މާޒިޔާގެ އެކެޑަމީގެ ކާމިޔާބީ ފާހަގަކުރުމަށް އެޅި ކޭކް ފަޅަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ނޮވެމްބަރ 2019 - 10:37
މި އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކެޑަމީން ވާދަކުރި މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ރޭ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
މާޒިޔާ އިން ވަނީ މި އަހަރު އެފްއޭއެމުން އިންތިޒާމުކޮށްގެން ބޭއްވި ދިރާގު 12 އަހަރާއި 14 އަހަރުން ދަށުގެ ޔޫތު ލީގު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކާމިޔާބުކޮށްފަ އެވެ. އަދި އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން ވަނީ ހޯދައިފަ އެވެ.
ޓާފް ދަނޑުގައި ރޭ ބޭއްވި ހަފްލާގައި ޝަރަފްވެރި މެހެމާނަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މީގެ އިތުރުން ކުޅިވަރު އާއިލާގެ މެމްބަރުން ބައިވެރިވި އެވެ.
މާޒިޔާ އެކެޑަމީގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ޓީމާ އެކު އެ ޓީމުގެ ޗެއާމަން ސާޖިދު ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން އެކެޑަމީ ފަށައިގެން ކުރިއަށްދިޔަ މަސައްކަތުގެ ތެރޭގައި 2015 ވަނަ އަހަރު މާޒިޔާ އިން ވެސް އެކެޑަމީއެއް ވުޖޫދުކޮށް މިހާތަނަށް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. މާޒިޔާގެ އެކެޑަމީގެ 12 އަހަރާއި 14 އަހަރުން ދަށުގެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް އެ ދެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެވޯޑެއް ދިންއިރު، އެކެޑަމީ ކޯޗުންގެ އަގުވެސް ވަނީ ވަޒަންކޮށްފަ އެވެ.
މާޒިޔާގެ ވައިސް ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ މި ފަދަ ކާމިޔާބީ ލިބުމުގެ ފަހަތުގައި ގިނަ ބަޔެއްގެ ބުރަ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށާއި އެ އެހީތެރިކަން ނުލިބި މި ފަދަ ކާމިޔާބީތައް ހޯދަން އުނދަގޫވާނެ ކަމަށެވެ.
"ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑުމެންގެ ޗެއާމަން ވެދެއްވާ އެހީތެރިކަން ފާހަގަކުރަން. ދެން އެފްއޭއެމުން ވެސް މި ފަދަ ކަންކަމުގައި ދޭ އެއްބާރުލުން ފާހަގަކުރަންޖެހޭ. އެކެޑަމީއެއް އުފެއްދުމުގެ މަގުސަދު އެބަ ހާސިލްވޭ ހަގީގަތުގައި. މިއީ މާޒިޔާ އަށް އެކަނި ލިބޭ ކާމިޔާބެއް ނޫން. މިއީ މި ގައުމަށް ވެސް ލިބޭ ކާމިޔާބީ. ބޭނުންވަނީ މުސްތަގުބަލުގައި މި ކުޅުންތެރިން ގައުމީ ޓީމުގައި ވެސް ކާމިޔާބުވުން،" ތައިލެންޑުގައި އަންނަ މަހު ބާއްވާ ޔޫތު މުބާރާތެއްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކްލަބުގެ ވައިސް ޗެއާމަން ވިދާޅުވި އެވެ.
މާޒިޔާގެ ޗެއާމަން ސާޖިދު (ކ) އެފްއޭއެމްގެ ރައީސް ބައްސާމަށް ހާއްސަ އެވޯޑެއް ދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާޒިޔާ އިން ވަނީ ރޭ ހާއްސަ ތިން އެވޯޑެއް ވެސް ދީފަ އެވެ. އެއީ އެ އެކެޑަމީ އަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދޭ ކޯޗު އިބްރާހިމް ޝާފިއު (ސާއްކޮ) އަށް ދިން އަގުވަޒަންކުރުމުގެ އެވޯޑްގެ އިތުރުން މާޒިޔާގެ ސްޕޮންސަރެއްގެ ގޮތުގައި އެލް މޮބައިލް އިން ކޮށްދޭ ހިދުމަތަށް ދިން އެވޯޑާއި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތް ފާހަގަކޮށް ބައްސާމަށް ދިން އެވޯޑެވެ.
ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީ އަށް ތިން އަހަރު ފުރުން ފާހަގަކުރާ މި ދަނޑިވަޅުގައި މާޒިޔާގެ މި ކާމިޔާބީ ފާހަގަކުރާތީ ހާއްސަ އުފަލެއްވާ ކަމަށާއި މި މެނޭޖްމަންޓް އައި އެންމެ ބޮޑު މަގުސަދަކީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުން ކަމަށެވެ. އަދި މީގެން އެނގެނީ ރާއްޖޭގެ ކްލަބްތަކުން ވެސް ޒުވާން ޖީލެއް އުފެއްދުމުގެ މަސައްކަތުގައި ރަނގަޅު މަސައްކަތްތަކެއްކުރާކަން ކަމުގައި ބައްސާމް ފާހަގަކުރެއްވި އެވެ.
"މާޒިޔާ އަކީ ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގާ ކްލަބް. އަޅުގަނޑު އެދެނީ އެހެން ކްލަބްތަކުން ވެސް މި ފެންވަރުގައި ނޫނީ މި އަށް ވުރެ ވެސް ރަނގަޅަށް ކްލަބްތައް ހިންގުން. ހަގީގަތުގައި ވާދަވެރިކަން އޮންނަން ޖެހޭނީ ދަނޑުމަތީގައި އެކަންޏެއް ނޫން. އެ ވާދަވެރިކަން އެބަ އޮންނަން ޖެހޭ ރަނގަޅު ގޮތުގައި ކްލަބް ހިންގަން ވެސް. މާޒިޔާގެ އެކެޑަމީގެ އާއިލާތަކާއި މާޒިޔާގެ އާއިލާ ފުޓްބޯޅަައިގައި މި ފަދަ ހަރަކާތެއް ބާއްވާތީ އަޅުގަނޑު އުފާކުރަން،" ބައްސާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން
21 November 2019
ބ\ައްސާމް ވަރުގެ ހިންގުންތެރިއެއް ނުދެކެން. ބައްސާމް އަށް ކާމިޔާބީ އަށް އެދެން
ޢައްލޯވެ
21 November 2019
ވަރައް ފޫހިވާ ކުލަބެއް ، އެވަރުބަޔަކު ނެތިގެން އުޅެނީ
ފުންއަސަރު
21 November 2019
އެނގޭ ބައްސާމް އުފާވާނެކަން. ތީވިއްޔަ ނުވެގެން އުޅުނުކަންތައް. ތިޔަވީނު. މާޒިޔާއަށް ބޮޑެތި ކާމިޔާބީތައް ލިބުނީމަ މަވެސް އުފާވެޔޭ. އެކަމަކު އަހަރެން ދެރަވަނީ އެފްއޭއެމުންނާ ބައްސާމް ނިއުރެޑިއަންޓާ ޖައްސާލައިގެން އެއިންނުނެއްޓި މުޅިޓީމުގެ ދުވަސްދުއްވާލާ މިވުޖޫދުންވެސް ނިއުފޮހެލީމާ. ދުވަހަކުކޮޅުންވެސް މާފެއް ނުކުރާނަން. ނުވެސް ކުރެވޭނެ. މީނާ ދެއަތްކައިރިކޮށް ސަޅިހިނގުމެއްގާ ދިޔަޔަސް، އަހަރެންނަށް ހީވަނީ އަހަރެންގެ ގައިގާ މީނާތަޅާހެން!