12 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް
18 ނޮވެމްބަރ 2019 - 09:13
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިރާގު 12 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދައިފި އެވެ.
މާޒިޔާ އިން މި ވަނީ މި އަހަރު ބޭއްވި ޔޫތު ދެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އަނެއް މުބާރާތަކީ ދިރާގު 14 އަހަރުން ދަށުގެ ޔޫތު ލީގެވެ. ޖުމްލަ އަށް ޓީމު ވާދަކުރި އެ މުބާރާތުގެ ތަށި ވެސް މާޒިޔާ އިން އުފުލާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މާޒިޔާ އިން 12 އަހަރުން ދަށުގެ މުބާރާތުގެ ތަށި އުފުލާލީ އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްގެ މައްޗަށް 4-1 އިން ކުރިހޯދައިގެންނެވެ. މާޒިޔާގެ ހަތަރު ގޯލުގެ ތެރެއިން އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު ކޮންމެ ކުޅުންތެރިޔަ ދެ ގޯލް ޖެހި އެވެ. ސޮކަ މޭޓްސް އިން ޖެހި ހަމައެކަނި ގޯލަކީ މާޒިޔާގެ އަހުމަދު ހަމްދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޖުމްލަ ދިހަ ޓީމު ވާދަކުރި 12 އަހަރުން ދަށުގެ ލީގު ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ 27 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ އަށް ދިޔަ ޓީސީ އަށް ނުވަ މެޗުން ލިބުނީ 24 ޕޮއިންޓެވެ. ޓީސީ ހަމައެކަނި ބަލިވީ މާޒިޔާ އަތުންނެވެ. ތިން ވަނަ އަށް ދިޔައީ ހުޅުމާލެ ސްޕޯޓްސް އެެވެ. އެ ޓީމަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.
12 އަހަރުން ދަށުގެ ޔޫތު ލީގުގެ އެންމެ މޮޅު ނުވަ ކުޅުންތެރިން. -- ފޮޓޯ: އެފްއޭއެމް
މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ ރިޒާން، ޔޫނުސް ހަލީލް، ނަޝޫ އަހުމަދު ޝިޔާމް އަދި ގޯލްކީޕަރު އައިދީން އަލީ ހަމީދު އެވެ. ދެން ހިމެނެނީ ޓީސީގެ އީތަން އިބްރާހިމް ޒަކީ، މުހައްމަދު އިލާން އިބްރާހިމް، އަހުމަދު ހަމްދާން އަޒްލީން އަދި ހުޅުމާލޭގެ މުހައްމަދު އައިހަމް އިބްރާހީމާއި ހުސައިން އާއިޝް އަބްދުލް ވާހިދު އެވެ.
މާޒިޔާ އިން ވަނީ މި އަހަރު އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޒިޔާގެ ޔޫތު ޓީމު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ފަހު އެވެ.
މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ލިބުނު މާޒިޔާ ޔޫތު ޓީމުގެ ކޯޗަކީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. އެކަމަކު ޔޫތު ޓީމުތަކުގެ ޓްރެއިނިން އާއި އޭގެ ހުރިހާ ބޮޑެތި ކަންތައްތަކެއް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކޯޗު އިބްރާހިމް ޝާފިއު (ސާއްކޮ) އެވެ.
އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން ތައާރަފުކުރި ޔޫތު ލީގަކީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި ގިނަ މެޗުތަކެއް ދިނުމުގެ ގޮތުންނެވެ. ޔޫތު ލީގު މިދިޔަ އަހަރު ފެށީ ހަމައެކަނި 13 އަހަރުން ދަށަށް އަމާޒުކޮށްގެންނެވެ. އެކަމަކު މި އަހަރު އިތުރަށް ފުޅާކުރުމުގެ ވިސްނުމުގައި އިތުރު ކުރީ އެވެ. މީގެ ސަބަބުން އުމުރުފުރާ ގައުމީ ޓީމުތަކަށް ގިނަ ފައިދާތަކެއް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީ
18 November 2019
މާޒިޔާ އިން މި އަހަރު ބޭއްވި ޔޫތު ދެ މުބާރާތް ވެސް ކާމިޔާބު ކުރުމުން އެދައްކާދެނީ މުޅި ފުޓުބޯޅަ އާއިލާ އަށް ނަމޫނާ ކްލަބެއްކަން. މަރުހަބާ މާޒިޔާ އެންމެ ބޭފުޅޫން އަށް.
ކިއުންތެރިއެއް
18 November 2019
މާޒިޔާ ސްޕޯޓްސްއިން ދިވެހި ފުޓްބޯޅަ އަށް ތިކޮއްދެއްވަމުން ގެންދަވާ ޚިދުމަތް ތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!