ދަގަނޑޭ އަށް ފުރުސަތު ދިނީ މާފަށް އެދުމުން: ސެގާޓް

ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަކިކުރި އަލީ އަޝްފާގް (ދަގަނޑޭ) އަލުން ޓީމަށް ނެގީ އެ މައްސަލައިގައި މާފަށް އެދުމުން ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް މިރޭ ބުނެފި އެވެ.


އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ނައުމުން ކުއްލި ގޮތަކަށް ދަގަނޑޭ ޓީމުން ބޭރު ކުރުމަށް ފަހު ކޯޗު ބުނީ އޭނާ ބޭރުކުރީ އެ މެޗުގެ ސްކޮޑުން ކަމަށާއި ކުރިމަގުގައި ފުރުސަތު އޮންނާނެ ކަމަށެވެ.

އެކަމަކު އޭގެ ފަހުން ސާފް ސުޒުކީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ގުއާމާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ވެސް ނުހިމަނަ އެވެ. ސާފް ސްކޮޑުގައި ނުހިމެނީ ކޯޗު އޭރު ބުނި ގޮތުގައި އެއީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ވާތީ ކަމަށެވެ. އަދި ނުސީދާކޮށް ބުނީ ތިމަންނާ ބޭނުންވަނީ ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ދެ ފިކުރެއްގައި ތިބި ކުޅުންތެރިން ބޭނުންނުވާ ކަމަށެވެ.

ގުއާމް މެޗުގެ ސްކޮޑުގައި ނުހިމެނުމުން ސުވާލުކުރުމުން ކޯޗު ދެއްކި އުޒުރަކީ ދަގަނޑޭގެ އުމުރެވެ. އެކަމަކު ރާއްޖެ 1-0 އިން މޮޅުވި މެޗަށް ފަހު އެނބުރި އައިސް މާދަމާރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމެނީ އެވެ. އޭރު ވަރަށް ގިނަ އާއްމުން ވަނީ އޭނާ ނުހިމަނާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޗައިނާ މެޗުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ކޯޗު ބުނީ ދަގަނޑޭ މައާފަށް އެދި ހުރިހާ ކަމެއް ހައްލުވެފައިވާ ކަމަށެވެ. މާނައަކީ މިހާތަނަށް ދަގަނޑޭ ޓީމަށް ނުނަގާ ހުރި ހަމައެކަނި ސަބަބަކީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި މައާފަށް ނޭދި އޮތުމެވެ.

"އަހަންނަށް މި މައްސަލަ ވަރަށް ސާފު. ގުއާމް މެޗަށް ފަހު އަޝްފާގް އަހަންނަށް ގުޅި (މޮޅުވުމުން) މަރުހަބާ ކިޔައި މާޒީގައި އޭނާ އަށް ހެދުނު ގޯހަށް މައާފަށް އެދެން. އަހަރެމެން އެންމެންނަކީ އިންސާނުން. އަހަންނަށް ވެސް ގޯސް ހެދޭނެ، އެހެން އެންމެންނަށް ވެސް ގޯސް ހެދޭނެ. އޭނާ (ޓީމުގައި ހިމަނަން) އަހަރެމެންނަށް ބޭނުންވޭ. އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އެކަމާ ބަހުސެއް ނެތް،" ސެގާޓް ބުންޏެވެ.

ދަގަނޑޭ (ވ-2) ދާދުއާ އެކު ރޭގެ ޕްރެކްޓިހުގައި. -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ކޯޗު ބުނީ ދަގަނޑޭގެ އެ ކޯލަކަށް އިންޒާރުކުރާތާ ދޮޅު އަހަރުވި ކަމަށާއި ހުރިހާ ކަމެއް ހައްލުވެ އޭނާ އެނބުރި އައުމުން އުފާވާ ކަމަށާއި ސަބަބަކީ އެއާ އެކު އިތުރު އޮޕްޝަންތަކެއް ލިބުމެވެ. އެކަމަކު އޭނާ ފުރަތަމަ އެގާރައިގައި ކުޅޭނެތޯ ނުވަތަ ކުޅެވޭނެތޯ އެއީ އަދި އެހެން ކަމެއް ކަމަށް ސެގާޓް ބުންޏެވެ.

އޭނާ ބުނީ ދަގަނޑޭ އަކީ ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާ ކަމަށްވެފައި، ދެން ތިބި ހުރިހާ ކުޅުންތެރިންނަށް ވުރެ އޭނާގެ ތަޖުރިބާ ބޮޑަސް އަދި އޭނާ އަކީ މިދިޔަ 10 އަހަރު ރާއްޖޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ވިޔަސް މިހާރު ހާލަތު ތަފާތު ކަމަށެވެ. އެހެންވެ ދަގަނޑޭ ޓީމުގައި ހިމަނާނީ ލަސްލަހުން، ވަގުތު ނަގައިގެން ކަމަށް ބުންޏެވެ.

"އޭނާ ނެތި އަހަރެމެން ގުއާމުގައި މޮޅުވީ. އަހަރެމެން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރީ އޭނާ ނެތި. އަހަރެމެން ބޫޓާން އަތުން 7-0 އިން ވެސް މޮޅުވީ އޭނާ ނެތި. އެހެންވީމާ އޭނާ ޓީމުގެ ތެރެއަށް މަޑުމަޑުން އަންނަން ފުރުސަތު ދީ. މިއީ ފަސޭހަކަމެއް ނޫން. އަޝްފާގް އެންމެ ފަހުން ގައުމީ ޖާޒީގައި ކުޅުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު. އޭގެ ފަހުން ބޮޑު ބަދަލެއް އަތުވެއްޖެ،" ދަގަނޑޭ އަށް ހުރިހާ ޕްރެޝަރެއް ނުދޭން އެދެމުން ކޯޗު ބުންޏެވެ.

ސެގާޓް ބުނީ އަޝްފާގް ޓީމުގައި ހިމެނުމަކީ، އެނގިގެން ވިސްނައިގެން ކުރި ކަމެއް ކަމަށާއި ގުއާމް މެޗުގައި ކުޅުންތެރިންގެ ހަކަތަ ވަރަށް ބޮޑަށް ހުސްވުމުން ޗައިނާ މެޗުގެ ސްކޮޑުން އާ ކުޅުންތެރިޔަކަށް ފުރުސަތު ދޭން ޖެހުނު ކަމަށެވެ. އަދި އަމިއްލަ ސަބަބަކާ ހުރެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒްވާން (ރިޒޭ) ޓީމާ އެކު ނުދިއުމާއި އަދި ވިސާ ނުލިބިގެން ހުސެއިން ނިހާން (ނިހާޓް) އާއި ހުސެއިން ޝަރީފަށް ނުދެވުމާއި އާއިލާ ސަބަބަކާ ހެދި އިބްރާހިމް ވަހީދު (އިއްބެ) މަޑުކުރަން ޖެހުމުން އެ މެޗަށް ނުކުތީ ވަރަށް ޒުވާން ސްކޮޑަކާ އެކު ކަން ސެގާޓް ފާހަގަކުރި އެވެ.

"އެހެންވެ ޒުވާން ޓީމެއް ކުޅުވައި މި ރަނގަޅު ނަތީޖާ ނެރުނީ. ދެން ހިނގާ ބަލަމާ. އަޝްފާގަށް ވެސް ވަގުތުދީ މަޑުމަޑުން ޓީމުގެ ތެރެއަށް އަންނަން،" ސެގާޓް ބުންޏެވެ.