ސާއިދު ސްޕޯޓްސްގެ ރިލޭ ޓީމު (ކ-ވ) ނުޖޫމް، ސަރީސް، އައްޕި އަދި އަޒްނީމް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
07 ސެޕްޓެމްބަރ 2019 - 23:12
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހިމެނުނު ދިވެހި ސިފައިންގެ ކްލަބުގެ ރިލޭ ޓީމު ފަހަތަށް ޖައްސާލައި ސާއިދުގެ ސާއިދު ސްޕޯޓްސް އިން ގައުމީ އެތުލެޓިކްސް މުބާރާތުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް މިއަދު ހޯދައިފި އެވެ.
ސާއިދު ސްޕޯޓްސް ޓީމަށް ދުވީ، އޭނާ ހިމެނިގެން މިދިޔަ މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެ އިވެންޓުން ލޯ މެޑަލް ހޯދި ގައުމީ ރިލޭ ޓީމުގެ ތިން ދުވުންތެރިން ކަމަށްވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި ސަރީސް އަހުމަދާއި ނުޖޫމް ހަސަން އަދި ދުވަސްތަކަށް ފަހު އެނބުރި އައި އަޒްނީމް އަހުމަދު (އައްޒަ) އެވެ. މީގެ ތެރެއިން އައްޒަ އަކީ ސާއިދު ހިމެނިގެން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރިލޭ އިން ލޯ މެޑަލް ހޯދި ގައުމީ ޓީމުގެ ދުވުންތެރިޔެކެވެ.
ސާއިދު ހިންގާ އެކަޑަމީ ކަމަށްވާ ސާއިދު ސްޕޯޓްސްގެ ޓީމަށް އޭނާ އަށް ނުދެވެވެނީ ސިފައިންގޭގައި ވަޒީފާ އަދާކުރާތީވެ އެވެ. އޭނާ ފެށުނީއްސުރެ ގައުމީ މުބާރާތުގައި ތަމްސީލްކުރަނީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ޓީމުން 14 ވަނަ ފަހަރަށް ގައުމީ މުބާރާތުގެ އެންމެ މޮޅު ކްލަބުގެ މަގާމް މި ފަހަރު ހޯދިއިރު ސާއިދުގެ ދައުރު ބޮޑެވެ. އޭނާ ވަނީ އިންޑިވިޖުއަލް ތިން ރަން މެޑަލް އަދި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ސިފައިންގެ ޓީމަށް ރަން މެޑަލް ހޯދައިދީފަ އެވެ.
ސާއިދު އިއްޔެ 200 މީޓަރު ރޭހުގައި ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަނެއްކޮޅުން މިއީ ސާއިދު ސްޕޯޓްސް އިން ގައުމީ މުބާރާތުގައި އަލަށް ވާދަކޮށް ހޯދި ފުރަތަމަ މެޑެއްޔެވެ. އެ ޓީމުން މިއަދުގެ އިވެންޓް ކާމިޔާބުކުރީ 43.34 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދާއި ހުސެއިން އިނާޝް އާއި ހުސެއިން ރިޒާ އަދި އިބްރާހިމް މުހައްމަދު ހިމެނުު ސިފައިންގެ ޓީމު ދެ ވަނަ އަށް ދިޔައީ 45.74 ސިކުންތުން ދުވެގެންނެވެ. ރޭހުގެ ތިން ވަނަ އަކީ 46.44 ސިކުންތުން ދުވި މެރެތަން ރަނާސް އެސޯސިއޭޝަނުގެ ޓީމެވެ. އެ ޓީމުގައި ހިމެނުނީ ޒުވާން ދުވުންތެރިން ކަމަށްވާ ވިޝާން އިބްރާހިމް އުމަރާއި މުހައްމަދު ރަފާން އާއި މުހައްމަދު ނާވީ އިބްރާހިމް އަދި މުހައްމަދު ހަލަފް އަދުނާނެވެ.
މިއަދު ސާއިދުގެ މައްޗަށް ސާއިދު ސްޕޯޓްސް ކުރި ހޯދި ނަމަވެސް ސާއިދު ވަނީ ވަރަށް ގިނަ އިވެންޓްތަކުގައި އެ ޓީމުގެ ދުވުންތެރިން ފަހަތަށް ޖައްސާލައި މެޑަލް ހޯދައިފަ އެވެ. އެގޮތުން އޭނާ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ސާއިދު ސްޕޯޓްސްގެ އަޒްނީމާއި ސަރީސް ބަލިކޮށްގެންނެވެ. އަދި 200 މީޓަރުން ރަން މެޑަލް ހޯދީ ސަރީސް ފަހަތަށް ޖައްސާލައިގެންނެވެ.
މިއީ ގައުމީ މުބާރާތުގެ ސްޕްރިންޓް ރިލޭ އިން ހަތަރު އަހަރުގެ ތެރޭ ސިފައިންގެ ޓީމަށް ރަން މެޑަލް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ރަން މެޑަލް ނުލިބި ދިޔައީ 2015 ވަނަ އަހަރުގެ މުބާރާތުން ތިނަދޫ ސްޕޯޓްސް ކްލަބް އަތުން ބަލިވެގެންނެވެ. އެ ފަހަރު ތިނަދޫ ޓީމުގައި ހިމެނުނީ މިއަދު ސާއިދު ސްޕޯޓްސް އަށް ދުވި އައްޒަ އާއި ނުޖޫމްގެ އިތުރުން ހުސެއިން ހަލީމާއި އަލީ އަނާލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
08 September 2019
އުނހު! މިވީ ކިހިނެތް. ސޯ ބަލިކޮށް ދަރިވަރު މިއޮތީ ކުރިހޯދާފާ.
ބާބުލް އަވާލީ
08 September 2019
ސޯ މެނަށް ނުވެސް ދުވެވޭ ދޯ މިހާރު. ބާގީން އަރައިފިއްޔާ އަހަރުމެން ސަލާމަތް ކުރެވޭނެބާ؟