ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސެގާޓް މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ނޮވެމްބަރ 2019 - 17:30
ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ދިވެހިންގެ އުއްމީދުތައް މަތިވެ ފުޓްބޯޅައިގެ ފޯރިވެސް ގަދަވެއްޖެ ކަމަށާއި އެ އުއްމީދުތައް ހާސިލްކޮށްދިނުމުގެ ޕްރެޝަރާއި ޒިންމާ އޭނާ ނަގާ ކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެ މުބާރާތުގެ ކޮލިފައިންއާ އެއްކޮށް ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހަވީރު މާލޭގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވުމަކީ ކޮލިފައިންގައި ކުރިއަށްދާން އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރާއްޖެ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފިލިޕީންސް އޮތީ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސީރިއާ އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު ޗައިނާ އެވެ. މި ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަކަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އޮތުމުން ރާއްޖެ އާއި ފިލިޕީންސްގެ ލޯ ހުރީ އެ މަގާމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ މެޗަށް ތައްޔާރުވާން މެލޭޝިއާގައި ހެދި ޓްރެއިނިން ކޭމްޕާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެފްއޭއެމުން ހަމަޖައްސައިދިން އިންތިޒާމްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަނިޔާގެ މައްސަލައެއް ޓީމުގައި ނެތް ކަމަށާއި ހުރިހާ ގޮތަކުން ވެސް ރާއްޖެ އޮތީ މެޗަށް ތައްޔާރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ގްރޫޕުގެ ތިން ވަނަ ހޯދުމަށްޓަކައު، މާދަމާ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފުތާގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން ބޮޑުވުމުންނާއި އަދި އެންމެންގެ ސަމާލުކަން މި ދެ މެޗަށް ހުއްޓިފައި އޮތުމުން އެއީ ޕްރެޝަރެއްތޯ އެހުމުން ސެގާޓް ބުނީ ޕްރެޝަރު އޮތީ އޭނާ އަށް ކަމަށެވެ.
"އަހަރެން މިތަނަށް އައިސް ބޭނުންވީ ޖީލެއް ބަދަލުކުރަން. އާ ޖީލެއްގެ ކުޅުންތެރިންތަކާ އެކު ނުކުމެ އަހަރެމެން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިން. އެއާ އެކު އަދި ކޮލިފައިންގައި ނެރެމުން އަންނަ ނަތީޖާތަކާ އެކު އެންމެންގެ އުއްމީދުތައް މަތިވެއްޖެ. އަހަރެން ދިވެހިންނަށް ކުރަން އޮތް އެންމެ ބޮޑު ތައުރީފަކީ ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުން އެކަމުގެ ތައުރީފް. ސަރުކާރާއި މީޑިއާގައި ވެސް ފޯރި އެބައޮތް. އެކަމުގައި ކުޅުންތެރިންނަށް ވެސް ޝުކުރުއަދާކުރަން ޖެހޭ. އެއީ އެ ކުޅުންތެރިން ފަހަކަށް އައިސް ކުޅުނު ސްޓައިލުގެ ސަބަބުން އެ ފޯރި ގަދަވީ،" ސެގާޓް ބުންޏެވެ.
އިއްބެ ވަހީދު (ކ) އާއި ފޭދޫ އިއްބެ ސާފް ސުޒުކީ ކަޕުގެ ތަށީގައި ބޮސްދެނީ: އެ ކާމިޔާބީއާ އެކު ގައުމީ ޓީމާ މެދު ދިވެހިން ކުރާ އުއްމީދު މަތިވި ކަމަށް ކޯޗު ބުނޭ. --ފޮޓޯ: އިމޭޖަސް އެމްވީ
ސެގާޓް ބުނީ އޭނާ އަށް ޕްރެޝަރު އޮތް ސަބަބަކީ އެ ފޯރި ގަދަވުމާއި އަދި އުއްމީދުތައް މަތިވުމާ އެކު ރަނގަޅު ނަތީޖާއެއް ޓީމަށް ނެރެދިނުމުގެ ޒިންމާ އޮތީ އޭނާގެ އަތުގައި ކަމަށް ވުމެވެ. ރާއްޖޭގެ މިހާރުގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށްވާތީ، އެ ޒިންމާ ނަގައި ރާއްޖެ އެހިސާބަށް ގެންގޮސްދިނުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސެގާޓް ދިނެވެ.
