ސާފް ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
23 އޮކްޓޯބަރ 2019 - 09:02
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އެކަމަށް މައާފަށް އެދި އަލުން ޓީމާ ގުޅެން ބޭނުންކަމަށް ބުނެފި އެވެ.
ސެންޓޭގެ އިތުރުން އެ ފަހަރު ގައުމީ ޓީމާ އެކު ނުދިޔަ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ވަނީ މައާފަށް އެދިފަ އެވެ. ރިޒޭ އާއި ސެންޓޭ ގުއާމް މެޗަށް ނުދިއުމުން އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދެއްކީ ކްލަބް އީގަލްސް އިންނެވެ.
ރާއްޖޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ބ. އޭދަފުށްޓަށް އުފަން ސެންޓޭ މިރޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ފުރަގަސްދެވުމަކީ ހެދުނު ގޯހެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
"ކުރެވުނު ކަންތައް ރަނގަޅެއް ނޫން. އެކަމަށް ޒިންމާ ނަގަން. އެކަމަށްޓަކައި ޓީމާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން. އުއްމީދަކީ އެންމެން އަހަންނަށް މައާފް ދިނުން. ގައުމީ ޓީމުން ފުރުސަތު ދީފިނަމަ ތައްޔާރަށް އެބަ ހުރިން،" ސެންޓޭ ލިޔެފައިވެ އެވެ.
ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އުމުރުން 31 އަހަރުގެ ސެންޓޭ އެވެ. އޭނާ އަކީ މި ވަގުުތު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ސިނިއާ ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ގައުމީ ޓީމުން ސާފް ސުުޒުކީ ކަޕްގެ ތަށި އުފުލާލި ފައިނަލުގައި ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވުމުން ފައިނަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސެންޓޭ ވަނީ އެ މެޗުގައި ލަނޑު ޖަހައިފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމުތަކުގައި ހިމެނުމުން ދާން ދެކޮޅު ހަދާފައިވާ ކުޅުންތެރިންނަށް ވަނީ އެކި އަދަބުދީފަ އެވެ. ބައެއް ގައުމުތަކުގައި ޖޫރިމަނާ ކުރުމަށް ފަހު ވަކި މުއްދަތަކަށް ޓީމުން ބާކީ ވެސް ކުރެ އެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުގައި ޖޫރިމަނާ އަށް ފަހު ކޯޗު ބޭނުންނަމަ ކުޅުންތެރިންނަށް ފުރުސަތު ދީފައި ވެސް ވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު މާލޭގައި މުހިއްމު ދެ މެޗެއް ރާއްޖޭން ކުޅޭނެ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ކުރިއަށްދާއިރު އެންމެ މުހިއްމު ދެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާއިރު 19 ވަނަ ދުވަހު ކުޅޭނީ ގުއާމްއާ އެވެ. ރާއްޖޭން ވަނީ ގުއާމް އަތުން އެ ގައުމުގައި 1-0 އިން މޮޅުވެފަ އެވެ. ޗައިނާ އަތުން މާލޭގައި 5-0 އިން ބަލިވިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ވަރުގަދަ ސީރިއާ އަތުން ރަށުން ބޭރުގައި ބަލިވީ 2-1 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހުރީބެ
23 October 2019
މަރްހަބާ ދަރިޔާ...ކޮން އިރަކުތަ ބެޑްމިންޓަން ދެ ކުޅުންތަރިން ތޯއިފް އާއި ޒަޔާން މާފަށް އެދެނީ..
އައްޓަމަސް
23 October 2019
ޓީމަށް ނަގާކަށް ނުފެނޭ!
ބަކުރު8
23 October 2019
ޕްލީޒް ޑޯންޑްގިވް ދެމް