ކުޅިވަރު / އެތުލެޓިކްސް

ކާމިޔާބު 10 އަހަރަށް، ސާއިދަށް 10 ފަހަރަށް ސާބަސް!

ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ދިވެހި ދިދައާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

އާ ގަރުނުގެ ފުރަތަމަ ދިހަ އަހަރު ނިމި، ދެ ވަނަ ދިހައަކަށް ދުނިޔެ މޯޅިއަކަށް ދެމިލިއިރު ދިވެހި ކުޅިވަރު އާއިލާގެ ގިނަ މެމްބަރުން ތިބީ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ބަންގްލަދޭޝްގަ އެވެ. ޑާކާ އަށް ވެރިވެފައިވަނީ، ބޭރުގެ މުބާރާތެއްގައި އިންޑިވިޖުއަލް ކުޅިވަރަކުން ވާދަކުރަނީއޭ ބުނެފި ނަމަ ދިވެހިންގެ ލޮލުން ވެސް ފާޅުވާ ފިނިކަމެވެ. އެއީ ފުޓްބޯޅަ ފިޔަވައި އެހެން ކުޅިވަރަކަށް ބައިނަލްއަގްވާމީ ކާމިޔާބެއް ލިބިދާނެ ކަމަށް ދިވެހިން ދުށް ދުވަސްވަރެއް ނޫނެވެ.

އެކަމަކު، ފެބްރުއަރީ 7، 2010 ގައި ޑާކާގެ ބަންގުބަންދު ސްޓޭޑިއަމަށް އެތުލެޓިކްސް ކަވަރުކުރަން ދިވެހި ނޫސްވެރިން ދިޔައިރު ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އެންމެ ބޮޑު ސަބަބަކީ ރިލޭ އިން މެޑެއްޔެއް ލިބިދާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ދިން އުއްމީދެވެ. ކޮންމެ ފަހަރަކު ގައުމީ ރެކޯޑް ހަދައިގެން ތިބެވޭކަށް ނެތޭ މި ފަހަރު ބޭނުންވަނީ ލޯ މެޑެއްޔޭ ބުނެ އެސޯސިއޭޝަނުގެ ރައީސް މައިޒާން އަލިމަނިކު (އަލިބެ) އޮތީ އެކަމަށް މަސައްކަތްކުރުމުގެ ރޫހެއް އުފައްދަވައިފަ އެވެ.

ދިވެހި ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ޖަހަން ޓްރެކަށް އެރިއިރު ބެޓަން ހިފައިގެން އެންމެ ކުރީގައި ހުރީ ހަސަން ސާއިދު ނަމަކަށް ކިޔާ 18 އަހަރުގެ ދުވުންތެރިޔެކެވެ. ގޭމްސް އަށް ދިޔައިރު ވެސް ރިލޭ ޓީމުގައި ދުވާނެ ކަމުގެ ޔަގީންކަމެއް އޭނާ އަކަށް ނެތެވެ. އެކަމަކު އޭގެ ކުރީ ދުވަހު އޭނާ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް 17 އަހަރަށް ފަހު މުގުރާލާފައި އޮތުމުންނާއި ޒުވާން ދުވުންތެރިޔަކާ ބަލާއިރު މަސައްކަތުގެ ރޭޓް ރަނގަޅުވުމުން ފުރުސަތު ދިނީ އެވެ.

