ސައުތު އޭޝިއަން ގޭމްސް އިން ފިރިހެން ބެޑްމިންޓަން ޓީމަށް ފުރުސަތެއް ނެތް!

ނޭޕާލުގައި މި ހަފުތާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ފިރިހެން ޓީމެއް ނުފޮނުވަން ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން ނިންމައިފި އެވެ.


އެކަމަކު އަންހެން ޓީމު ބައިވެރިކުރާނެ އެވެ. އެ ޓީމުން ވަނީ ތަމްރީން ހެދުމަށް އިއްޔެ އިންޑިއާ އަށް ފުރައިފަ އެވެ.

އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ ފިރިހެން ޓީމު ނުގެންދާ ގޮތަށް ނިންމީ އެސޯސިއޭޝަންގެ އެކްސްކޯ އިން ކަމަށާއި އެއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލާ ވެސް މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ކަމަށެވެ.

"ފިރިހެން ޓީމު ނުގެންދާ ގޮތަށް ހަގީގަތުގައި ނިންމީ އެއްވެސް ވަރަކަށް ކޮމްޕީޓްކުރެވޭނެ (ވާދަކުރެވޭނެ) ވަރުގެ މުބާރާތަކަށް ނުވާތީ. ޓީމް އިވެންޓަށް ބެލިޔަސް ސިންގަލްސް ޑްރޯ އަށް ބެލިޔަސް މި ރީޖަނުގައި އަދި ވާދަކުރެވެން ނެތީ. އެއީ ޓީމް އިވެންޓަށް ބެލިޔަސް އެބައޮވޭ ތިން ސިންގަލްސް. އެ ގޮތަށް ބަލާއިރު ވެސް މި ރީޖަން ކުޅުންތެރިއަކު އަތުން ރާއްޖޭގެ ފިރިހެން ކުޅުންތެރިޔަކު ނެތް މޮޅުވެފައެއް މި ރީޖަނުގެ ޕްލޭޔަރެއް އަތުން،" އިއްޕަ ވިދާޅުވި އެވެ.

އިއްޕަ ވިދާޅުވީ މިއީ މި ވަގުތަށް ބަލާއިރު ނިންމަންޖެހޭ ނިންމުމެއް ކަމަށާއި މީގެ ކުރިއަށް ބަލާއިރު ވެސް މި ކަހަލަ ނިންމުންތަކެއް ނިންމާފައިވާނެ ކަމަށެވެ.

"މީގެ ކުރިން އަންހެން ކުޅުންތެރިންނަށް މި ގޮތަށް ވާދަނުކުރެވޭއިރު ހަމައެކަނި ފިރިހެން ޓީމު ވެސް މުބާރާތަކަށް ފޮނުވާފައި ހުންނާނެ. ދެން އަނެއްކޮޅުން އެހެން ކުޅިވަރުތަކުގައި ވެސް އެބަހުރި އައިއޯއައިޖީގައި ވާދަނުކުރެވޭނެ ލެވެލްގައި ނެތުމުން ނުގޮސް،" އިއްޕަ ވިދާޅުވި އެވެ.

ރާއްޖޭގެ ފިރިހެން ގައުމީ ޓީމުގެ ބެޑްމިންޓަން ކުޅުންތެރިންނަށް ބަލާއިރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި އެންމެ ގިނައިން ވާދަކުރީ މުހައްމަދު އަޖުފާން ރަޝީދާއި ނިބާލް އަހުމަދާއި މުހައްމަދު އާކިފް އެވެ. މި އަހަރު ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީމް އިވެންޓް ބައިން ރާއްޖޭގެ ފިރިހެން ޓީމު ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ ތެރެއިން އަޖުފާން އަނިޔާގެ ސަަބަބުން ދާދި ފަހުން ބޭއްވި ބީއޭއެމް ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ނުކުޅުނީ ސައުތު އޭޝިއަން ގޭމްސް އަށް ފިޓްވުމުގެ ގޮތުންނެވެ. އައިއޯއައިޖީ ޓީމު އިވެންޓް ބައިގައި ކުޅުނު ބައެއް ފިރިހެން ކުޅުންތެރިން އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ނުކުޅެ އެވެ.

އޮލިމްޕިކް ކޮމިޓީން ސައުތު އޭޝިއަން ގޭމްސްގެ ކުރިން އެސޯސިއޭޝަންތަކާއި ބައްދަލުކުރިއިރު ބުނީ މި ފަހަރުގެ ގޭމްސްގައި ޑިވެލޮޕްމަންޓަށް ވިސްނުމަށެވެ. އެއީ މެޑަލް ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިއަށްދެވޭ ވަރަށް ވުރެ މި ފަހަރުގެ ގޭމްސްގެ އިންތިޒާމްތައް ރަނގަޅުނުވުމާއި ދުރާލާ ރޭވިގެން ކަންތައްތައް ރޭވޭނެ ގޮތަކަށް މި ގޭމްސްގެ ރޭވުންތެރިކަމެއް ނެތުމުންނެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު ބެޑްމިންޓަނުން ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. އޭގެއިން ގިނަ މުބާރާތްތަކެއްގައި ބައިވެރިވިއިރު، ބީއޭއެމުން ބެލީ ވާދަކުރެވޭ ފެންވަރުގެ މުބާރާތްތަކަށްދާށެވެ. އެކަމަކު މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިނުވާން ނިންމުމުން ފިރިހެން ޓީމަށް ރަނގަޅު މެޗުތަކެއް ގެއްލޭނެ އެވެ.

އެކަމަކު ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ފިރިހެން ކުޅުންތެރިންނަށް އެހެނިހެން ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެ ގޮތުން ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާ ނިބާލް އަހުމަދަށް ބެޑްމިންޓަން އޭޝިއާ މެދުވެރިކޮށް ލިބޭ ފުރުސަތެއްގެ ސިލެކްޝަން ވަރަށް އަވަހަށް އޮންނާނެ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ތައްޔާރީތަކަށް އިންޑިއާ އަށް އިއްޔެ ފުރި ގައުމީ އަންހެން ބެޑްމިންޓަން ޓީމުގައި ތިބީ ބެޑްމިންޓަން ގައުމީ ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބާއި އައިމިނަތު ޝަހުރުނާޒް މޫސާ، އައިމިނަތު އަހުމަދު ދީދީ، މައިސާ ފަތުހުﷲ (މައި) އަދި މާޝާ ރަޝީދު އެވެ. މީގެ ތެރެއިން ނަބީހާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަދި ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރުހުން ދީފައިވާ ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް ބައިން ނަބާހާ ވަނީ ޒަޔާން ޒަކީއާ އެކު ކުޅެ ރަން މެޑަލް ހޯދައިފަ އެވެ.