ފައިނަލުގައި ބަނޑޮހާއި ރީތި ރަށުގެ ކުރިމަތިލުމެއް

އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތި ރަށް ވާދަކުރަންޖެހިއްޖެ އެވެ.


ބަނޑޮސް ފައިނަލުން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި ފޯ ސީޒަން ކުޑަހުރާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. ބަނޑޮހުން ސެޓުތައް ގެންދިޔައީ 25-19، 25-16 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ޑަބްލިއު މޯލްޑިވްސް އަތުން ރީތި ރަށް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

މުބާރާތުގެ ޒޯން ބުރުގައި ރީތި ރަށާއި ބަނޑޮސް ވަނީ ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. ޒޯން ބުރުގެ ފުރަތަމަ މެޗުގައި ބަނޑޮސް ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. ހަމަ އެ ނަތީޖާއިން ޒޯން ފައިނަލުގައި ރީތި ރަށް ބަލިކޮށް ބަނޑޮސް ވަނީ ޒޯން ތަށި ދިފާއުކޮށްފަ އެވެ. ކުރިން ދެ މެޗުން ވެސް ބަނޑޮސް މޮޅުވުމުން ފައިނަލުގައި ރީތި ރަށް ނުކުންނާނީ ބަދަލުހިފުމަކަށް އަމާޒުކޮށެވެ.

ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމަށް މި ފަހަރު ބަނޑޮހުން ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ. އެ ގޮތުން އެ ޓީމުން ވަނީ ކުރީގެ އޮތް ޓީމުގެ ތެރެއަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރާއްޖޭގެ އެއް ވަނަ ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އިތުރުކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗު މުހައްމަަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބަނޑޮސް ޓީމަކީ މި ފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު ވެސް މުބާރާތް ކާމިޔާބިކުރާނެ ކަމަށް ބެލެވިފައި އޮތް ޓީމެވެ.

މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަނޑޮސް މޮޅުވީ ގްރޭންޑްޕާކް ކޮއްދިއްޕަރުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު ބަނޑޮސް ވޮލީ ކޯޓުގަ އެވެ. މިއަދު ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ޑަބްލިއު މޯލްޑިވްސް އާއި ފޯ ސީޒަން ކުޑަހުރާ އެވެ.