ޓްރެކުގައި ލަނބާލަން ޖެހޭ ދެ ހިސާބު ދިމާވާ ފުރަތަމަ 100 މީޓަރު ދުވަން ސާއިދަށް ޖެއްސީ އޭނާގެ ރިއެކްޝަން ހަލުވި ވުމުން ތަފާތު ދައްކާނެ ކަމުގެ އުއްމީދު އޮތުމުންނެވެ. އޭނާ ފުރަތަމަ 100 މީޓަރު ކަޑައްތުކޮށް ބެޓަން ދިއްކޮށްލީ ހުސެއިން ހަލީމަށެވެ. އެއަށް ފަހު ދުވީ އަޒްނީމް އަހުމަދެވެ. ފަހު 100 މީޓަރު ދުވަން އަލީ ޝަރީފް (އައްޔަ) އާ ޖެހުނުއިރު ވެސް ދެން އަންނަން އޮތީ ތާރީހީ ހިނދުކޮޅެއް ކަމެއް ހިތަކަށް ނާރަ އެވެ. އެކަމަކު ގައިގައި ހުރި ހުރިހާ ބާރެއް ލުމަށް ފަހު، އައްޔަ 100 މީޓަރު ނިންމާލީ، ޕާކިސްތާން ދުވުންތެރިޔާ ފަހަތަށް ޖައްސާލައި ތިން ވަނައިގައި ރޭސް ނިންމައިގެންނެވެ. ދިވެހިރާއްޖޭން އެތުލެޓިކްސް އިން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މެޑެއްޔެއް ހޯދީ އެވެ. އޭޝިއާގެ ފެންވަރުގެ ދުވުންތެރިން ތިބި ގައުމުތަކެއް ހިމެނޭ ސައުތު އޭޝިއަން ގޭމްސްގައި ޓްރެކް އެންޑް ފީލްޑުން ރާއްޖެ އަށް މެޑެއްޔެއް ލިބުމަކީ ފަނޑު އުއްމީދެއް ހަގީގަތަކަށް ވުމެވެ.

2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރިލޭ އިން ރާއްޖެ ލޯ މެޑަލް ހޯދުމުން އެތުލެޓިކްސް އެސޯސިއޭޝަނުގެ އޭރުގެ ރައީސް މައިޒާން އަލިބެ އުފާފާޅުކުރައްވަނީ. --ފޮޓޯ: އެމްއޯސީ

އެސޯސިއޭޝަނުގެ ރައީސް އަލިބެ އާއި އޮފިޝަލުންނާއި ކޯޗުން އުފާފާޅުކުރީ ރޮމުންނެވެ. އެއީ އެ ކާމިޔާބީގައި ހިއްސާވެ، އެ އުފަލުގައި ބައިވެރިވެ އަދި އެ މަންޒަރު ދެކެން އެތާ ހުރި ކުޑަކުޑަ ސާއިދުގެ ތަރި އަރަން ފެށުމެވެ. އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ނަސީރު އިސްމާއިލް ފަދައިން ވަރަށް ޒުވާން އުމުރެއްގައި ވިދާލި ތަރިއެކެވެ. އެކަމަކު މި ތަރީގެ ނަސީބަކަށްވީ އަތުގައި ހިފާނެ، ފުރުސަތުތައް ހޯދައިދޭނެ ބަޔަކު ވުމެވެ.

އެއީ އެތުލެޓިކްސް އިން ވެސް ކުރިމަގަށް ޕްލޭންތަކެއް ހަދަމުން ދިޔަ ދަނޑިވަޅެކެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް އިބްރާހިމް އިސްމާއީލް އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް އަހުމަދު މަރުޒޫގު (މަރޭ) އިންތިހާބުވެ އެތަނުން ވެސް އެތުލީޓުންނަށް ތަމްރީން ސްކޮލަޝިޕްތަކެއް ދޭން ރޭވި ވަގުތެވެ. އޮލިމްޕިކް ކޮމިޓީން ސާއިދާއި އަޒްނީމް، ގޭމްސް އަށް ފަހު ދިގު މުއްދަތުގެ ތަމްރީނަށް މެލޭޝިއާ އަށް ފޮނުވާލީ އެވެ. އެތަނުގައި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެކަމަކު އޭގެ ފަހުން، ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރަށް ދެ ދުވުންތެރިން މަރޭ ފޮނުވައިދިނެވެ. ފައިސާ ދީގެން ވެސް ފުރުސަތު ހޯދަން އުނދަގޫ އެ ސެންޓަރަކީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓުގެ އިތުރުން އެތުލެޓިކްސް އިން ރަން މެޑަލް ހޯދާފައިވާ އެތައް އެތުލީޓުންނެއް ތަމްރީންވެފައިވާ މަރުކަޒެކެވެ.

