10 ސެޕްޓެމްބަރ 2019 - 17:44
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ގަލޮޅު ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ ބަލިނުވެ ފަރުޖައްސާލައިފި ނަމަ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ސަރުކާރުން ދޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިކަން އިއުލާންކުރެއްވީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފައިވާ ގައުމީ ޓީމުގެ ކުޅުންތެރިންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ސަޕްރައިޒް ނަތީޖާއެއް ނެރެން ގައުމީ ފުޓްބޯޅަ ޓީމުން ކުރާ މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ވެސް ލިބުމަކީ ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. އަދި މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެފިނަމަ އެފްއޭއެމުން ވެސް ކުޅުންތެރިންނަށް ބޯނަހެއް ދޭނެ ކަމަށާއި ކުޅުންތެރިން ގައުމަށް ރީތި ނަން ހޯދައިދޭން ބުރަކޮށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ ކުރިން ވެސް ގައުމީ ޓީމު މޮޅުވާ މެޗުތަކަށް ބޯނަސް ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމަށް އެފްއޭއެމާއި ސަރުކާރުން ވަނީ ބޯނަސް ދީފަ އެވެ.
ޗައިނާއާ ދެކޮޅަށް މިރޭ ރާއްޖެ ކުޅޭ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ގައުމީ ޓީމުގެ އާ ޖާޖީ އިފްތިތާހުކޮށްދެއްވާނެ އެވެ. ގައުމީ ޓީމުން ކުރިން ބޭނުންކުރަމުން އައި ޖޯމާ ބްރޭންޑް މިހާރު ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ގައުމީ ޓީމުތައް ބޭނުންކުރާނީ ސްޕެއިނުގެ ސްޕޯޓްސް ބްރޭންޑެއް ކަމަށްވާ ކެލްމޭ އެވެ.
ރާއްޖޭން މިހާތަނަށް ޗައިނާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ކުޅުނު ދެ މެޗުން، 3-0 އިންނާއި 4-0 އިން މޮޅުވި އެވެ. އެ ފަހަރު ރާއްޖޭގައި ކުޅެން އޮތް ހޯމް މެޗު ވެސް ޗައިނާ އަށް ބަދަލުކުރީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދަނިކޮށް ގަލޮޅު ދަނޑު ހަލާކުވުމުންނެވެ. މި ފަހަރު ވެސް ޗައިނާއާ ދެކޮޅަށް މާލޭގައި މެޗު ކުޅުނަސް އެންމެ ފުރިހަމަ އަށް ހޯމް އެޑްވާންޓޭޖް ނެގެން ނެތީ ދަނޑުގެ ދެ ފަޅިއެއް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައިވާތީ މެޗަށް ވަދެވޭ ސަޕޯޓަރުން މަދުވުމުންނެވެ. ދިވެހިންނަށް މި މެޗަށް ވިއްކާފައިވަނީ 2800 ޓިކެޓެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން އަވޭ ޓީމަށް 20 ޕަސެންޓް ދޭން ޖެހޭތީ ޗައިނާ އަށް 700 ޓިކެޓް ރިޒާވްކޮށްފައިވާތީވެ އެވެ.
ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މިރޭގެ މެޗު ފަށާނީ 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
11 September 2019
ބޭކާރުފަދަ މެޗަކުން އެއްވަރުވެގެން ފުއްދާލައިފިނަމަ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާ. މިދެން ވަރަށް ހެއްވާކަމެއް. އަދި މޮޔަހެއްދުން ކަހަލަކަމެއް. ވިސްނާލަން ޖެހޭނެ ހަގީގަތަކީ ރާއްޖޭޓީމުތަކުން ރާއްޖެއަށް ރަންމެޑެލް ހޯދައިދީފިކަމާ، އެހާވަރުގެ ކަމެއް ކޮށްދިން ބަޔަކަށް ނުދިން އެއްޗެއް މިހާރު ދެން ހަމަ ދޭނެބާއޭ. ބުނަން މިއުޅެނީ މަހުލޫފުއަށްވެސް އެނގެޔޭ ރާއްޖޭޓީމަށް އެކަން ނުވާނެކަން. އެހެންވީމާ ކުޅުންތެރިޔަކަށް މިލިއަނެއް ހުށަހެޅިޔަސް އޯކޭނު!
މަންޑޭލާ
10 September 2019
މަހުލޫފު މިނިސްޓަރުކަން ދޭވަރުމީހެއްނުން. ގާބިލީޔަތު ހުރިމީހުންނަ މިނިސްޓަރުކަން ދޭންވީ.
ޝޮކްތެރަޕީ
10 September 2019
ދިވެހިން ތިބީ ޗައިނާޔާއެކީ.
ރަޓުބޭ
10 September 2019
މަގޭ ސަޕޯރޓު ޗައިނާއަށަ ......ބަޖެޓަށް ލުއިކުރަން ބޭނުން
ބޮޑުމީހާ
10 September 2019
ކިހާ ދެރަކަމެއް؟ ވޯލްޑް ކަޕް ފައިނަލުގަތަ ޗައިނާއާއިއެކު ކުޅެނީ. އެކި ބަލިތަކުގަ ސޯޝަލް މީޑިއާގަ ސަލާންޖަހާ މީހުން ނުފެންނަނީތަ. ކުލި ނުދެއްކިގެން އުޅޭ މީހުން ނުފެނޭތަ. ގައުމުގެ ދަރަނި ބޮޑުވެ ރައްޔިތުން ހަނާވާއިރު އަދިވެސް ލައްކައިން ބޯނަސްދެވޭތޯ ދޯ ތި ބަލަނީ.
ވެލާ
10 September 2019
ޤައުމީ ރޫހު ގެއްލި މާލީ ރޫހު ތިވަނީ...
ޢަޖައިބު
10 September 2019
ތީތި ކަޑަ. ބައިތުލްމާލުން އެހެން ނަގާ ދެވޭތަ؟ ވައްކަމަަށް ނޫނި ކޮރަޕްޝަނަށް ނުވޭތަ؟ ތިހެން ބެހީ ޔާމީން ވެސް ތަފާތެއް ނެއް؟ ދިން މީހިން ބަދަލުވީ. ކޮބާ މަގޭ ހައްގު. ކޮންމެ މަހަކު ސަރުކާރުން އެމީހުންނަށް މުސާރަދޭ ވިއްޔަ ބަލަން ދާހިއްވެސް ކެނޑިއްޖެ. ސިޔާސީ ސިޔާސީ
ނެޑް
10 September 2019
ދެން މުޅި މެޗުގައި އެންމެން ގޯލުތެރޭ ތިބެންވީނުން؟
10 September 2019
މަޙްލޫފް މެޑަލްއެއްޖަހާލަންނަމަވެސް ތިކުރީ ރަންގަޅުކަމެއްނޫން ޤައުމީ ޓީމުގެ ކުޅުންތެރިން ވަކިމެޗެއްގަކުޅެގޮތަކުން އިތުރުބޯނަސް ދޭން މެޗްގެ ކުރިންބުނެގެންނުވާނެ ކޮންމެ މެޗެއްވެސް ޤައުމީޓީމުންކުޅެންވާނީ ޤައުމީރޫޙުގަ، މޮޅުވީމަ ބޯނަސްދޭން ނިންމިއަސް އޯކޭ.
ހަސަނޭޓެ
10 September 2019
ތިޔައެނގުނީ އަދިވެސް ފުޓުބޯޅަކަން ދިވެހިން ގަބޫލުކުރާ ކުޅިވަރަކީ