އަޖުފާނާއި ޒަޔާން ސިންގަލްސް އިން ކަޓައިފި

މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ރާއްޖޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދު އާއި ޒަޔާން ޒަކީ ކަޓައިފި އެވެ.


ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި އިއްޔެ އަޖުފާން ކުޅުނީ އިންޑިއާގެ މަނިގަންޑަން ރާޖޭސަކަރަންއާ އެވެ. ރާޖޭސަކަރަން މޮޅުވީ 21-18، 21-10 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ރާޖޭސަކަރަން ލީޑުގައި އޮތް ނަމަވެސް އަޖުފާން ވަނީ ދެ ފަހަރެއްގެ މަތިން އެއްވަރުކޮށް ލީޑެއް ވެސް ނަގައިފަ އެވެ. އެކަމަކު ފަހު ވަގުތު ތަފާތު ދައްކައި ރާޖޭސަކަރަން ސެޓުތައް ގެންދިޔައީ އެވެ.

އަޖުފާން "މިހާރު" އަށް ބުނީ ފުރަތަމަ ސެޓުގައި އެހާ ވާދަވެރިކޮށް ގޮސްފައި ނުނިންމުމުން ދެ ވަނަ ސެޓުގައި ކުޅެން ޖެހުނީ ޕްރެޝަރެއްގައި ކަމަށާއި އިދިކޮޅަށް ކުޅުނު ކުޅުންތެރިޔާ އޭގެ އެޑްވާންޓޭޖް ނަގައިގެން ރަނގަޅަށް ކުޅުނު ކަމަށެވެ.

"ފުރަތަމަ ބުރުގައި ލިބޭ ފުރުސަތުގައި ޖެހޭނެ ސެޓު ނިންމަން. އެހެން ނޫނީ ދެ ވަނަ ސެޓުގައި ޖެހޭނީ ޕްރެޝަރުގައި ކުޅެން. މި މެޗުގައި އިދިކޮޅަށް ކުޅުނު ކުޅުންތެރިޔާ ވަރަށް ރަނގަޅަށް ހެއިޓް (އިސްކޮޅު)ގެ އެޑްވާންޓޭޖް ވެސް ނެގި،" ގައުމީ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ އަޖުފާން ބުންޏެވެ.

ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ މެލޭޝިއާގެ ބްރަޔާން ލުންއާ ވާދަކޮށް ފޯރިގަދަ މެޗަކަށް ފަހު 21-17، 21-16 އިންނެވެ. ފުރަތަމަ ސެޓުގައި ބްރަޔާން ރަނގަޅު ފޯމެއްގައި ޒަޔާނަށް މާ ބޮޑު ފުރުސަތެއް ނުދީ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ދެ ވަނަ ސެޓުގައި ޒަޔާން ވަނީ ބްރަޔާން އަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ތިން ފަހަރެއްގެ މަތިން ސްކޯ އެއްވަރުކުރި ނަމަވެސް ފަހުން ހިފަހައްޓައިނުލެވުނެވެ. އޭގެ ފައިދާ ނަގައި ބްރަޔާން ވަނީ ސެޓު ނިންމައިފަ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ނަބާހާ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ނަބާހާ ވެސް ވަނީ އިއްޔެ ދުނިޔޭގެ ރޭންކިންގައި ކުރިއެރުން ހޯދަމުން އަންނަ މެލޭޝިއާގެ ލިމް ޕެއީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގެ ސެޓުތައް 27-25، 21-15 އިން ގެންގޮސް ލިމް މޮޅުވި ނަމަވެސް ހަގީގަތުގައި ނަބާހާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ފުރަތަމަ ސެޓުގައި އޭނާ ލީޑުގައި އޮތެވެ. އެކަމަކު ސެޓު ނިންމަން ލިބުނު ވަގުތުތަކުގައި އެކަން ނުވީ އެވެ. އޭގެ ފައިދާ ނަަގައި ފުރަތަމަ ސެޓު ގެންގޮސް ލިމް ވަނީ އެ ފޯމުގައި ދެ ވަނަ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ.

އަންހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުގައި މިއަދު ރާއްޖޭގެ ތިން ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ އިއްޔެ ކުޅުނު މެޗުން މޮޅުވި އައިމިނަތު ޝަހުރުނާޒް މޫސާ އާއި ދެ ވަނަ ބުރުން ފުރުސަތު ލިބުނު އައިމިނަތު ނަބީހާ އާއި މައިސާ ފަތުހުﷲ އެވެ. ޝަހުރުނާޒަށް އިއްޔެ ކުޅެން އޮތް މެޗު ލިބުނީ އިދިކޮޅަށް ކުޅެން އޮތް މޮރިޝަސްގެ ކޮބިތާ ހާޒިރުނުވުމުންނެވެ.

އިއްޔެ އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ނީލާ ނަޖީބާއި މާޝާ ރަޝީދު ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ލަންކާގެ ސުލާރާ ޖަޔަސޫރިއާ އަތުން މާޝާ ބަލިވީ 21-09، 21-05 އިންނެވެ. އަދި ނީލާގެ މައްޗަށް ތައިލެންޑުގެ ސިލްޕްރަބޮކް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-06، 21-08 އިންނެވެ.

މުބާރާތުގައި މިއަދު އަންހެން ސިންގަލްސްގެ އިތުރުން ފިރިހެން ޑަބަލްސް މެޗުތައް ކުރިއަށްދާނެ އެވެ. މެޗުތައް ކުޅެނީ ކުޅިވަރު އެކުވެނި އިންޑޯ ހޯލުގަ އެވެ.