ކޯޗުގެ ޖިންސީ ގޯނާގެ މައްސަލަ ފޮރުވަން އުޅުމުގެ ތުހުމަތު ކްރިކެޓް ބޯޑަށް

ޖިންސީ ގޯނާގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އިތުބާހުރި ފަރާތްތަކެއްގެ ފުށުން ޔަގީންވާ ކަމަށާއި އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އޭނާ ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.


ޕާކިސްތާނަށް އުފަން އާސިފް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ފުރަން ގޮސް ހުއްޓަ އެވެ. އިތުރު ތަފްސީލެއް ނުދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެފްރިކާ ފިރިހެނެއް މިއަދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ގޮތަކަށް ގައުމީ ކްރިކެޓް ޓީމުގެ ހެޑްކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު އާއްމުންނަށް އެނގިޔަ ނުދީ އޮތްކަން އެ ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކުޅުންތެރިންނަށް އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ.

ގައުމީ ކްރިކެޓް ޓީމްގެ ކޯޗް އާސިފް: ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި. ފޮޓޯ: އޭސީސީ

އަދި އެ ކުޅުންތެރިން ދެކޭ ގޮތުގައި ކްރިކެޓުގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓެމުގެ ޒިންމާ އޮތް ފަރާތުގެ ހައިސިއްޔަތުން ކްރިކެޓް ބޯޑް ވަނީ މި މައްސަލައި ހެންޑްލުކުރުމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެކަމަކު ކްރިކެޓް ކުޅުންތެރިންގެ ހައިސިއްޔަތުން އެ ކުޅުންތެރިން ތިބީ ކްރިކެޓުގެ އުސޫލުތައް އަލުން އާލާކޮށް ހުރިހާ ކުޅުންތެރިންނަށް ވެސް ރައްކާތެރި މާހައުލެއް މި ކުޅިވަރުގެ ގާއިމްކޮށްދޭން ތައްޔާރަށް ކަމަށް ބަޔާނުގައިވެ އެވެ.

"ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފިޝަލުންނަށް އަޅުގަނޑުމެން މި ގޮވާލަނީ، ޝިކާރަޔަކަށްވި ފަރާތްތަކަށް އެހީވުމުގައި ކުރިއަށް ނުކުތުމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ އިދާރާތަކަށްް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން އާސިފް ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މެލޭޝިއާގައި ޖޫން މަހު އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން އިންޑިއާގެ ކުރީގެ ތަރި ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާ ޓީމާ ދެކޮޅަށް ފެބްރުއަރީ މަހު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް އިރުޝާދު ދިނީ އޭނާ އެވެ. ގައުމީ ކޯޗުކަމުގެ އިތުރުން ބައެއް މެޗުތަކުގައި އޭނާ އަމްޕަޔަރުކަން ވެސް ކުރެ އެވެ.

މިއީ ރާއްޖޭގެ ކުޅިވަރުގައި މިފަދަ ކަމެއް ފެންމަތިވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) ގެ ބަހެއް ހޯދަން މިއަދު ތަކުރާރުކޮށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މުހައްމަދު މަހަފޫޒް ބުނީ މިކަމުގައި ކުޅުންތެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި މިކަމުގައި ކްރިކެޓް ބޯޑުން ވީހާ ވެސް އަވަހަކަށް ފިޔަވަޅުތައް އަޅަން ގޮވާލާ ކަމަށެވެ.