ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ސެންޓޭ (ކ) އާއި ރިޒޭ.-- ފޮޓޯ: މިހާރު
27 އޮކްޓޯބަރ 2019 - 19:24
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް މާފު ދިނުމަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ދީފި އެވެ.
ކޮލިފައިންގައި ރާއްޖެ އަންނަ މަހު 14 ވަނަ ދުވަހާއި 19 ވަނަ ދުވަހު މާލޭގައި ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ ދެ މެޗަށް ގައުމީ ޓީމު ސްކޮޑު މިރޭ ޓްރެއިނިން ކޭމްޕްގައި މެލޭޝިއާ އަށް ފުރާނެ އެވެ.
ރިޒޭ އާއި ސެންޓޭ ގުއާމް މެޗަށް ނުދިއުމުން އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދެއްކީ ކްލަބް އީގަލްސް އިންނެވެ. އެހެން ގައުމުތަކުގައި ގައުމީ ޓީމަށް ނޭރުމުން އަދަބުދޭ ކުޅުންތެރިން ވަކި މުއްދަތަކަށް ގައުމީ ޓީމުން ބާކީވެސް ކުރެ އެވެ. އެކަމަކު ރިޒޭ އާއި ސެންޓޭ އަށް ފުރުސަތު ދިނީ ޓީމު އަންނަ މަހު މުހިއްމު ދެ މެޗަށް ތައްޔާރުވާތީ އެވެ.
ގައުމީ ޓީމުގެ ކޮމިޓީ އާއި އެފްއޭއެމްގެ އިސްވެރިންނާ އެކު މިއަދު ހަވީރު އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ގޮވާލައިފިނަމަ ކޮންމެ ކުޅުންތެރިޔަކު ވެސް އިޖާބަ ދޭން ޖެހޭނެ ކަމަށާއި ކޮންމެ ފަހަރަކު މާފު ދިނުމަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށެވެ.
"ގައުމީ ޓީމަށް ގޮވާލާ ކޮންމެ ވަގުތެއްގައި ތި ކުޅުންތެރިން ޖެހޭނެ ގައުމީ ޓީމަށް އަންނަން މިއީ މިތާ ބައްސާމް އަދީލް ޖަލީލް ހުރީމަ ކޮށްދޭކަމެއް ނޫން، މިއީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ވަކި މީހަކު ހުރެގެން ކޮށްދޭ ކަމެއް ނޫން. މިއީ ގައުމަށް ކޮށްދޭ ކަމެއް،" ބައްސާމް ވިދާޅުވި އެވެ. "ގައުމީ ޓީމަކީ ގައުމަށްޓަކައި ކުރެވޭ ހަނގުރާމައެއް."
ގައުމީ ޓީމު މެލޭޝިއާގައި ކޭމްޕް ކުރާއިރު މި ފަހަރު ޓީމުގައި ނުހިމެނޭ ކުޅުންތެރިޔަކީ އެންމެ ފަހުން ގައުމީ ޓީމުގެ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅުނު އީގަލްސްގެ މުހައްމަދު ނާއިމް އެވެ. އޭނާ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން ހަ މަސް ދުވަހަށް ވަނީ ކުޅުމާ ދުރަށްދާން ޖެހިފަ އެވެ.
އަލީ އަޝްފާގު (ދަގަނޑޭ) އަށް މި ފަަހަރު ވެސް ގައުމީ ޓީމުން ފުރުސަތު ދީފައިވާއިރު، އެންމެ ފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު މާޒިޔާގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ ހިމަނައިފަ އެވެ. އަދި އަނިޔާގެ ސަބަބުން މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނު މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) ވެސް ވަނީ ހިމަނައިފަ އެވެ.
