24 ސެޕްޓެމްބަރ 2019 - 11:51
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން އެފްއޭއެމުން އެ ކްލަބް 40،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އަދި އެ ފައިސާ ދެއްކުމުން ނޫނީ ކުރިއަށް އޮތް އެއްވެސް މެޗެއްގައި އެ ޓީމަށް ނުކުޅެވޭނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ. މާނައަކީ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހަނިވުމެވެ.
"ދިރާގު ދިވެހި ޕްރިމިއާ ލީގު 2019 ފުޓްބޯޅަ މުބާރާތުގެ 11.4 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ސާޅީސް ހާސް ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމައިފީމެވެ. ވީމާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރުމަށް މައްސަލަ ރައްދުވާ ފަރާތް، ވިކްޓްރީ ސްޕޯޓްސް ކްލަބަށް އަންގަމެވެ. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތައް، ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެވޭނީ މި ފައިސާ ދައްކައި ހަލާސްކުރުމަށް ފަހު ކަމުގައި ދެންނެވީމެވެ،" އެފްއޭއެމުގައި ބަޔާނުގައިވެ އެވެ.
އެކަމަކު ލީގުގެ ގަވާއިދުގައި ބުނަނީ މި އުސޫލުން ކުރެވޭ ޖޫރިމަނާ ދެއްކުމަށް އަންގާ މުއްދަތުގައި ނުދައްކައިފި ނަމަ އެ ކްލަބަށް އެފްއޭއެމަށް ލިބެން ޖެހޭ ފައިސާ އިން ޖޫރިމަނާ ކުރެވުނު އަދަދު އެފްއޭއެމް އަށް ނެގޭނެ ކަމަށެވެ. މިގޮތުން ފައިސާ ހަމަނުކުރެވިއްޖެ ނަމަ ގޮތެއް ނިންމާނީ އެސޯސިއޭޝަނުގެ ގަވާއިދުގެ ދަށުން އެކްސްކޯ އިން ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއީ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމެއް ކަމަށާއި ކުޅުންތެރިންގެ މައްޗަށް ކުރާ ޖޫރިމަނާ ވެސް ނުދައްކައިފި ނަމަ މެޗު ނުކުޅެވޭ އުސޫލުން ކްލަބަކަށް ވެސް މެޗު ކުޅެވޭނީ ފައިސާ ދައްކައިގެން ކަމަށެވެ.
މިއީ މި ދެ ސީޒަނުގެ ތެރޭ ވިކްޓްރީން ހާޒިރުނުވެ ދިޔަ ތިން ވަނަ މެޗެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީ އަށް މާލީ މައްސަލަތައް ދިމާވެ އަދި އެނޫން ވެސް ސަބަބުތަކާ ހެދި ޓީމު ހަމަކުރެވެން ނެތުމުން، މެޗަށް އެ ޓީމު ހާޒިރުނުވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިހާރު ޓީމުގެ ޒިންމާއާ ހަވާލުވެ ހުރީ ކުރީގެ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްސޫރަ
24 September 2019
ތީ މަހުލޫފަށް ވާނެވަރު ދައުލަތުގެ ދަރަނި 50 ބިލިޔަން ކުލަބުތަށްފެލަނީ ހިނގާހިގުމަށްވެސް މިސަރުކާރުން ލާރި ނަގާނެ
ހަސަން ދެވަނަ
24 September 2019
ކްލަބްގެ 8 ކުޅުންތެރިން އެފް އޭ އެމް ގެ އަންޑާ 19 އަށް ބޭރަށް ލީގު މެދުތެރެއިން ގެންދިޔާމަ ވާނީ މިހިން.. ފުރަތަަމަ ބަލންވީ ޓީމު ހަމަނުވި ސަބަބު
ރާވެރިބެ
24 September 2019
ގައުމުގައި ހުރިހާކަމެއް ގޯހުންގޯހަށް
ވިގޫތާކިހާ
24 September 2019
ކުޅުންތެރިއަކު ގައުމީޓީމަށް ނަގާފައިވަނިކޮށް ގަބޫލުކުރެވޭ އުޒުރެއްނެތި ޓީމުން ވަކިވެއްޖެއްޔާ ޖޫރިމަނާ 50،000 ރުފިޔާ، މިއީ އެންމެ ކުޅުންތެރިއެއްގެ ފައިން. ކުލަބެއް މެޗަކަށް ހާޒިރު ނުވެއްޖެއްޔާ 40،000 ރުފިޔާ. ކޮން އުސޫލަކުން މިބޭފުޅުން ޖުރިމަނާ ކަނޑައެޅުމުގަ ގެންގުޅެނީ؟؟
ޕެނިކު ފަރީދާ
24 September 2019
ފައިސާނެތިގެން ކުޅުންތެރިންނަށް މުސާރަ ނުދެވިގެން މެޗަކަށް ކުޅުންތެރިން ހަމަނުވި ބަޔަކަށް އިތުރު ބޮޑު ޖޫރިމަނާއެއް ކުރުމުން ފައިސާ އޮހެނީތަ؟ ޖުރީމަނާނުކޮށް އެހެން ކަމެއް ކުރުވަންވީނުން، ލައިކު މެނޭޖުމަންޓުގަ ތިބިމީހުން ލައްވާ މާލޭގެ މަޖީދީމަގުގެ ކުނި ކަހުވަންވީނުން އޭރުންތާ ލަދުން ދެންވެސް ނުކުރެވޭވަރު ކަން ކުރަން ނޫޅޭނީ.
ސަސި
24 September 2019
ލީގު 4 ޓީމަށް ކުޑަކުރަން ހިނގާ. ދެން މާޒިޔާއަށް އެޑްވާންޓެޗް ލިބޭ ހުރިހާ ގޮތެއް ބަލަނީ
ރެފްރީކަޅޭ
24 September 2019
ދެން ފައިސާ އިސްރާފުކުރަން ނަމެއްގަ ބޮޑު ލީގެއް ކުޅޭނެކަމެއްނެތް. މާޒިއާ އާ ޓީސީ އާ ދެމެދު މެޗެއް ކުޅުވާފަ ސީޒަން ނިންމާލީމަ އެވީ. ދެ ޓީމް އެއްވަރުވެއްޖިއްޔާ ގުރުއަތުލާފަ މޮޅުވިބަޔަކަށް ތަށިދޭނީ. ބައްސާމް ހެޕީ ދެޓީމް ހެޕީ.