ޕޮލިހާއި ވެމްކޯ އަށް ވަރުގަދަ ފެށުމެއް

އިއްޔެ ފެށި 51 ވަނަ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ވެމްކޯ ފުރިހަމަ މޮޅެއް ހޯދައި ފެށުން ވަރުގަދަކޮށްފި އެވެ.


ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި ފަހަރުގެ މުބާރާތުގައި އިއްޔެ ހަވީރު ޕޮލިހުން ވަނީ ސީދާ ތިން ސެޓުން އަލްމާ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި ރޭ ކުޅުނު މެޗުން ކްލަބް ވެމްކޯ ވަނީ ސީދާ ތިން ސެޓުން ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އަލްމާގެ މައްޗަށް ފަސޭހަކަމާ އެކު ޕޮލިހުން ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ 25-09، 25-11 އަދި 25-05 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމަށް ކުޅޭ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ޓީމު އެކުލަވާލި އެއް ޓީމަކީ ޕޮލިހެވެ. ހައްވަގެ އިތުރުން ޕޮލިސް ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރާއި ހައްވާ ސަހާ އަދި ނުހާ ވަހީދުގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން ހިމެނެ އެވެ. ފަތުހުﷲ ވަހީދު (ފައްލޯ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޕޮލިސް ޓީމުގައި ބިދޭސީ ކުޅުންތެރިޔެއްގެ ގޮތުގައި ހިމެނެނީ ނޭޕާލް އަންހެން ޓީމުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިޔާ ޕްރަތީބާ އެވެ.

މި އަހަރު އަންހެން ވޮލީބޯޅައިގައި އޮތް ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ ކުޅެމުން އަންނަނީ ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. ލަންކާގައި މި އަހަރު ބޭއްވި އިންވިޓޭޝަނަލް މުބާރާތެއްގައި ވެސް ވާދަކުރި ވެމްކޯ ރޭގެ މެޗުން ލޮރެންޒޯ ބަލިކުރިއިރު ސެޓުތައް ގެންދިޔައީ 25-15، 25-15 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯ އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ (އަރީ) އެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ފައިނަލުގައި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.