އެއް ދުވަހު ތިން ފައިނަލް ކުޅެ ނަބާހާ އަށް ތިން ތަށި!

ގައުމީ ބެޑްމިންޓަން މުބާރާތަށް 46 އަހަރު މި އަހަރުވީ އިރު، ވޭދުވެދިޔަ ދިގު ތާރީހުގައި ވެސް މަދު ފަހަރަކު ނޫނީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ނަބާހާ އިއްޔެ ހާސިލްކުރި ކާމިޔާބީ ހޯދިފައިނުވާނެ އެވެ. މުބާރާތުގެ ފައިނަލްތައް އެއް ދުވަހުން ކުޅޭ ގޮތަށް އޮންނައިރު، އޯޕަން ޑްރޯގައި އެއް ކުޅުންތެރިއަކަށް ވާދަކުރެވޭނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަަބަލްސްގަ އެވެ. މި ތިން ކެޓަގަރީގައި ވާދަކޮށް ނަބާހާ މި ފަހަރުގެ ގައުމީ މުބާރާތް ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ތިން ތަށި ހިފައިގެންނެވެ.


"ވަރަށް ވަރަށް އުފާވެރި ދުވަހެއް މިއީ. ނަބާ އަށް އިހުސާސް ކުރެވެނީ މި ކާމިޔާބީ މި ހޯދުނީ އަމިއްލަ އަށް ވެސް ވަރަށް މަސައްކަތް ކުރެވިގެންކަން. މި އަހަރު ފެށިގެން ދިޔައިރު ވަރަށް އުނދަގޫތަކަކާ ދިމާވި ބެޑްމިންޓަން ތެރެއިން ކެރިއަރަށް ބަލާއިރު ވެސް ވަރަށް ގޮންޖެހުންތަކަކާ ދިމާވެގެން މިކަން ކުރެވުނީމަ ހަގީގަތުގައި ވަރަށް ޕްރައުޑްވޭ. ވަރަށް ހިތްހަމަ ޖެހޭ ތިން މެޑަލް ހިފައިގެން ގެއަށް ދެވޭތީ،" ގައުމީ ސިންގަލްސް ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދި ނަބާހާ ބުންޏެވެ.

އަންހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން ނަބާހާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު އެވޯޑްސް" ގެ ރާއްޖޭގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނަބާހާ ބުނީ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް މި ފަހަރު ލިބުނު ނަމަވެސް ތިން ކެޓަގަރީން ވެސް ނުކުތީ ކާމިޔާބީ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމަކާ އެކު ކަމަށެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ބެޑްމިންޓަން ކުޅޭހާ ހިނދަކު ބޭނުންވަނީ މިގޮތަށް މަސައްކަތް ކުރަމުން މި ގޮތަށް މެޑަލް ހޯދަމުންދިޔުން. އިރާދަކުރެއްވިއްޔާ އެ ގޮތަށް ދެން ވެސް މަސައްކަތްކުރާނީ،" އުމުރުން 21 އަހަރުގެ ނަބާހާ ބުންޏެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ނަބާހާ ފެށީ އަންހެން ސިންގަލްސް ފައިނަލުންނެވެ. އެ މެޗުގައި އިދިކޮޅަށް ނުކުތީ ނަބާހާގެ އެއްމާބަނޑު އައިމިނަތު ނަބީހާއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ނަބާހާ އެ ތަށި މި އަހަރު ދިފާއުކުރީ 2017 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަން ނަބީހާ އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓުގައި ވަރަށް ވާދަވެރިކޮށްދިޔައިރު، ދެ ކުޅުންތެރިންނަށް ވެސް ލީޑުނަގަން ލިބުނެވެ.

އެކަމަކު މުހިއްމު ވަގުުތުގައި ނަބާހާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެ ފުރަތަމަ ސެޓު 21-18 އިން ގެންގޮސް ފެށުން ވަރުގަދަ ކުރިތަނެވެ. އެކަމަކު ދެ ވަނަ ސެޓުގައި ނަބީހާ އޮތީ ރަނގަޅު ރޫހެއްގަ އެވެ. ބޮޑު ލީޑެއް ނަގައި އެ ފޯމުގައި މުޅި ސެޓުގައި ވެސް ކުޅެ ނަބީހާ މި ސެޓު ގެންދިޔައީ 18-21 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ވަރަށް ވާންކޮށް ދިޔަ ނަމަވެސް ނަބާހާ ވަނީ ފުރުސަތުގެ ބޭނުން ހިފައި 21-19 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ.

