ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި

ސްޕޯޓްސް މިނިސްޓަރީން ބަޖެޓް ދިނުމާ އެކު، ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އެތުލެޓިކްސް އެސޯސިއޭޝަނުން ދުވުންތެރިންގެ ރާއްޖޭން ބޭރަށް ތަމްރީނަށް ފޮނުވައިފި އެވެ.


އެ ދުވުންތެރިންނަކީ އިންޑިއާގެ ޕަޓިއާލާ އަށް ފޮނުވި ދެ ސްޕްރިންޓަރުން ކަމަށްވާ ހަސަން ސާއިދާއި އިބާދުﷲ އާދަމް އާއި މިޑްލް ޑިސްޓެންސް ދުވުންތެރިން ކަމަށްވާ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި ހުސެއިން ރިޒާ (ކުޑަރިޒާ) ކެންޔާ އަށް ފޮނުވި މެރެތަން ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އެންމެ ފަހުގެ ދެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސް އިން ނަތީޖާ ނެރެފައިވާތީވެ އެތުލެޓިކްސް އެސޯސިއޭޝަނުން އުއްމީދުކޮށްގެން ތިބީ މަދުވެގެން ތިން މެޑަލް ހޯދާށެވެ. އެކަމަކު ކުރިއާލާ ބޭރަށް ދެވޭ ގޮތް ނުވުމުން އުއްމީދު ވަނީ ފަނޑުވެފަ އެވެ.

ސާއިދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވަނީ. --ފޮޓޯ: އެމްއޯސީ

ޕަޓިއާލާ އަށް ދިޔަ ދުވުންތެރިން ތަމްރީން ހަދާނީ އެތަނުގައި ހުންނަ، އިންޑިއާގެ އެންމެ ފެންވަރު ރަނޅު އެއް ސެންޓަރުގަ އެވެ. އެތަނުން ޖާގަ ހަމަޖެހުނީ އިންޑިއާ އެތުލެޓިކްސް ފެޑެރޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު ވާހަކަދެކެވިގެންނެވެ.

އެތަނަށް ދިޔަ ހަތަރު ދުވުންތެރިންގެ ތެރެއިން ސާއިދު ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ޖުލައި މަހު މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އެވެ.

އިބާދުﷲ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވަނީ. --ފޮޓޯ: އެމްއޯސީ

އިބާދުﷲ އަކީ ރިލޭ ޓީމުގެ ދުވުންތެރިޔެކެވެ. ރިލޭގެ އިތުރު ދުވުންތެރިން އިންޑިއާ އަށް ފޮނުވަން އެސޯސިއޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. ކުޑަރިޒާ އަކީ 800 މީޓަރުގެ ރެކޯޑް ހެދުމާ އެންމެ ގާތުގައި ހުރި ދުވުންތެރިޔާ އެވެ. އަދި ފަޒީލަކީ 5000 މީޓަރު ދުވުމާއި 1000 މީޓަރު ދުވުމުގައި ޓްރެކް އަދި ރޯޑް އިވެންޓުގައި ވެސް ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ.

ޝިފާޒް ކެންޔާގައި ތަމްރީން ހަދަނީ.

ޝިފާޒް ތަމްރީނަށް ދިޔަ ކެންޔާގައި އޭނާ ވަނީ އަމިއްލަ ގޮތުން ހޯދި ފުރުސަތެއްގެ ދަށުން ނޮވެމްބަރުން ފެށިގެން ފެބްރުއަރީ އަށް ތަމްރީން ހަދައިފަ އެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހޯދައިދިން ފުރުސަތެއްގައި ފެބްރުއަރީން ފެށިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ ހަމަޔަށް ވެސް އެތަނުގައި ތަމްރީން ހެދި އެވެ. އެ ތަމްރީންތަކާ އެކު ޝިފާޒް ވަނީ ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައި އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަންގެ ހަތަރު ވަނަ ހޯދައިފަ އެވެ.