ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ރައީސް އައްލޯ (ވ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ލޯންގޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޮކްޓޯބަރ 2019 - 11:58
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގައި ހުރި މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތުގައި ނޯމަލައިޒިން ކޮމިޓީން އަމަލުކުރާނީ ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ތެރެއިން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)އާ ވެސް މަޝްވަރާ ކުރެވިގެން ކަމަށް ނޯމަލައިޒިން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) ވިދާޅުވެއްޖެ އެވެ.
ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ސައްހަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހާމަކޮށްފައިވަނިކޮށް އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް އެފްއައިވީބީން ވަނީ ހާމަކޮށްފަ އެވެ. އަދި އެފްއަައިވީބީން ގަބޫލުކުރަނީ ކުރިން އޮތް ލަތީފްގެ އިންތިހާބީ ލީޑަޝިޕް ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އެފްއައިވީބީގެ އެ އެންގުމާ އެކު ވީއޭއެމްގެ ނަމުގައި ލަތީފް މުއާމަލާތުކުރަން ފެށި ނަމަވެސް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ ވަނީ އެ ގޮތަށް އަމަލުކުރުމުގެ ހައިސިއްޔަތެއް ލަތީފްގެ ނެތް ކަމަށާއި އެކަން އެ ގޮތަށް ތަކުރާރުކުރާނަމަ ސަހުސު އޮޅުވާލުމުގެ ދައުވާ ކުރާނެ ކަމަށް ބުނެ ލަތީފަށް އިންޒާރު ދެއްވައިފަ އެވެ.
ވީއޭއެމްގެ މަސައްކަތްތަކާ ބެހޭގޮތުން އައްލޯ މިއަދު "މިހާރަ"ށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ތެރެއިން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިފައިވާ ބާރުގެ ދަށުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކޮށްފައިވާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން އެ ގޮތަށް ކުރާއިރު، ކަންތައްތައް ނިންމުމުގައި އެފްއައިވީބީއާ އެކު ވެސް މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.
"ވޮލީގެ ކުރިމަގަށް މަސައްކަތްކުރާއިރު ކުރިއަށްދެވޭނީ އެފްއައިވީބީގެ ތެރެއިން. އެހެންވީމަ އެ ފެޑެރޭޝަނާ ވެސް ވާހަކަ އެބަދެކެވޭ. ކޮންމެ ގޮތެއް ވިޔަސް ނޯމަލައިޒިން ކޮމިޓީގައި ވެސް މި ތިބީ ކުޅިވަރުގެ މީހުން. ވޮލީ އަށް ގެއްލުމެއް ވިޔަ ނުދޭނެ. މި ކަންތައްތަކުގެ ތެރެއިން މަސައްކަތް މި ކުރެވެނީ ވޮލީ އަށް ހައްލެއް ހޯދައިދޭން،" އައްލޯ ވިދާޅުވި އެވެ.
ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ލަތީފްގެ ފަރާތުން އެދިފައިވާގޮތަށް މި ވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ މި ދައުވާގެ މައުލޫގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ މި ވަގުތު ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ލަތީފްގެ ދައުރުގައި ވީއޭއެމްގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ބަދަލުތަކުގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް ފާހަގަވި އެވެ. އެހެންވެ އެކަން ރަނގަޅު ކުރުމަކީ ނޯމަލައިޒިން ކޮމިޓީގެ ބޮލުގައި އެޅިފައި އޮތް ބޮޑު ޒިންމާ އެވެ. އެ ގޮތުން ނޯމަލައިޒިން ކޮމިޓީން ފުރަތަމަ މައުލޫމާތު އެއްކުރީ އެސޯސިއޭޝަންގެ ސައްހަ މެމްބަރު ކްލަބްތައް ހޯދުމަށެވެ. އެ ގޮތުން ނޯމަލައިޒިން ކޮމިޓީން ހޯދި ހޯދުމުގައި ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު މުބާރާތްތަކުގައި ކުޅެފައިވާ އަށް ކްލަބަކީ ސައްހަ މެމްބަރު ކްލަބްތައް ކަމުގައި ކަނޑައެޅި އެވެ. އަދި އެކަމާ މެދު ޝަކުވާއެއް އޮތްނަމަ އެކަން ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.
"ދެ ތިން ކްލަބުން ޝަކުވާ އައި. އެކަމަކު އޭގެ ވެލިޑް ކަންތައްތަކެއް ނޫން ހުރީ. މިސާލަކަށް ހަމައެކަނި ބީޗް މުބާރާތެއްގައި ކުޅެލައިގެން އެސޯސިއޭޝަނެއްގެ ފުރިހަަމަ މެމްބަރަކަށް ވުމުގެ ފުރުސަތު ނުދެވޭނެ. އެއީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން. މީގެ އިންޑޯގައި ބޮޑު ހަރަދުކޮށްފައި ގަވާއިދުން މުބާރާތުުގައި ކުޅޭ ދެމެހެއްޓެނިވި ކްލަބްތަކަށް ފުރުސަތު ބޮޑުވާންޖެހޭ،" އައްލޯ ވިދާޅުވި އެވެ.