އެތަނުގައި ހަދަން ފެށި ތަމްރީންތަކާ އެކު އެންމެ ނުވަ މަސް ދުވަހުގެ ތެރޭ ސާއިދު ކުރިއެރުން ހޯދަން ފެށި އެވެ. ރާއްޖޭގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް އެއް ދުވަސް ތެރޭ ދެ ފަހަރަށް މުގުރާލި އެވެ. ރާއްޖޭގެ 400 މީޓަރު ރެކޯޑް މަހެއްހާ ތެރޭ ދެ ފަހަރަށް މުގުރާލި އެވެ. އެހިސާބުން ދެނަކާ ދެނެއް ނެތެވެ. ކާމިޔާބީއަކަށް ފަހު ކާމިޔާބީއެކެވެ. އެންމެ ފުރަތަމަ ބޮޑު ކާމިޔާބީއަކީ 2013 ވަނަ އަހަރު އިންޑިއާގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށް، އެ އިވެންޓުން މުޅި އޭޝިއާގެ ނުވަ ވަނަ ހޯދުމެވެ. ޖެހިގެން އައި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ހޮވުނެވެ. އޭގެ ތެރެއިން 200 މީޓަރު ދުވުމުން ފައިނަލާ ވަރަށް ގާތަށް ދިޔަ އެވެ. އެއީ އޭޝިއަން ގޭމްސް އިން ރާއްޖޭގެ އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދި ރިލޭ ޓީމުގެ ދުވުންތެރިން ސާއިދު (ކ) އާއި އަލީ ޝަރީފް (ކ-2) އަދި ހުސެއިން ހަލީމް (ކ-3) އާއި އަޒްނީމް. --ފޮޓޯ: އެމްއޯސީ

ދެން އައި، 2015 އަކީ ސާއިދުގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރެވެ. އެ އަހަރުގެ ޖޫން މަހު އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ޖާގަ ހޯދައި އެވެ. ސެމީގައި ދުވި ޓައިމިން އަށް ބަލާއިރު އޭނާ އަކީ އޭރު މި ބިޔަ އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ އެވެ.

އޭގެ ދެ މަސް ފަހުން ސާއިދު ރާއްޖޭގެ ކުޅިވަރު ތާރީހު ބަދަލުކޮށްލި އެވެ. ރިޔޫނިއަން އައިލެންޑްސްގައި އެ އަހަރުގެ އޮގަސްޓް މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ އެވެ. އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.

"ދިވެހިރާއްޖޭގައި އެހާ މޮޅު އެތުލީޓަކު ހުރޭތަ؟،" އެ މަންޒަރު ބަލަން ހުރި ރިޔޫނިއަންގެ ނޫސްވެރިޔަކު ކުރި ސުވާލުން އެ ކާމިޔާބީގެ ބޮޑުމިން ވަޒަންކުރެވުނެވެ.

ސާއިދު ގައުމީ މުބާރާތުގައި ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ ފުޓްބޯޅަ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދުވަސް ފިޔަވައި، ކުޅިވަރުން މުޅި ގައުމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ އެ ދުވަހު އެވެ. އެ ކާމިޔާބީ އަށް ފަހު އޭނާ ދެން ކުރިމަތިލީ ވޯލްޑް ޗެމްޕިއަންޝިޕާ އެވެ. އެ މުބާރާތުގެ 100 މީޓަރުގެ ހީޓުގެ ދެ ވަނަ ހޯދައި، ފުރަތަމަ ބުރުގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓާ، އެއް ހީޓެއްގައި ދުވެ ބޮޑު ކުރިއެރުމަކާ ގައުމީ ރެކޯޑް މުގުރާލި އެވެ. އެ ފަހަރު އޭނާ 0.8 ސިކުންތުގެ ކުރިއެރުމަކާ އެކު 10:42 ސިކުންތުން ރޭސް ނިންމައި ހެދި ޓައިމިން އަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި އަދި ކޮމަންވެލްތު ޔޫތު ގޭމްސް އިން ވެސް ރަން މެޑަލް ހޯދި ސްރީ ލަންކާގެ ޝެހާން އަމްބެޕިޓިޔާ އޭރު ދުވި ޓައިމިން ކަމަށްވާ 10:46 ސިކުންތަށް ވުރެ ވެސް އަވަސް ޓައިމިން އެވެ.

