ބެޑްމިންޓަން: ނަބީހާ އާއި ނީލާ ޕާކިސްތާން މުބާރާތުގެ ކުއާޓާ އަށް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ފެށި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ނީލާ ނަޖީބު މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


އަންހެން ސިންގަލްސް ބައިގެ ވަނަ ބުރުގައި ރާއްޖޭގެ ނީލާ ކުޅުނު މެޗުން މޮޅުވީ ޕާކިސްތާންގެ އަމާލް މުނީބް އަތުން 21-13، 21-17 އިންނެވެ. އަދި ނަބީހާ ކުޅުނު މެޗުން މޮޅުވީ ހުމާ ޖަވީދު އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-13، 21-09 އިންނެވެ.

ނީލާ އާއި ނަބީހާ ކުޅޭ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.

ދާދި ފަހުން ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި ފާތިމަތު ނަބާހާ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ޕާކިސްތާނުގެ މެހްވިސް ހާނާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. ނަބާހާ ސެޓުތައް ގެންދިޔައީ 21-13، 21-15 އިންނެވެ. ނަބާހާ ވަނީ މިދިޔަ މަހު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ނީލާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެން ސިންގަލްސް ބައިގެ ފުރަތަމަ ބުރުރާއްޖޭގެ މައިސާ ފަތުހުﷲ ކުޅުނު މެޗުން ބަލިވީ ޕާކިސްތާނުގެ ގަޒާލާ ސޯދިގު އަތުންނެވެ. ސެޓުތައް ދިޔައީ 21-19، 19-21 އަދި 17-21 އިންނެވެ.

ޕާކިސްތާން މުބާރާުތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ ނޭޕާލުގެ ދެ ވަނަ ކުޅުންތެރިޔާ ކަމަށްވާ ދިޕޭޝް ދާމީ އަތުން ބަލިވެފަ އެވެ ދިޕޭޝް ސެޓުތައް ގެންދިޔައީ 21-07، 21-13 އިންނެވެ. ޒަޔާން ބުނީ މި މެޗުގައި އޭނާ އަށް ބޭނުންވި ވަރަށް ނުކުޅެވުނު ކަމަށާއި އުއްމީދަކީ ނަބާހާ އެކު މާދަމާ މިކްސް ޑަބަލްސްގައި ކުޅެ މެޑަލަކާ ހަމައަށް ދިއުން ކަމަށެވެ.

ފިރިހެން ސިންގަލްސް ބައިގައި ގައުމީ ޗެމްޕިއަން އަޖުފާން ރަޝީދު އާއި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދު ވެސް މިއަދު ކުޅޭނެ އެވެ. އަޖުފާނާއި ނިބާލް ބައްދަލުކުރާނީ ކޮލިފައިން ބުރުން އަންނަ ކުޅުންތެރިންނާ ދެކޮޅަށެވެ.

ރާއްޖޭގެ ގައުމީ ބެޑްމިންޓަނުން އަންނަނީ ފަހަކަށް އައިސް ރާއްޖޭން ބޭރުގައި ބާއްވާ އެކި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ހޯދައިދޭ ފުރުސަތުތަކުގެ ބޭނުންހިފުމުގެ ނަތީޖާ އަކަށްވީ މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލެއް ހޯދުމެވެ. އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ ނަބީހާ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެ އަށް ބެޑްމިންޓަނުން ހޯދި ފުރަތަމަ ރަން މެޑަލް އެވެ.