އަންހެން ސިންގަލްސް މެޗުގެ ތެރެއިން ނަބާހާ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެން ޑަބަލްސް ބައިގައި ނަބީހާ އާއި ނަބާހާގެ ޕެއާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ކާމިޔާބު ހޯދާފައިވާ ޕެއާ އެކެވެ. ޑަބަލްސް ބައިގެ ތަށި ނަބީހާ އާއި ނަބާހާގެ ޕެއާ ދިފާއުކުރީ ފައިނަލުގައި އައިމިނަތު ޝަހުރުނާޒް އާއި ނީލާ ނަޖީބުގެ ޕެއާ އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ނަބީހާ އާއި ނަބާހާގެ ޕެއާ 18-21 އިން ގެންގޮސްފައި ވަނިކޮށް ދެ ވަނަ ސެޓު 21-19 އިން ގެންގޮސް ޝަހުރުނާޒާއި ނީލާގެ ޕެއާ އިން އުއްމީދުއާ ކުރި އެވެ. އެކަމަކު މެޗުގެ ނަތީޖާ ނެރެން ކުޅުނު ސެޓުގައި ދެބެންގެ ޕެއާ އިން ހިތްވަރު ނެރެ 19-21 އިން ސެޓު ގެންގޮސް މެޗުން މޮޅުވި އެވެ.

މިދިޔަ އަހަރުގެ މިކްސް ޑަބަލްސް ބައިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވީ ބައްޔެވެ. އެކަމަކު މި ފަހަރު އަލުން އެ ބައިން ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ނަބާހާ އާއި ޒަޔާންގެ ޕެއާ މި ބައިގެ ފައިނަލުގައި ހަސަން އަފްޝީން އާއި ނީލާގެ ޕެއާގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-15، 21-10 އިންނެވެ. މި ފައިނަލަށް ފަހު ތިން ފައިނަލުން ވެސް މޮޅުވުމުން ނަބާހާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އޭނާ އަށް އެންމެ ހިތްވަރުދޭން ހުރީ އެއްމާބަނޑު ކޮއްކޮ ނަބީހާ އެވެ.

ނަބާހާ (ކ) އާއި ނަބީހާ ތަށިތައް ހިފައިގެން ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެންމެ ފުރަތަމަ ސިންގަލްސް ކުއާޓާގައި ކުޅުނުއިރު ވެސް އެނގޭ މަސައްކަތްކޮށްފިއްޔާ މިއީ ނަބާގެ އެއްޗެކޭ. މިކްސް ވެސް އެހެން. ޑަބަލްސްގައި އިނީ ސީޑްވެފައި އިނީމަ ފައިނަލުގައި. އެކަމަކު ހުރިހާ މެޗަކަށް އެރިއިރު ވެސް ކުރެވޭ މަސައްކަތަށް ބަލާފައި އިނގޭ ނަބާކަން މޮޅުވާނީ އިރާދަކުރެއްވިއްޔާ. އެއީ ވަރަށް މަސައްކަތް ހަގީގަތުގައި ކުރެވިއްޖެ،" ތިން މެޗާ ބެހޭގޮތުން ފަހު ބަހަކަށް ނަބާހާ ބުންޏެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފިރުޝާނާ ނަސީރު ބަލިކޮށް އައިޝަތު ފައިނާޒް އެވެ. އެ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޝަރީފް އާއި އައިމިނަތު ނަސީމާގެ ޕެއާ އެވެ. އެއީ ފައިނަލުގައި ފައިނާޒާއި ފިރުޝާނާގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. މި ޑިވިޝަނުގެ މިކްސް ޑަބަލްސް ބައިން ތަށި އުފުލާލީ އައިޝަތު ޔުމްނާ އާއި އަހުމަދު ނަދީމްގެ ޕެއާ ބަލިކޮށް ނަސީމާ އާއި އަލީ މުއާޒްގެ ޕެއާ އެވެ.