ޗައިނާ މެޗުގެ ފަރިތަކުރުންތަކުގެ ތެރެއިން ދަގަނޑޭ (މ).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 އޮކްޓޯބަރ 2019 - 10:57
ދޮޅު އަހަރަށް ފަހު މިދިޔަ މަހު 10 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ސްކޮޑުން ގައުމީ ޓީމުން އަލުން ފުރުސަތު ދިން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް އަންނަ ބުރާސްފަތި ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ވެސް ފުރުސަތު ދިންއިރު، ގައުމީ ޓީމުގެ ތައްޔާރީތައް ކުރިއަށްގެންދާނީ ސައުދީ އަރަބިއްޔާގަ އެވެ.
ގިނަ ފިއްތުންތަކާ އެކު ވެސް ގައުމީ ޓީމުގައި ދަގަނޑޭ ހިމަނައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނީ ޓީމުގައި ދަގަނޑޭގެ ޖާގަ ދެމެހެއްޓުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ދަގަނޑޭ ގައުމީ ޓީމުގައި ހުރުން ކަމަށް އޭރު ސެގާޓް ބުންޏެވެ.
ގައުމީ ޓީމުން އަލުން ފުރުސަތު ލިބުނު ފަހުން ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު މެޗުތަކުގައި ވެސް ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން އެންމެ ހާއްސަ މެޗަކީ ދާދި ފަހުން ގްރީން ސްޓްރީޓްސް އިން 8-2 ޔުނައިޓެޑް ވިކްޓްރީ ބަލިކުރި މެޗެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ފަސް ގޯލު ޖެހުމުގެ އިތުރުން އަނެއް ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެ މެޗަށް ފަހު ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވަނީ ގައުމީ ޓީމުގައި ހިމެނުމުން އުމުރުން 34 އަހަރުގެ ދަގަނޑޭ އަށް އަނެއްކާ ވެސް ރަނގަޅު ފެށުމަކާ އެކު މޮޅު ކުޅުން ދައްކަން ފުރުސަތު ލިބިއްޖެކަމަށް ބުނެފަ އެވެ.
"އަޝްފާގު ގައުމީ ޓީމަށް ނަގައި އެ ފުރުސަތު އޭނަ އަށް ލިބުނީމަ ވެސް އޭނަގެ ކޮންފިޑެންސް ލެވެލް ތަންކޮޅެއް ހައި ވާނެ. އެއީ ކޮންމެ އަކަސް އޭނަ ވަރަށް އުއްމީދުކުރި ކަމެއް ގައުމީ ޓީމުގައި ކުޅެލުން. އޭނަ ބާކީކޮށްލާފައި ހުއްޓާ ފަހުން ޖާގަ އެއް ލިބުން. އެ ޖާގަ ލިބުން ވެސް އެއީ އިތުބާރަކާ ހިތްހަމަޖެހުމެއް. އެ ކޮންފިޑެންސް އެ ރޫހުގައި އެ ކުޅެލަނީ އޭނާ،" ސުޒޭން ބުންޏެވެ.
ސީރިއާ މެޗަށް ގައުމީ ޓީމުން ސައުދީގައި ކޭމްޕް ކޮށްފައިވާއިރު، މި ފަހަރު ޓީމުގައި އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ބައެއް މުހިއްމު ކުޅުންތެރިން ނުހިމެނެ އެވެ. އަނިޔާގެ ސަބަބުން އިބްރާހިމް ވަހީދު (އިއްބެ) ޓީމާ ދުރުގައި ހުރިއިރު، ދެ ކާޑު ހަމަވުމުގެ ސަބަބުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުރީ ސަސްޕެންޝަނުގަ އެވެ. އެކަމަކު ޗައިނާ މެޗުގައި ރަތް ކާޑު ދެއްކި ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި އެ މެޗުގައި އަނިޔާވެގެން ކުޅުމާ ދުރަށްދާން ޖެހުނު އަހުމަދު ނޫމާން (ހެލްމެޓް) ވަނީ ޓީމުގައި ހިމަނައިފަ އެވެެ.
