ލިއްޕީ މިރޭ ގަލޮޅު ދަނޑުގައި ތަމްރީންތައް ކުރިއަށްގެން ތައްޔާރުވެގެން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 ސެޕްޓެމްބަރ 2019 - 22:40
ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާރޭ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި މުހިއްމީ އިދިކޮޅަށް ނުކުންނަނީ ކޮން ޓީމެއްތޯ އާއި ދަނޑުގެ ހާލަތު ބެލުން ނޫން ކަމަށާއި ބޭނުންވަނީ އެއްވެސް އުޒުރެއް ނެތި، މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފި އެވެ.
އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕާއި ޔުވެންޓަސް އަށް 1996 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ލިއްޕީއާ ޗައިނާ ޓީމު މި އަހަރުގެ މޭ މަހު ދެ ވަނަ ފަހަރަށް ހަވާލުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައި ކޮށްދިނުމުގެ މަސައްކަތްކުރާށެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ، އޭޝިއާގެ ގަދަބާރުން މި ފަހަރުގެ ކޮލިފައިންގައި ކުޅޭނެ ފުރަތަމަ މެޗެވެ. ރާއްޖެ އަކީ ޗައިނާއާއާ ބަލާއިރު ހުރިހާ ގޮތަކުން ވެސް އާދައިގެ ޓީމެކެވެ. ވޯލްޑް ކަޕުގައި 2002 ވަނަ އަހަރު ވާދަކުރި ޗައިނާ އިން ވަނީ ރާއްޖެއާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އޭގެ ތެރެއިން 2001 ގައި އެ ގައުމުގައި ކުޅުނު މެޗުން 10-1 އިން މޮޅުވި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އަދި 2015 ވަނަ އަހަރު ޗައިނާގައި ކުޅުނު ދެ މެޗުން، 3-0 އިންނާއި 4-0 އިން މޮޅުވި އެވެ.
ލިއްޕީ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ގައުމީ ކޯޗު ސެގާޓާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިރޭ ބޭއްވި ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުމުގައި ލިއްޕީ، 71، ބުނީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރަށް ދަތުރުކުރުމުގެ ބޮޑު އަމާޒެއް ޗައިނާގައި އެބައޮތް ކަމަށާއި އެހެންކަމުން މި މެޗުގައި ލެވުނު ހިތްވަރެއްލާން ޖެހޭނެ ކަމަށާއި އެކަން ކުޅުންތެރިންނަށް މިހާރު ވެސް އެނގޭނެ ކަމަށާއި އަދި މާދަމާ ވެސް ހަނދާން ކޮށްދޭނެ ކަމަށެވެ.
"އެ އަމާޒަށް ވާސިލްވާން އަހަރެމެން އެބަޖެހޭ ޕޮއިންޓް ހޯދަން. އަހަރެމެންނަށް މުހިއްމީ އިދިކޮޅަށް ނުކުންނަ ޓީމަކީ ކޮބައިތޯ ބެލުމެއް ނޫން. މުހިއްމީ އަހަރެމެން ނުކުންނަ ކޮންމެ މެޗެއްގައި ވެސް ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކޮށްގެން ތިން ޕޮއިންޓް ހޯދުން. އަހަރެމެންނަށް މި މެޗުން މޮޅެއް ބޭނުންވޭ،" ލިއްޕީ ބުންޏެވެ.
ގަލޮޅު ދަނޑަކީ ދުނިޔޭގެ ޒަމާނީ ސްޓޭޑިއަމްތަކާއި ބަލާއިރު ފެންވަރު ރަނގަޅަށް ދަނޑަކަށް ނުވުމާއި އަދި ލައިޓިން ސިސްޓަމް ވެސް އެހާ ރަނގަޅުނުވާތީ ޗައިނާ ނޫސްވެރިން އެކަމާ ބެހޭގޮތުން ސުވާލުކުރި އެވެ. ލިއްޕީ ބުނީ އެފަދަ އެއްވެސް ކަމަކާ މެދު ނުވިސްނާ ކަމަށެވެ.
"އެހެން ކަންކަން (މިސާލަކަށް) ވިނަގަނޑާއި ލައިޓިން ސިސްޓަމަކީ އަހަރެމެންނަށް މައްސަލައެއް ނޫން. ސްޓޭޑިއަމް ހަމަ ރަނގަޅު. ލައިޓިން ވެސް ރަނގަޅު. ދަތުރުފަތުރާއި ހޮޓާ ވެސް ރަނގަޅު. އެއްވެސް ބަހަނާއެއް ނެތް މިމެޗަކަށް. ތިން ޕޮއިންޓް ހޯދުން އޮތީ،" ލިއްޕީ ބުންޏެވެ.
މި މެޗަށް ތައްޔާރުވާން ޗައިނާ އިން މިޔަންމާއާ ދެކޮޅަށް މިދިޔަ ހަފުތާގައި އެކުވެރިކަމުގެ މެޗެއް ކުޅެ 4-1 އިން މޮޅުވި އެވެ.
"ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިއްޖެ. އަހަންނަށް ވެސް އަދި ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރީތައް ދިޔައީ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މިތިބީ. ފުރަތަމަ ހަފުތާގައި ހުރިހާ ކުޅުންތެރިން އެއްކޮށް ޕްރެކްޓިސް ނުކުރެވު ގުއަންޒޫ އާއި ޝަންހާއީގެ ކުޅުންތެރިން އޭއެފްސީ ޗެމްޕިއަންސް ލީގު ކުޅެން އޮތުމުން. އެކަމަކު އެއް ހަފުތާ ފަހުން އެންމެން ހަމަވެ ވަރަށް ރަނގަޅަށް ދިޔައީ،" ލިއްޕީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
10 September 2019
ލިއްޕި ތި ލައިޓިން ސިސްޓަމަކީ ވަރަށް ކުރީގެ މައުމޫނުގެ ދައުރުގެ އެއްޗެއް މިހާރު ތީގެ ސްޕެއާއެއް ލިބޭނެ ކަމެއްވެސްނޭގޭ. ތިއެއްޗެއްސަ ދެރަ ބަހެއް ނުބުނައްޗޭ ތީގެ އެއްޗަކަށް ގޮތެއް ވެއްޖެއްޔާ އާހަރުމެންނަށް މާބޮޑު ކަމެއް ކުރެވެންނޯންނާނެ އެތަނުގަ ބިގަރެއް ހަރުކުރުން ފިޔަވައި.
ޕިއްލޭ
10 September 2019
ލިއްޕިގެ ޕްރޮފެޝަނަލް ކަމާ ދޭތެރޭ ބުނާނެ އެއްޗެއްނެން. ރެސްޕެކްޓް ރެސްޕެކްޓް ރެސްޕެކްޓް. ދިވެހި ޓީމުގެ ކޯޗަކީ އޭރަކު ވައިޖެހޭ ކޮޅަކަށް އެބުރޭ ވަހުތާނެއް.
އަހުސަން ނަސީރު
10 September 2019
ލިއްޕީ އެވެ.އަހުރެންގެ މިރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އަންނަ އެއްޤައުމަކީ ތިބާގެ ޤައުމެވެ.އަދި މިހާރު ޗައިނާގެ ފަތުރުވެރިން އެހާމެ ގިނައެވެ.ދެން އަހުރެމެން ލަދު ގަންނަވަރަށް ލަނޑު ގޯއްޏެއް ނުޖަހުވައްޗެވެ.ދަނޑާއި،ލައިޓިންގ ސިސްޓަމަކީ ވަރަށް ދެރަ ނިކަމެތި ތަންތަންކަން އަހުރެން ދެނަހުރީމެވެ.އެހެނަސް ދިވެހިންގެ މެހުމާންދާރީއާއި ހިނިތުންވުމަށް ބަލާފައި ލިއްޕީގެ ޓީމަށް އިރުޝާދު ދެމުންދާށެވެ.
ޏ. ސިޓީ
10 September 2019
އެބިޔަ، މީހުންގިނަ، މުއްސަނދި ސީނުކަރަ ބަލި ވުމަކީ މި ކުޑަ ކުޑަ ގައުމަށް ލިބޭނެ ކިހާބޮޑު ފަޚުރެއް، އިންޟާﷲ އަޅަމެންނަށް ކާމިޔާބު ދެއްވާޟި، އާމީން! ފޭދޫ އިއްބެ އަކީ އަހަރެމެންގެ އުއްމީދު ވަރަށް ސަލާމް! ލޮޓުސް އޮފް ލަވް -ފުވަށްމުލައް ސިޓީ-
ރަދީފް
10 September 2019
''ސްޓޭޑިއަމް ހަމަ ރަނގަޅު. ލައިޓިން ވެސް ރަނގަޅު. ދަތުރުފަތުރާއި ހޮޓާ ވެސް ރަނގަޅު.'' ރާއްޖެއިން އަވޭގަ މެޗެއް ކުޅެފަ ބަލިވެއްޖެނަމަ މިތަނުން ކޮންމެވެސް ކަމެއް ގޯސްވާނެ.ދިވެހި ކްލަބެއްގެ ކޯޗަކު އޭނަގެ ކްލަބް ބަލިވީމަ ދަނޑުގަ ހުރި ބެކްޑްރޮޕް ކެންވަސްގަ ވެސް ޒިންމާއެޅުވި.ނަމަވެސް ލިއްޕީގެ ވާހަކަތައް ކިހާ ޕްރޮފެޝަނަލް. .#މޯލްޑިވްސްޗައިނާ #ގަތަރު2022 #ރެޑްސްނެޕަރ #ޓީމްޑްރެގަން
އަހަންނާ
10 September 2019
އަހަންނާ ބޭނުމީ މަދަމާރޭ ޗައިނާ ބަލިވާން!