ގައުމީ ޓީމުން ދެން ފުރުސަތު ދިން ކުޅުންތެރިންނަށް ބަލާއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) އާއި ވިކްޓްރީގެ އަހުމަދު ނާހިލް އިބްރާހިމް ހިމެނެ އެވެެ. މީގެ ތެރެއިން ނާހިލް ކުޅެމުން އަންނަ ވިކްޓްރީ އަކީ އެންމެ ފަހުން ކުޅުނު ތިން މެޗަށް ވެސް ޓީމު ހަމަނުކުރެވުނު ޓީމެކެވެ. ނާހިލް އަށް ވިކްޓްރީން ރިލީޒް ނުދޭތީ މިއަދު އޭނާ ނުފުރަ އެވެ.
ގައުމީ ކޯޗު ޕީޓަ ސެގާޓް ހަވާލުވި ފަހުން މަދު ފަހަރަކު ނޫނީ ގައުމީ ސްކޮޑަށް ބަދަލު ގެނެސްފައިނުވެ އެވެ. ލީގުގައި ގަވާއިދުން ކުޅޭ ގިނަ ކުޅުންތެރިން ޓީމުގައި ނުހިމަނައި މެޗުތައް ނުކުޅޭ ކުޅުންތެރިން ޓީމުގައި ހިމަނާ ކަމުގެ ޝަކުވާ ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ވަނީ ކޮށްފަ އެވެ.
ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރުންގެ އިތުރުން އެފްއޭއެމްގެ ބައެއް ވެރިން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ ފުރަތަމަ ބުރުގައި ރަށުންބޭރުގައި ގުއާމް އަތުންނެވެ. ކޮލިފައިންގައި މި ވަގުތު ހަތަރު ވަނައިގައި އޮތް ރާއްޖެ ވަނީ މާލޭގައި 5-0 އިން ޗައިނާ އަތުން އަދި ޔޫއޭއީގައި ކުޅުނު ސީރިއާ މެޗުން 2-1 އިން ބަލިވެފަ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ހާއްސަ އަމާޒެއްގައި މަސައްކަތްކުރަމުން އަންނަ ރާއްޖެ އަށް ކޮލިފައިންގައި ކުރިމަތިވާނެ އެންމެ މުހިއްމު މެޗުތަކަކީ ފިލިޕީންސާއި ގުއާމް މެޗެވެ. މާލޭގައި ކުޅޭ މި ދެ މެޗު ފޯރިގަދަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވަމުން އަންނަ ކަމަށް ދާދި ފަހުން އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީން ވަނީ ބުނެފަ އެވެ.
މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)
އީގަލްސް: އަލީ ފާސިރު (ސެންޓޭ)، އަހުމަދު ރިޒުވާން (ރިޒޭ)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން
ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް، އަލީ އަޝްފާގު (ދަގަނޑޭ)
ޓީސީ: އިބްރާހިމް އައިޝަމް، އަކުރަމް އަބްދުލް ގަނީ (އަކޫ)
ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)
ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު (އަޔާ)
ޔުނައިޓެޑް ވިކްޓްރީ: ހަސަން ތޮލާލު (ތޮލާ)
ވިކްޓްރީ: އަހުމަދު ނާހިލް އިބްރާހިމް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮނު އީސާ
28 October 2019
މިއީ ވަރަށް މަތީގަ އުޅޭ 2 ކުޅުންތެރިން
ސިފާ
28 October 2019
އެހެން ކުޅިވަރު ތަކުގަވެސް ގޯސް ހެދިފަވާ ކުޅުންތެރިން ވެސް އަވަހަށް މާފައް އެދޭ...ގޯސް ހެދުނީމަ އެކަން ގަބޫލް ކުރަން ވީ...ލޯބި ވެވުމަކީ ކުށެއް ނޫން...އެ ކަމާހެދި ގައުމީ ޓީމާ ދުރަށް ދިޔައީމަ ގޯސް
އާރީ
27 October 2019
މާފްދީފަވެސް ގައުމީޓީމަށް ނަގަށްޖެހޭ ދެކުޅުންތެރިން ތީ.