ޒުވާން ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔަކީ ދޮޅު އަހަރުގެ މެދުކެނޑުމަށް ފަހު ސެގާޓް ސްކޮޑުން ފުރުސަތު ދިން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭނާ ވަނީ ސީރިއާ އަތުން ދުބާއީގައި ރާއްޖެ 2-1 އިން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި އަރައި ލަނޑެއް ޖަހައި މޮޅަށް ކުޅެފަ އެވެ. އޭނާގެ މުހިއްމުކަމާ ބެހޭގޮތުން ސުވާލުކުރުމުން ސެގާޓް ބުނީ ދަގަނޑޭ އަށް ނުވަތަ ވަކިވަކި ކުޅުންތެރިންނަށް ސަމާލުކަން ދޭން ބޭނުންނުވާ ކަމަށެވެ.
"މި ޓީމުގައި އެބަ ހިމެނޭ ވަރަށް ޒުވާން ކުޅުންތެރިޔެއް ޗޯޓް (ހަސަން ނަޒީމް) ވެސް. އަހަންނަށް އޭނާއެކޭ އަޝްފާގެކޭ އަކްރަމެކޭ ފައިސަލެކޭ ތަފާތެއް ނެތް. ބައިވަރު ޒުވާން ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންގެ ވާހަކަ ވެސް ދައްކަމާ ހިނގާ. އަހަންނަށް ހަގީގަތުގައި މުހިއްމެއް ނޫން ފުރަތަމަ އަރާ އެގާރަ ކުޅުންތެރިންނެއް ވެސް. މުހިއްމީ ނެރޭ ނަތީޖާ،" ސެގާޓް ބުންޏެވެ.
ރާއްޖޭން މާދަމާ އިދިކޮޅަށް ނުކުންނަ ފިލިޕީންސަކީ ރާއްޖެއެކޭ އެއްފަދައިން އޭޝިއާގެ މެދު ފަންތީގެ ގައުމެކެވެ. އެކަމަކު އެ ޓީމުގައި ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިން މި ވަގުތު ތިބުމާ އެކު ފެންވަރު ވަނީ ރަނގަޅުވެފަ އެވެ. ސެގާޓް ވެސް ބުނީ ފިލިޕީންސް ފެންނަނީ ވަރަށް އޯގަނައިޒް ހުނަރުވެރި ޓީމެއްގެ ގޮތުގައި ކަމަށެވެ.
މިއީ ގްރޫޕުގައި ރާއްޖޭގެ މަގާމް ނިންމާނެ މެޗުތޯ އެހުމުން ސެގާޓް ބުނީ ރާއްޖޭގެ މަގާމް އެނގޭނީ، އެންމެ ފަހު މެޗުގައި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުން ކަމަށާއި އެކަމަކު މާދަމާގެ މެޗު ވަރަށް، ވަރަށް މުހިއްމު ކަމަށެވެ.
"ފިލިޕީންސް މިއޮތީ އަހަރެމެންނަށް ވުރެ އެއް ޕޮއިންޓް ކުރީގައި. މޮޅުވެއްޖެއްޖާ އަހަރެމެންނަށް ކުރިއަށް އެރޭނެ. އެއްވަރުވިޔަސް ރަނގަޅު ފުރުސަތެއް އޮންނާނެ. އެކަމަކު އަހަރެންގެ ފަލްސަފާއެއް ނޫން އެއްވަރުކުރަން ކުޅުމަކީ،" ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ކުޅޭ މެޗާ ބެހޭގޮތުން ސެގާޓް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖމލުބެ8392
14 November 2019
އަދިވެސް ޕުރެޝަރުގަ ކުޅެނީ ހަމައެއް ލަމައެއް ނެތި ތަޅާ ބުރުވައިގެން. ދެން ވަޔަކުން މޮޅުނުވާ ވާހަކައެއް ނޫން
އަލީގ
14 November 2019
ސެގާޓައް މިގައުމުގަ ކުރިން އޮތް ފުޓްބޯޅައިގެ ފޯރިނުފެންނާތީ ތިހެން ތިބުނަނީ. ފުޓްބޯޅައިގެ ފޯރިމިހާރު އޮތީ ވަރައްބޮޑައް ދައްވެފަ.
