ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިހާޓް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ސެޕްޓެމްބަރ 2019 - 12:18
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އަމިއްލަ ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕްރައިޒިން ނަތީޖާއެއް ނެރެން އުއްމީދުކުރާ ކަމަށާއި ޓީމު އޮތީ ވެސް އެ ރޫހުގައި ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.
މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނިހާޓަށް މިދިޔަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އަތުން 1-0 އިން މޮޅުވި މެޗުގައި ނުކުޅެވުނެވެ. އެއީ ގުއާމަށް ދާން ނަގަންޖެހޭ އެމެރިކާ ވިސާގެ ހަމަނުޖެހުމުންނެވެ. ނިހާޓްގެ އިތުރުން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ވެސް ވިސާ ނުލިބޭތީ ނުކުޅެވުނެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ރާއްޖޭން ވަނީ މީގެ ކުރިން ގަލޮޅު ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ގޮތުން ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުކުރި މެޗާއި ޗައިނާ އާއި އީރާން އަދި ގަތަރާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި 1-0 އިން ބަލިވި މެޗުތައް ހިމެނެ އެވެ. ނިހާޓް ބުނީ އޭޝިއާގެ ގަދަބާރެއްގެ ގޮތުގައި އޮތް ޗައިނާއާ ދެކޮޅަށް ވެސް އެ ފަދަ ނަތީޖާ އަކަށް އުއްމީދުކުރާ ކަމަށެވެ.
"ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއްކަން އަހަރެމެން ވެސް ގަބޫލުކުރަން. އެކަމަކު އަހަރެމެންގެ ހޯމްގައި ސަޕްރައިޒިން ރިޒަލްޓެއް ގެނެވިދާނެކަމަށް އުއްމީދުކުރަނީ. ޓީމުގެ ރޫހާ އެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އޮތީ. އެންމެ ވެސް ބޮޑަށް ގޭމްސް ފޯކަސްކޮށް ތިބީ،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާޓް ބުންޏެވެ.
ގައުމީ ޓީމުން ޗައިނާ މެޗަށް ކުރިމަތިލާއިރު ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދޮޅު އަހަރަށް ފަހު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމާ ގުޅުމެވެ. ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަކިކުރި ދަގަނޑޭ އަލުން ޓީމަށް ނެގީ އެ މައްސަލައިގައި މާފަށް އެދުމުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ. ނިހާޓް ބުނީ ދަގަނޑޭ ޓީމާ ގުޅުމުން ޓީމުގެ ރޫހު ރަނގަޅުވެފައިވާ ކަމަށެވެ.
"އަޝްފާގު (ދަގަނޑޭ) އައުމުގެ ސަބަބުން ޓީމުގެ މޮޓިވޭޝަން އިތުރަށް ރަނގަޅުވެފައިވަނީ. ސަޕްރައިޒިން ނަތީޖާ އަކަށް ޓީމު މަސައްކަތްކުރާއިރު އެއީ ފަސޭހައެއް،" ނިހާޓް ބުންޏެވެ.
އެންމެ ފަހުން 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ކުޅުނު ދެ މެޗުން، 3-0 އިންނާއި 4-0 އިން މޮޅުވި އެވެ. އެ ފަހަރު ރާއްޖޭގައި ކުޅެން އޮތް ހޯމް މެޗު ވެސް ޗައިނާ އަށް ބަދަލުކުރީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދަނިކޮށް ގަލޮޅު ދަނޑު ހަލާކުވުމުންނެވެ. މި ފަހަރު ވެސް ޗައިނާއާ ދެކޮޅަށް މާލޭގައި މެޗު ކުޅުނަސް އެންމެ ފުރިހަމަ އަށް ހޯމް އެޑްވާންޓޭޖް ނެގެން ނެތީ ދަނޑުގެ ދެ ފަޅިއެއް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައިވާތީ މެޗަށް ވަދެވޭ ސަޕޯޓަރުން މަދުވުމުންނެވެ. ދިވެހިންނަށް މި މެޗަށް ވިއްކާފައިވަނީ 2800 ޓިކެޓެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން އަވޭ ޓީމަށް 20 ޕަސެންޓް ދޭން ޖެހޭތީ ޗައިނާ އަށް 700 ޓިކެޓް ރިޒާވްކޮށްފައިވާތީވެ އެވެ
މިރޭ ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްސޫރަ
13 September 2019
ދެންކުޅޭ މެޗަކުން..ރާއްޖޭކޮޅަށް ..10 ގޯލްވަނީމަ ..ހުންނާނީ ..ސަޕްރައިޒިން.. ވެފަ
ނުންތަ
10 September 2019
ކޯޗު ދަނގަޑޭ މިމެޗަށް އެރުވިއަސް އަރުވާނީ ފަހު ފަނަރަވަރަކަށް މިނެޓަށް. އޭރު ޓީމު އޮންނާނީ ބޯޅަފަހަތުން ދުވެ ދުވެ ވަރުބަލިވެފަ، ރަގަޅު ޗާންސެއް ކްރިއޭޓް ކުރެވޭ ވަރަށްވުރެ ޑިފެންސަށް ބާރު ބޮޑުވެފަ. މިމެޗުން ދަނގަޑޭއަަށް މާބޮޑު ކަމެއް ކުރެވޭނެކަމަށް އުންމީދު ކުރާނެކަމެއްވެސްނެތް!!
ފޮޮނިކަނޑާނިހާޓު
10 September 2019
ނިހާރޓް ހާސްވަކައްނުވޭ!! ޢެހެރީ ދަނގަޑޭ!! ދަނގަޑޭ އިޒް ދަމޭން !!!
ޅަބެ
10 September 2019
ދަގަނޑޭ ކުޅޭހާ ހިނދަކު އަހަރެމެން ބެލުންތެރިންގެ އެއްވެސް ހާސްކަމެށް ނެތް.
ޑަރަން
10 September 2019
ޙާސްނުވޭ ނިހާޓް އަހަރެމެންގެ ބަތަލާ ދަގަނޑޭ ގޮވައިގެން ތިޔަ ކުޅެނީ 100 ޕަސަންޓް މޮޅުވާނެ. ޢިންޝާﷲ. ޙަންޓޭމެން ދަގަނޑޭއަށް ބޯޅަ ދީފައި ޑިފެންސަށް ފައިބާ ހުރީމައި ނިނުނީ. ޙާސްނުވެބަލަ