ބެޑްމިންޓަން: ނީލާގެ އިތުރުން ރާއްޖޭގެ ތިން ޕެއާ ސެމީ އަށް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގައި ރާއްޖޭގެ ނީލާ ނަޖީބުގެ އިތުރުން ޑަބަލްސް ބައިން ރާއްޖޭގެ ތިން ޕެއާ އެއް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


ޑަބަލްސް ބައިތަކަށް ބަލާއިރު އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އާއި ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ އަދި މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ.

އަންހެން ސިންގަލްސް ބައިން ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުން ޕާކިސްތާންގެ ބުޝްރާ ގައްޔޫމް އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-17، 17-21 އަދި 25-23 އިންނެވެ. މިއަދު ކުޅޭ ސެމީގައި ނުކުންނާނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ޕާކިސްތާނުގެ މަހޫރު ޝަހުޒާދާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް ބައިގެ ކުއާޓާ ފައިނަލުން ނަބީހާ ބަލިވީ ޕާކިސްތާނުގެ ޕަލްވަޝާ ބަޝީރު އަތުން 21-17، 21-13 އިންނެވެ. އަދި ނަބާހާ ބަލިވީ އެއް ވަނަ އަށް ސީޑުކޮށްފައިވާ އީރާނުގެ ސުރައްޔާ އަތުން 21-11، 21-11 އިންނެވެ. ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ ކުއާޓާ ފައިނަލުގައި ޕާކިސްތާނުގެ ޕަލްވަޝާ އާއި ސައިމާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 22-20 އިންނެވެ. ސެމީގައި ނަބީހާ އާއި ނަބާހާ ކުޅޭނީ ޕާކިސްތާނުގެ ސެހްރާ އާއި ހުމާގެ ޕެއާއާ އެވެ.

ޕާކިސްތާން މުބާރާތުގެ ސެމީން ފުރުސަތު ހޯދި ރާއްޖޭގެ ނީލާ އާއި މައިސާގެ ޕެއާ (ކ) އާއި ނަބާހާ އާއި ނަބީހާގެ ޕެއާ.-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނީލާ އާއި މައިސާގެ ޕެއާ މޮޅުވީ ޕާކިސްތާނުގެ މެހެވިޝް އާއި އަމާލްގެ ޕެއާ އަތުންނެވެ. މައިސާ އާއި ނީލާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-13، 21-12 އިންނެވެ. ސެމީގައި މިއަދު ނީލާ އާއި މައިސާގެ ޕެއާ ނުކުންނާނީ ޕާކިސްތާނުގެ އަބްދޫރާއި ބުޝްރާގެ ޕެއާއާ ދެކޮޅަށެވެ.

ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހާސިލްކުރި ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ޕާކިސްތާނުގެ މުހައްމަދު އަދުނާނާއި އަމާލްގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 21-15 އިންނެވެ. ސެމީގައި ޒަޔާން އާއި ނަބާހާ ނުކުންނާނީ ޕާކިސްތާނުގެ އަބްދޫރާއި ސައިމާގެ ޕެއާއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސް ބައިގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އަޖުފާނާއި މައިސާގެ ޕެއާ ވަނީ އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމިތާގެ ޕެއާ އަތުން 21-12، 21-12 އިން ބަލިވެފަ އެވެ. އަދި ފިރިހެން ޑަބަލްސް ބައިގައި އަޖުފާނާއި ނިބާލް އަހުމަދުގެ ޕެއާ ބަލިވީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ތައިލެންޑުގެ ޕްރަދް އާއި އަޕިޗަސިތުގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-08، 21-12 އިންނެވެ.