ޢިބުރާހިމު
13 November 2019
މަވެސް ފިލިޕިންސްއައް ސަޕޯޓް
ޕަބޭ
13 November 2019
ދިވެހި ފުޓުބޯޅަ 10 ވަރަކަށް ޓީމް ލައިގެން ކުޅޭހާ ހިނދަކު ނެތް ތިޔަ ބުނާ ފޯރިއެއް އަންނާކަށް. މި ކިޔާ ތަނުން 5 ޓީމް އޮންނާނީ ދެން އަންނަ ސީޒަންގައި ބައިވެރިވެސް ނުވެވޭ ހާލަތައްގޮއްސަ. ދަނޑަށް ހާދަ ދާ ހިތުން މީހުން ދިޔަ ޒަމާނެއް ހިނގައްޖޭ.. ވެލެންސިއާ, ވިކްޓްރީ, ނިއުރޭޑިއަންޓް, ހުއްރިއްޔާ, އައި.އެފް.ސީ, ވިޔަންސާ, މިހެންގޮސް ހާދަ ޓީމްތަކެއް ފޯރީގައި ދަނޑު ފުރާލިއޭ 2000ހުގެ ކުރީކޮޅު. ޢޭރު ދިމަލެއްނުވޭ މިހާރުގެ ހާލަތްތަކެއް. ގައުމީ ޓީމްގެ މެޗެއްވިއްޔާ 1000 ދީފަ ކޮޅައް ހުންނަންވެސް އޭރު ދަނޑަށް ވަދޭ މީހުން. ގޭގޭގެ ސިޓިންރޫމް ތަކާ ސައިހޮޓާ ކެފޭ ތަކާ ޕާކުތައް ފުރާލި އޭރު.. އަނެއްކާ ފެންވަރުގެ ބިދޭސީ ކުޅުންތެރިން އޭރު ކުޅޭ ކޮންމެ ޓީމަކަށްވެސް. މިއަދު މި ހާލަތުގައި އޮތީމަ ހިތުގައިވެސް ޖެހޭ.
ބަބުރުލް ސަލީމް
13 November 2019
ވޯލްޑްކަޕް ކުޅޭނޭ ބުނީމާ ކިހާފޯރިއެއްހުންނާނެދޯ.
ބިގްބޮސްބެ
13 November 2019
ޓީމަށް ފައިސާ ދޭން ބުނުމުގެ ކުރިން މިނިސްޓަރ އައިއޯއައިޖީ ކުދިންނަށް ފައިސާ ކޮޅު ދެއްޗޭ
އާރީ
13 November 2019
އެއްވެސް އުއްމީދުއެއް ނެތް .ނިއުރޭޑިޔަންޑް މިސީޒަނުގަ ނުހަންގުން ސަސްފެންޑް ކުރީމަ ގައުމީޓީމް ކުޅޭ މެޗަކަށް ވެސް އަދި ލީގުކުޅޭއިރުވެސް ދަނޑަށް ނުދާން ނިންމާގެން މިހުރީ. ނިއު ގަލޮޅު ދަނޑުގަ ކުޅޭ ދުވަހަކުން ދަނޑަށް ދާނަށް.
ގަޓް ބްރޯ
13 November 2019
ތިޔެއް އިނގޭނެ މާދަމާ! ރާއްޖޭގެ ފުޓުބޯޅަ ދަންނަ މީހަކު ތިޔަ ޓީމާދޭތެރޭ މާބޮޑު އުންމީދެއް ކުރާނެހެނެއް ހިޔެއްނުވޭ. ދެން ފޯރިހުންނަ މިންވަރު ގައުމީ ޓީމް ކުޅޭ ދުވަސްޔަކުގަ ދަނޑު ފަޅަށް އޮންނާތީ އެނގޭ.
ހާހުންގާނު
14 November 2019
ފޯރިގަދަކުރަން ރޭގަ ދަނޑުކައިރީގަ ބޮޑުބެރު ޖެހި. ވަރަށް ފޯރި ގަދަ! އެތާތިބީ %90 ބިދޭސީން
އޭނަ
14 November 2019
އަސްލުވެސް. މަވެސް ހަމަ ހައިރާންވި އެތަނުގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވުމުން. އަސްލު އެފްއޭއެމުން ވެއްޖެ ދިވެހި ޕްރިމިއާރ ލީގަށް ބިދޭސީން ވައްދަން. އެމީހުން ވަދެއްޖިއްޔާ ދަނޑު ފުރާލާނެ.
ދެރަސޮރު
13 November 2019
މާދަމާ މެޝުން ރާއްޖެ ބަލި ވުން ވަރަށް ގާތް.... ދަނގަޑޭގެ ވާހަކަ ދައްކާނަމަ،، ސެގާޓް ލޭމައްޗަށް ދާތީ މައްސަލަޔަކީ...