އެ އަހަރަށް ފަހު 2016 ގެ ކުރީކޮޅު ސައުތު އޭޝިއަން ގޭމްސް އަށް ސާއިދު ދިޔައީ ރަން މެޑަލުގެ އުއްމީދުގަ އެވެ. އެކަމަކު ރަން ނުލިބުނަސް ސާއިދު 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދުން ވެގެން ދިޔައީ އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ޝަކުވާ ކުރެވޭނެ ޖާގައެއް ނެތެވެ.

ސާއިދުގެ ކާމިޔާބީތައް:

- 2010 ސައުތު އޭޝިއަން ގޭމްސް: ލޯ މެޑަލް (ރިލޭ ޓީމާ އެކު)

- 2014 އޭޝިއަން ގޭމްސް: 100 މީޓަރު އަދި 200 މީޓަރުން ސެމީ ފައިނަލް

- 2015 އޭޝިއަން ޗެމްޕިއަންޝިޕް: 100 މީޓަރުން ސެމީ ފައިނަލް

- 2015 އިންޑިއަން އޯޝަން އައިލެންޑް ގޭމްސް: 100 މީޓަރުން ރަން މެޑަލް، 200 މީޓަރުން ރިހި މެޑަލް

- 2016 ސައުތު އޭޝިއަން ގޭމްސް: 100 މީޓަރުން އަދި 200 މީޓަރުން ރިހި މެޑަލް

- 2016 އިންޑިއަން ގްރޯން ޕްރީ: 100 މީޓަރުން ރަން މެޑަލް

- 2016 އޮލިމްޕިކްސް: 100 މީޓަރުން ހީޓުގެ އެއް ވަނަ

- 2017 އޭޝިއަން ގްރޯން ޕްރީ: 100 މީޓަރުން ލޯ މެޑަލް

- 2017 އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުން ހަތަރު ވަނަ

- 2017 އޭޝިއަން ޗެމްޕިއަންޝިޕް: 100 މީޓަރުން ހަތަރު ވަނަ

- 2017 މެލޭޝިއަން އޯޕަން ޗެމްޕިއަންޝިޕް: 100 މީޓަރުން ރަން މެޑަލް

- 2019 އިންޑިއަން އޯޝަން އައިލެންޑް ގޭމްސް: 200 މީޓަރުން ރިހި މެޑަލް

- 2019 ސައުތު އޭޝިއަން ގޭމްސް: 100 މީޓަރުން ރަން މެޑަލް، 200 މީޓަރު ލޯ މެޑަލް

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އޮތް އޮލިމްޕިކްސް އަށް ދިއުމުގެ ކުރިން ސާއިދު މި ސަރަހައްދުގައި އޭނާގެ ފެންވަރު ދައްކާލީ އޮލިމްޕިކްސް އަށް ދުވުންތެރިން ކޮލިފައިކުރަން އިންޑިއާ އިން ޖުލައި މަހު ބޭއްވި އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ.

އޮލިމްޕިކްސް އިން ދިވެހިން މެޑެއްޔަކަށް އުއްމީދެއް ނުކުރާނެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި އިހުތިރާމް ލިބޭ ވަރުގެ ވާދައެއް ދިވެއްސަކު ކޮށްލާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހިން ތިބި ތިބުމަށް ސާއިދު އޮގަސްޓް މަހު ނިމުން ގެނެސްދިނެވެ. އޭނާ ވަނީ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ވަނަ ބޮޑު ތަފާތަކާ އެކު ހޯދައި، ފުރަތަމަ ބުރުން ޖާގަ ހޯދައިފަ އެވެ. އެއާ އެކު ސާއިދު ވެގެން ދިޔައީ އޮލިމްޕިކްސްގެ ބުރެއް ނުވަތަ ހީޓެއްގެ އެއް ވަނަ ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެވެ. އެ ނިމުނީކީ ނޫނެވެ. ޕްރިލިމިނަރީ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ތެރެއިން އެންމެ ބާރު ދުވުންތެރިޔަކީ ވެސް 10.43 ސިކުންތުން ދުވި ސާއިދެވެ. އަދި އޭނާ އަކީ އެ ފަހަރުގެ އެ އިވެންޓުގެ ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓް ވެސް މެ އެވެ.

ސާއިދު (ކ) މަރޭ އާ އެކު ރަމްޒީ ޓްރެއިނިން ސެޝަނެއްގައި ބައިވެރިވަނީ. --ފޮޓޯ: އިބްރާހިމް އުޝާފަތު

ޖެހިގެން އައި 2017 ވަނަ އަހަރު ސާއިދު ފެށީ ޓައިވާނުގައި އޮތް އޭޝިއަން ގްރޯން ޕްރީ ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި ރާއްޖެ އަށް އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިދީގެންނެވެ. މި ރޭހުގައި ސާއިދު ވަނީ އިންޑިއާ އާއި ސްރީ ލަންކާގެ ވަރުގަދަ ދުވުންތެރިން ފަހަތަށް ޖައްސާލައިފަ އެވެ.

މޭ މަހު ސާއިދު އަނެއްކާ ވެސް ތާރީހުން ޖާގަ ހޯދި އެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދީ އެވެ. އެއާ އެކު އޭނާ ވެގެންދިޔައީ ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އޯގަނަގައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުގެ މެމްބަރު 57 ގައުމުގެ 1.6 ބިލިއަން އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހުރި ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ އަށެވެ. އަދި އެ ގޭމްސްގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެހި އެތުލީޓަށެވެ.

އެ އަހަރުގެ ޖުލައި މަހު ސާއިދު ހޯދީ، ވަނައިގެ ގޮތުން ދިވެއްސަކަށް މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތުން ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައި، 4.4 ބިލިއަން މީހުން ދިރިއުޅޭ މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ހޯދީ އެވެ. އޭގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުގެ ސެމީ ފައިނަލުގައި ދުވެ، 12 ވަނައިގައި ރޭންކްކުރެވުނު ސާއިދު އެ ފަހަރު އަށް ދަރަޖަ ކުރިއަށް ޖެހުނީ ފައިނަލުގައި 10:37 ސިކުންތުން ދުވެގެންނެވެ. އޭނާ އަށް އޭޝިއާގެ ތިން ވަނަ ނުވަތަ ލޯ މެޑަލް ނުލިބުނީ ހަމަ ކިރިޔާ އެވެ. ތިން ވަނަ އަށް ރޭސް ނިންމި ޗައިނީސް ޓައިޕޭގެ ޔަންގް-ޗުން-ހަން 10:31 ސިކުންތުން ދުވިއިރު އެއީ ސާއިދުގެ އޭރުގެ ގައުމީ ރެކޯޑް ޓައިމިން ކަމަށްވާ 10:33 ސިކުންތާ 0.02 ސިކުންތުގެ ފަރަގެކެވެ. ސާއިދު ފިޔަވައި ދެކުނު އޭޝިއާގެ އެހެން އެތުލީޓަކަށް ފައިނަލުން ބެސް ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އޭނާ ވެފައިވަނީ އޭޝިއާގެ އެތުލެޓިކްސް އެންމެ ޝަރަފްވެރި މުބާރާތުގެ އެންމެ ހާއްސަ އިވެންޓުގެ ފައިނަލުގައި ދެކުނު އޭޝިއާ ތަމްސީލްކުރި ދުވުންތެރިޔާ އަށް ވެސް މެ އެވެ.

ސާއިދު (ވ) އޭނާގެ ކޯޗު ފާއިލާ އެކު. --ފޮޓޯ: އަބްދުﷲ އަބީދު/ އެމްއޯސީ

ހަމަ އެ މަހު މެލޭޝިއާގައި ބޭއްވި މެލޭޝިއަން އޯޕަން އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ޖެހިޖެހިގެން ތިން އަހަރު ތެރޭ ތިން ވަނަ ރަން މެޑަލް ސާއިދު ކާމިޔާބުކުރި އެވެ. ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބާރު ދުވުންތެރިންނާ ވާދަކޮށް އެއް ވަނަ ހޯދީ 10:48 ސިކުންތުން ދުވެގެންނެވެ.

އެ ކާމިޔާބީތަކަށް ފަހު 2018 ވަނަ އަހަރު ސާއިދު ތަމްރީންތައް މާލެ އަށް ބަދަލުކުރި އެވެ. އެގޮތުން އެ އަހަރު އޭނާ ބޮޑަށް ބޭނުންކުރީ ނިމިގެން ދިޔަ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށެވެ. އޭނާ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަދި މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން ދެވުނީ ސެމީ ފައިނަލާ ހަމަޔަށެވެ. އަދި މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިޔައީ ވެސް ދަށްކޮށެވެ. ކުރީ ފަހަރު ރަން މެޑަލް ހޯދި 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އަށެވެ. އަދި ކުރިން ރިހި މެޑަލް ހޯދި 200 މީޓަރު ދުވުމުން ލިބުނީ ލޯ މެޑެއްޔެވެ.

އެއާ އެކު ސާއިދުގެ ތަރި އޮއްސެނީހޭ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ. އެކަމަކު މުޅި ގައުމު ސިއްސުވާލައި އޭނާ މިދިޔަ ޑިސެމްބަރުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އެވެ. އެއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު ވީ ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އެއީ މެޑަލުގެ ކުލަ އާއި މުބާރާތުގެ ފެންވަރަށް ބަލާއިރު ރާއްޖެ އަށް އެއްވެސް ކުޅިވަރުން މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދުމަށް ފަހު ސާއިދު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

ކ. ގާފަރަށް އުފަން ސާއިދު ދެހާހުގެ ދެ ވަނަ 10 އަހަރަށް ފެށީ ރާއްޖޭގެ ރިލޭ ޓީމުގެ ބަދަލު ދުވުންތެރިޔެއްގެ ގޮތުގައި މުބާރާތަށް ގޮސް ރާއްޖެ އަށް އެތުލެޓިކްސް ފުރަތަމަ މެޑަލް ހޯދައިދޭން ބޮޑު ހިއްސާއެއްވި ދުވުންތެރިޔާގެ ގޮތުގަ އެވެ. އޭނާ 10 އަހަރު ނިންމާލީ ދުނިޔޭގެ އާބާދީގެ 22 ޕަސެންޓް ހިއްސާކުރާ އަދި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަބް ކޮންޓިނެންޓް ކަމަށްވާ 1.7 ބިލިއަން މީހުން ނިސްބަތްވާ ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގަ އެވެ.

އެހެންކަމާ އެކު އެއްވެސް ސުވާލެއް ނެތް ގޮތުގައި ސާއިދަކީ މިދިޔަ 10 އަހަރު ރާއްޖޭގެ ކުޅިވަރުގެ އެންމެ އަލިގަދަ ތަރި އެވެ. އެ ޝަރަފް އޭނާ އަށް އެ ލިބެނީ ރާއްޖޭގެ މުބާރާތްތަކުގައި ހޯދި ކޮޅުންނުލާނެ ކާމިޔާބީތަކުގެ އެންމެ ޕަސެންޓެއް ވެސް ނުހިމަނަ އެވެ. އެކަމަކު އިންޑިވިޖުއަލް ކުޅިވަރެކޭ ބުނެފި ނަމަ ފިނިކަން ފާޅުވީ ދިވެހިންގެ ލޮލުން މިއަދު ފަހުރުވެރިކަމުގެ ވިދުވަރު ފާޅުވާން ފެށުމުގެ ވަރަށް ބޮޑު ކްރެޑިޓެއް އޭނާ އަށް ހައްގުވާތީވެ އެވެ.

3 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 0%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންދެރި

01 January 2020

މުސްތަގުބަލަށް އިތުރު މީހުން ތަމްރީން ކުރަން ޖެހެ އެވެ.

The name is already taken The name is available. Register?

ރަދީފް

01 January 2020

މިހުރިހާކަމެއްގެ އަސްލު މޭސްތިރިއަކީ މަރޭ.އެހެންވެ އަހަރެން އަބަދުވެސް ބުނަނީ އާސެނަލް ފޭން (މަރޭ) އެއީ ހުރިހާކަމެއް ދަންނަ މޮޅު އެދުރެކޭ.ސާބަހޭ މަރޭ.ވ.ވެދުން

The name is already taken The name is available. Register?

ރަދީފް

01 January 2020

މަރުހަބާ ސާއިދު.މަރުހަބާ މަރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454