ގުއާމް މެޗަށް އަމިއްލަ ސަބަބެއްގައި ގައުމީ ޓީމާ އެކު ނުދާން ނިންމި އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) މި ފަހަރު ޓީމުން ފުރުސަތު ނުދެ އެވެ. ރިޒޭ އާއި ސެންޓޭ އެ ފަހަރު ގައުމީ ޓީމާ އެކު ނުދިއިއުމުން އެ ދެ ކުޅުންތެރިން ވަނީ 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ.
ކޯޗު ސެގާޓް ވަނީ ދާދި ފަހުން ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. އެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އަކީ އެންމެ ފަހުން ނެގި ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އޭނާގެ އިތުރުން އެހެން ކުޅުންތެރިން ނަގާނަމަ އެކަން ކުރާނީ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އާ މަޝްވަރާކުރުމަށް ފަހު ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
އަށާރަ އަހަރުން ދަށުގެ ޓީމު މިހާރު އަންނަނީ އަންނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަމުންނެވެ. ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 9-0 އިން ބަލިވިއިރު، މިއަދު ދެ ވަނަ މެޗުގައި ސީރިއާއާ ބައްދަލުކުރާނެ އެވެ.
ސީރިއާ މެޗަށް ނެގި ސްކޮޑުގައި ވެސް ޖުމްލަ ގޮތެއްގައި ހިމެނެނީ އެންމެ ފަހުން ޗައިނާ އާއި ގުއާމް މެޗަށް ނެގި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ފުރުސަތެއް ނެތެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ގުއާމް ނޫން ކޮންމެ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޗައިނާ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ސީރިއާ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތްއިރު، ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ ޕޮއިންޓެއް ނުލިބި ގުއާމް އެވެ.
ބުރާސްފަތި ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ ޔުއޭއީގަ އެވެ. އެއީ ސީރިއާގެ ހޯމް މެޗުތައް ފަހަކަށް އައިސް ކުޅެމުން އަންނަނީ ޔޫއޭއީގަ އެވެ. ރާއްޖޭން ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ދަގަނޑޭގެ ގޯލުން ރާއްޖެ ލީޑުނަގާފައިވަނިކޮށް ސީރިއާ އަށް އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި އަލާ ޝިބްލީ އެވެ. ރާއްޖެ މޮޅުވީ އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވައްދާލި ގޯލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކޮ
06 October 2019
ވާނީމޮޅު އިންޝާﷲ 3 ގޯލް ރާޖެ ޖަހާނެ އަލްހަމްދުލިއްލާހި
ބިސް
06 October 2019
ބައްސާމް އައުޓު ސަވީދު އައުޓު ސެގަރޓް އައުޓް އާސަން ވެންގާ އިން
ވާލުސޮރު
05 October 2019
ގަދަ ޓީމުތަކާ ދެކޮޅަށް ދަގަނޑޭ ނަގާފަ ބަލި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ދަނގަޑޭއަށް ޗާންސް ނުދެނީ ބައްސާމުމެންނަށް އިނގޭ ގިނަ ދިވެހިން ކިޔާނީ ހެޑްލައިންކަން އަދި ވަރަށް އަވަހަށް ހަނދާން ނެތޭކަންވެސް
މަށައް ކީއް؟
04 October 2019
ކީއްވެބާ ސައްޓު ގައުމީ ޓީމަށް ނުނަގަނީ، ތަފާތު، ރަނގަޅު, މޮޅު ކުޅުންތެރިއެއް އެއީ ގައިމު
ކިއްލިބާޝާ
04 October 2019
ދަގަނޑޭ ހުރިއްޔާ އަހަރެ މެން ހާހެއްނުވޭ.
ފޮގުބަ
04 October 2019
ވާނީ ބަލި