ނާއިމަށް ސީރިއަސް އަނިޔާއެއް

ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.


އުމުރުން 23 އަހަރުގެ ނާއިމްގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން 1-0 އިން އީގަލްސް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ނާއިމްގެ ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވުމަށް އޭނާ ޖެހެނީ އޮޕަރޭޝަން ކުރާށެވެ. އޮޕަރޭޝަނަށް ފަހު މަދުވެގެން ހަ މަސް ދުވަހު ނާއިމް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެހެންވެ އޭނާ މި ސީޒަނުގައި ދެން ނުފެންނާނެ އެވެ.

މާޒިޔާ އަތުން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ނާއިމާއި އެ މެޗުގައި ދެން އަނިޔާވި މާޒިޔާގެ ނާއިޒު ހަަސަން (ދާދު)ގެ އިންޖަރީ އަކީ ލިބުނު މާޔޫސްކަމެއް ކަމަށް ބުނެފަ އެވެ. ހާއްސަކޮށް ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު މުހިއްމު ދެ މެޗެއް އޮތުމުންނެވެ. އެއީ މާލޭގައި ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

މީގެ ދެ އަހަރު ކުރިން އީގަލްސްގެ ފުރަތަމަ ޓީމުގައި ތަފާތު ދައްކަން ފެށި ނާއިމަށް އެންމެ ފުރަތަމަ ސީނިއާ ގައުމީ ޓީމުން ފުރުސަތު ދިނީ މިދިޔަ އަހަރު ކުރީކޮޅު ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓަ ސެގާޓް ހަވާލުވި ފަހުންނެވެ.

ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއިމް (ކ.3). -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެދުތެރެއަށާއި ކުރީގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކ. ގުރައިދޫ އަށް އުފަން ނާއިމް އެއްވެސް އުމުރުފުރާގެ ގައުމީ ޓީމަކަށް ކުޅެފައިނުވާއިރު ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ފުރަތަމަ ލައްވާލާ ގޮތެއްނުވި އެވެ. މިިދިޔަ އަހަރު ސާފް ސުުޒުކީ ކަޕް ކާމިޔާބުކުރި ޓީމާ އެކު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރި ނަމަވެސް ފައިނަލް ސްކޮޑުން ބާކީވީ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ނާއިމް އަކީ އަދި ޒުވާން ކުޅުންތެރިޔެއް ކަމަށާއި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވުމަށް ފުރިހަމަ ރިހެބިލިޓޭޝަނަކާ އެކު ރިކަވާވެއްޖެނަމަ އަދިވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

ނާއިމް އަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ މެޔޯޓް ކޮޅަށް ރާއްޖޭގެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ނާއިމް ފުރަތަމަ އެގާރައިގައި ކުޅުނެވެ.