގޭމާއި އަމިއްލަ ގައުމުގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅުވުމަކީ އިއްޔެގެ މެޗަށް ނުކުތްއިރު ރާއްޖެ އަށް އޮތް ޗެލެންޖްތަކެވެ. އެކަމަކު އެ ހުރިހާ ޗެލެންޖެއްގެ އެންމެ ޒިންމާ ބޮޑު އެއް މަގާމުގައި އައިސަމް ދެއްކީ ފާހަގަކުރަންޖެހޭ ކުޅުމެކެވެ. އައިސަމްއާ އެކު އިއްޔެ މެދުތެރެއަށް ކުޅެމުންދިޔަ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މީގެ ކުރިން އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ނިއު ރޭޑިއަންޓުގައި މެދުތެރޭގައި ވެސް މޮޅަށް ކުޅެފަ އެވެ.

އައިސަމް، 22، ވަނީ އިއްޔެގެ މެޗުގައި ރާއްޖޭން 1-0 އިން ގުއާމް ބަލިކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހުމުގައި އެޓޭކް ފެށުމުގައި މުހިއްމު ރޯލެއް ކުޅެފަ އެވެ. ކުރިން އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ އައިސަމަށް ސީނިއާ ޓީމުން ލިބުނު ފުރުސަތަކީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ މުބާރާތުގައި ވެސް އޭނާ ރަނގަޅަށް ކުޅުނެވެ.

ޒުވާން އެހެން ކުޅުންތެރިންނާ ބަލައި އައިސަމްގެ ތަފާތަކީ ޕްރެޝަރާ ކެރިގެން ކުރިމަތިލައި ހަމަޖެހިގެން ކުޅުމެވެ. އޭނާ އަކީ ޓީމުގެ އެޓޭކާއި ޑިފެންސްގެ ބެލެންސް ހިފެހެއްޓުމުގައި ވެސް ތަފާތު ދައްކާ ކުޅުންތެރިޔެކެވެ. އިއްޔެ މެޗުގައި ވެސް މެޗު ފިޓްނަސް ދަށްވުމުގެ ސަބަބުން ދެ ވަނަ ހާފްގައި ރާއްޖޭގެ ކުޅުން ދަށްވި ވަގުތުގައި ވެސް އައިސަމްގެ މަސައްކަތުގެ ރޭޓް ރަނގަޅުކަން ފާހަގަވި އެވެ.

އައިސަމް ކުޅެމުން އަންނަ ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އައިސަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އާތީ ބުނީ ރާއްޖޭގައި މި ވަގުތު އެންމެ ޓޮޕް ލެވެލްގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އައިސަމް ހިމެނޭނެ ކަމަށާއި އޭނާގެ އުމުރާ ބަލާއިރު އައިސަމްގެ ފަރާތުން ފެންނަނީ މާ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި އައިސަމް އެ ކުޅޭ ލެވެލްގައި ކުޅޭނަމަ އޭނާ އަކީ ގައުމީ ޓީމުގެ ވެސް މުހިއްމު "އެސެޓަކަށް" ވުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރިން ގައުމީ ޓީމުތަކުގައި މަސައްކަތްކުރި އާތީ ބުންޏެވެ.

އީގަލްސްގެ އައިހަމް (ކ) މާޒިޔާގެ އިރޭ ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާން އުމުރުގައި ކްލަބް އީގަލްސް އިން ފެނުނު އައިސަމް އަށް އޭރު އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ ތައުރީފްކޮށްފަ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ސާންތީ ވަނީ އޭރު އުމުރުން 18 އަހަރުގައި ވެސް އައިސަމް އަށް އީގަލްސްގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް ހިމެނުނު އައިސަމް ވަނީ އެ ޓީމާ އެކު ޔޫތު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އީގަލްސް އަށް 2017 ވަނަ އަހަރުގެ ކުރީކޮޅުގައި ވެސް ކުޅުމަށް ފަހު އައިސަމް އަލުން ފުރަތަަމަ ޑިވިޝަނުން ފެނުނީ މި ފަހަރު ޓީސީންނެވެ. އޭނާ އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް މޮޅަށް ކުޅެމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ދެން ތައްޔާރުވަނީ އަންނަ އަންގާރަ ދުވަހު ހަވީރު ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗަށް ނިހާޓާއި އިއްބެ ޓީމާ ގުޅޭއިރު، އައިސަމަށް ޓީމުގެ ފުރަތަމަ އެގާރައިގައި ފުރުސަތު ދިނުމަކީ މި ހާލަތަށް ބަލާއިރު ގޯސް ނިންމުމަކަށް ނުވާނެ އެވެ. އެކަމަކު އެ މެޗުގެ ފުރަތަމަ އެގާރައިން އައިސަމަށް ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް މުސްތަގުބަލަށް ބަލާއިރު ރާއްޖޭގެ މެދުތެރޭގައި ކޮންމެ ކުޅުންތެރިޔަކާ އެކު ވެސް ކުޅެވިދާނެކަން މިހާތަނަށް ލިބުނު ފުރުސަތުތަކުގައި އައިސަމް މި ވަނީ ސާބިތުކޮށްދީފަ އެވެ.