މުހިއްމު ދެ މެޗުގެ ކުރިން އިއްބެ އެނބުރި ދަނޑަށް

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ކުޅެން ހަމަޖެހިފައިވާ މުހިއްމު ދެ މެޗުގެ ކުރިން ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ރޭ މެލޭޝިއާ އަތުން ގައުމީ ޓީމު 2-1 އިން ބަލިވި ޕްރެކްޓިސް މެޗުގައި ކުޅެފި އެވެ.


ރޭ ކުޅުނު މެޗުގައި ގައުމީ ކޯޗު ޕީޓަ ސެގާޓް ވަނީ މެލޭޝިއާ ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އަންނަ 25 ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. މެލޭޝިއާ ކޮޅަށް މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރޭގެ މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ރިޒޭ އާއި އަސަދުﷲ އަބްދުﷲ އަށް ލިބުނުއިރު، ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.

ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ގައުމީ ޓީމުން އޮގަސްޓް މަހު ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުންދަނިކޮށް އާއިލާ މެމްބަރުންތަކެއްގެ ކުއްލި މަރާ އެކު އިއްބެ ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. އެހެންވެ ގުއާމް އަތުން އެ ގައުމުގައި 1-0 އިން މޮޅުވި މެޗުގައި އިއްބެ ނުކުޅެ އެވެ. ސެޕްޓެމްބަރު މަހު ޗައިނާ އަތުން 5-0 އިން މާލޭގައި ބަލިވި މެޗުގައި އަލުން އިއްބެ ސްކޮޑުގައި ހިމެނުނު ނަމަވެސް އެ މެޗުގައި ވެސް ނުކުޅެ އެވެ.

އެ ދެ މެޗަށް ފަހު އިއްބެ، 23، މާޒިޔާ ޕްރެކްޓިހާ ގުޅުނު ފަހުން ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުގެ ސަބަބުން ފަހުން ހުރީ މެޗެއް ނުކުޅެ ކުޅުމާ ދުރުގަ އެވެ.

މިދިޔަ މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އިއްބެ އަލުން ކުޅުމުގެ ތެރެއަށް ގެންނަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށާއި އެއްކޮށް ރިކަވާ ނުވެ ހުއްޓައި އޭނާ ލައްވައި ކުޅުވައިފިނަމަ މިހާރު ފަޔަށް ލިބިފައިވާ އަނިޔާ މުސްތަގުބަލުގައި ތަކުރާރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަނިޔާއިން ރަނގަޅުވުމަށް އިއްބެ ހޭދަކުރި މި މުއްދަތުގައި މިދިޔަ މަހު ގައުމީ ޓީމު ސީރިއާ އަތުން 2-1 އިން ބަލިވި ކޮލިފައިން މެޗުގައި ވެސް ނުކުޅެ އެވެ.

ކޮލިފައިންގައި މި މަހު މާލޭގައި އޮންނަ ފިލިޕީންސް މެޗާއި ގުއާމް މެޗުގެ ސްކޮޑަށް އިއްބެ ނެގީ އޭނާ މުހިއްމު ވުމުން ކަމަށް ސެގާޓް މީގެ ކުރިން ވަނީ ބުނެފަ އެވެ. އިއްބެ "މިހާރަ"ށް ބުނީ އެ މެޗަށް ފިޓްވާން ކުރާ މަސައްކަތުގައި އިއްޔެ މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އިންޝާﷲ އެ ދެ މެޗަށް ފިޓްވާނެ،" މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިއްބެ ބުންޏެވެ.

ގައުމީ ކޯޗު ކަމާ މިދިޔަ އަހަރު ސެގާޓް ހަވާލުވި ފަހުން އިއްބެ ފިޓްކޮށް ހުރެފިނަމަ އޭނާ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދެ އެވެ. ގައުމީ ޖޯޒީގައި އިއްބެގެ އެންމެ ހާއްސަ މެޗަކީ މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލެވެ. ނޭޕާލް އަތުން ރާއްޖެ 3-0 އިން މޮޅުވިއިރު، އިއްބެ ވަނީ މުހިއްމު ދެ ގޯލު ޖަހައިފަ އެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭން މަސައްކަތްކުރާއިރު މި މަހު މާލޭގައި އޮތް ދެ މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމެވެ. ގައުމީ ޓީމުގެ ކުޅުންތެރިން އޭޝިއަން ކަޕްގެ ޓާގެޓުގައި މަސައްކަތްކުރަމުން އަންނައިރު، މި ވަގުތު އޮތީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެގެން ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރާއްޖެ އޮތީ ހަތަރެއްގަ އެވެ. އެންމެ ފުލުގައި އޮތީ ހަތަރު މެޗު ކުޅެ ޕޮއިންޓެއް ނުލިބި އޮތް ގުއާމް އެވެ.

މެލޭޝިއާ ޓްރެއިނިން ކޭމްޕް ފުރިހަމަކޮށް ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ އަށް ފަހު ތައްޔާރުވާނީ 14 ވަނަ ދުވަހު މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށެވެ.