13 ޑިސެމްބަރ 2019 - 11:20
ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ހާއްސަ ރަން މެޑަލް ކަމަށްވާ ޑިސްޓިންގުއިޝް ސާވިސް އެވޯޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ރައީސަށް މި ރަން މެޑަލް އެރުވީ ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބުގެ މަގާމާއި އޭޝިއާގެ ފެޑެރޭޝަނުގެ އެގްޒެކްޓިވް ނައިބުގެ މަގާމުގެ އިތުރުން ދުނިޔޭގެ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައި މަސައްކަތްކުރައްވަމުން އަންނަ ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު އެވެ.
ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ފަރާތުން އެ ކުޅިވަރު އެކި ގައުމުތަކުގައި ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެވޯޑެއް އަރުވަ އެވެ. ޑިސްޓިންގުއިޝް ސާވިސް އެވޯޑް އަކީ ވެސް ބޮޑީބިލްޑިން ކުރިއަަރުވަން ކުރާ މަސައްކަތުގެ އަގުޒަވަންކުރުމުގެ ގޮތުން އަރުވާ ހާއްސަ އެވޯޑެކެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އަރިހުގައި ބޮޑީބިލްޑަރުންގެ އިތުރުން ބޮޑީބިލްޑިން އެސޯސިއޭޝަނުގެ ނައިބު ރައީސް އަދި ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ އެގްޒެކްޓިވް މެމްބަރު އަލީ ރިފާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތްތަކުން މި އަހަރު ކާމިޔާބު ހޯދި އެތުލީޓުންނަށް މަރުހަބާ ކިޔައި ބޮޑީބިލްޑަރުންނަށް ހުރި ދަތިތައް އޮޅުންފިލުވައި މި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފްވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން އޮތީ ކުރީގަ އެވެ. އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދައިފަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އާއި މިދިޔަ އަހަރު 165 ސެންޓިމީޓަރު އެތުލެޓިކް ފިޒީކް ބައިން ލޯ މެޑަލް ހޯދި މަހުމޫދު ޒިޔާދެވެ. ދެން މި ފަހަރު ލޯ މެޑަލް ހާސިލް ކުރި މުހައްމަދު މޫސާ އެވެ. އަދި މި ފަހަރުގެ ދުނިޔޭގެ މުބާރާތުން ހޯދި ވަނީ ދެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި މި އަހަރު ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ މުބާރާތުން ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ.
އަންނަ އަހަރު ބާއްވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ ރާއްޖޭގަ އެވެ. މިއީ އޭޝިއާގެ ބޮޑު ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެ މުބާރާތް ބާއްވަން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ނިންމާފައިވަނީ ކ. މާފުށީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy