ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.


ޕޮލިހުން ފައިނަލަށް ދަތުރުކުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވިއިރު، މިއީ ތިން ދުވަސް ތެރޭ ވެމްކޯ އަތުން ޕޮލިހަށް ލިބުނު ދެ ވަނަ މޮޅެވެ. ލީގު ބުރުގެ ފަހު މެޗުގައި ވެމްކޯގެ މައްޗަށް ޕޮލިހުން ކުރިހޯދީ 3-1 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-17، 25-20 އަދި 25-13 އިންނެވެ. އިއްޔެ މެޗުގެ ފޮލިހުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހަށް ކުޅޭ ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު އެވެ. އިއްޔެ ޕޮލިހުގެ އެޓޭކްތައް ފުރިހަމަވުމުގައި ޖޫޒާންގެ ދައުރު ބޮޑެވެ. ޕޮލިހުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި ހައްވާ ރާޝިދާ އާއި ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިންގެ އިތުރުން ނޭޕާލުގެ ކުޅުންތެރިޔާ ޕްރަތީބާ މާލީ އަށް އެންމެ ރަނގަޅު ވަގުތުގައި ބޯޅަތައް ފޯރުކޮށްދިނުމަށް ޖޫޒާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވެމްކޯގެ ދެ ކުޅުންތެރިން ކައިރިން ޕޮލިހުގެ ޕްރަތީބާ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ އިން އިއްޔެގެ މެޗުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އައިމިނަތު އަރީޝާ (އަރީ) އެވެ. އިއްޔެގެ މެޗުން ބަލިވި ނަމަވެސް ވެމްކޯ އަށް ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެއީ ރޭ ދެ ވަނަ ސެމީގައި އަލްމާ އަތުން މޮޅުވި ލޮރެންޒޯ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.

ރޭގެ ދެ ވަނަ ސެމީން ލޮރެންޒޯ ވަނީ ސީދާ ތިން ސެޓުން އަލްމާ ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ލޮރެންޒޯ އިން ގެންދިޔައީ 25-16، 25-13 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ލޮރެންޒޯ އަށް ކުޅޭ ނޭޕާލުގެ ކުޅުންތެރިޔާ ސަރަސްވަތީ ޗޯދުރީ އެވެ.

މި އަހަރު އަންހެން ވޮލީ ޓީމަށް ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފޮނަދޫ މެދުއަވަށު ކްލަބް ބަލިކޮށް ޕޮލިހުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން ހިންގުމުގައި މި އަހަރު ދިމާވި ތަފާތު މައްސަލަތަކާ ހުރެ ގިނަ މުބާރާތައް ފަސްކުރަން ޖެހުނުއިރު، މި އަހަރު އަންހެން ގައުމީ ލީގު ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ކުރިން ފޯރިގަދަކޮށް ކުރިއަށް ދިޔަ ގައުމީ ލީގު މިދިޔަ އަހަރު ވެސް ނުބާއްވަ އެވެ.