ސައްހަ މެމްބަރުކަން ލިބުނު ކްލަބްތަކަކީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޕޮލިސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް، ސްޕޯޓްސް ކްލަބު ހޯކްސް އަދި ކްލަބް ހާފް ލައިން ލިންކޭޖް އެވެ.
ނޯމަލައިޒިން ކޮމެޓީން ހޯދި ހޯދުމުން ސައްހަ މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅި އަށް ކްލަބާ އެކު ބައްދަލުވުމެއް ވަނީ މީގެ ކުރިން ބާއްވައިފަ އެވެ. އަދި ވީއޭއެމްގެ ހިންގާ ގަވާއިދާ ގުޅޭގޮތުން މަޝްވަރާތަކެއްކޮށް ކަންތައްތައް ރަނގަޅުކުރަން ކުރެވެން ހުރި ގޮތްތައް ބެލި އެވެ. އަދި އެ ހުރިހާ ކަމެއް ރަސްމީކޮށް ފާސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރޭ ބާއްވަން ތާވަލުކުރި އެވެ.
"އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޝަންގެ ކަންތައްތައް ރަނގަޅުކުރުމަކީ ނޯމަލައިޒިން ކޮމިޓީގެ ޒިންމާ. އެކަން ކުރާނީ މެމްބަރު ކްލަބްތަކުގެ ލަފާގެ މަތިން. މިއީ ކޮމިޓީން ވޯޓު ލައިގެން ކުރާ ކަމެއް ނޫން. މީގެ ގޮތް ނިންމާނީ ވެސް މެމްބަރު ކްލަބްތަކުން. އެއީ މެމްބަރު ކްލަބްތަކެއް ނެތި އެސޯސިއޭޝަނެއް ނޯންނާނެ. އެ މަރުހަލާ މި ނިމެނީ ކޮންގްރެސްގައި މެމްބަރު ކްލަބްތަކުން މި ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްގެން،" އައްލޯ ވިދާޅުވި އެވެ.
ވީއޭއެމްގެ ކަންތައްތައް ހައްލުކުރަން ނޯމަލައިިޒިން ކޮމިޓީ އަށް ސްޕޯޓްސް ކޮމިޝަނަރު ދީފައިވާ މުއްދަތު މި ހަފްތާގެ ނިޔަލަށް ހަމަވާނެ އެވެ. އައްލޯ ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ނޯމަލައިޒިން ކޮމިޓީން ކަންތައްތައް ކުރަމުންދާނެ ކަމަށާއި އެކްސްޓްރާ އޯޑިނަރާ ކޮންގްރެސް އިން ވީއޭއެމްގެ ހިންގާ ގަވައިދުގައި ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެ އަށް ފަހު ވީއޭއެމްގެ އިލެކްޓޯރިއަލް ކޮންގްރެސް (އިންތިހާބުގެ)ގެ ކަންތައްތައް ކުރާނީ ކިހިނެއްތޯ ނިންމަވާނީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޯމަލައިޒިން ކޮމިޓީއާ އެކު އިންތިހާބުގެ ކަންތައްތައް ބާއްވާނީތޯ ނޫނީ ވަކި އިލެކްޓޯރިއަލް ކޮމިޓީއެއް ހަދައިގެން ކުރިއަށްގެންދާނީތޯ ނިންމާނީ ކޮމިޝަނަރު،" އައްލޯ ވިދާޅުވި އެވެ.
ވީއޭއެމްގެ ރައީސަކު ހޮވަން 2016 ވަނަ އަހަރުގެ މާޗް މަހު އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ވީއޭއެމްގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮތް އިންތިހާބު ކާމިޔާބު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަންވިލާ
10 October 2019
ލަތީފު ހުރު މައް ވުރެ އައްލޯ އާ މިރު ހުނަނާތީ މާދެރަ
ޠޫސުފް
10 October 2019
ލަތީފުގެ ކިބައިން ވޮލީ ސަލާމަތް ކުރަންޖެހޭ..، ވޮލީގެ ހަލާކު އެއީ...
ރަޤީބު
09 October 2019
ޝުކުރިއްޔާ ސްޕޯރޓްސް ކޮމިޝަނަރ ލަތީފުގެ ކިބައިން ވޮލީ ސަލާމަތް ވީތީ ހަމްދު ކިޔަން
މައިބަދަވިއްޔަ
08 October 2019
އެެހެންތާވާނީ ތީގައުމުގެ މައިބަދަވިއްޔަ!
ބަބުރަންޖީ ހާޖީ
08 October 2019
މީ ކޮން ނޯމަލައިޒިން ކޮމެޓީއެއްތަ؟