ގުޑީސް އިން އަނެއްކާ ވެސް ޕޮލިސް ބަލިކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ޕޮލިސް ކްލަބް އަތުން 3-2 ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.


މިއީ މި ފަހަރުގެ މުބާރާތުގައި ގުޑީސް އިން ޕޮލިސް ބަލިކުރި ދެ ވަނަ ފަަހަރެވެ. ފުރަތަަމަ ބުރުގައި ގުޑީސް އިން ޕޮލިހުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

ދެ ވަަނަ ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކްލަބުން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. ޕޮއިންޓު ތާވަލުގެ އެއް ވަނައިގައި ސިފައިން އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގުޑީސް އަށް 11 ޕޮއިންޓު ލިބިފައިވާއިރު، ތިން ވަނައިގައި ޕޮލިސް އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވުމުން ލީގުގެ ތަށި އުފުލާލަން ކުރާ މަސައްކަތުގައި ޕޮލިހަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު 25-22، 25-18 އިންނެވެ. މި ދެ ސެޓުގައި ޕޮލިހުގެ ލަންކާ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ އިތުރުން ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޕޮލިހުގެ ކުޑަކާއްޓެ ރޭގެ މެޗުގެ ތެރެއިން ބޯޅައެއް ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔަ ނަމަވެސް ގުޑީސް އޮތީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެ ޓީމުން ތަފާތު ހިތްވަރެއްލައިގެން ތިން ވަނަ ސެޓުން ފެށިގެން ޓީމެއްގެ ގޮތުގައި ކުޅެ މެޗުގެ ނަތީޖާ އަނބުރާލީ އެވެ. ގުޑީސް ޓީމުން ފަހު ތިން ސެޓު ގެންދިޔައީ 25-27، 23-25 އަދި 13-15 އިންނެވެ. ފޯރިގަދަކޮށް ދިޔަ މި ތިން ސެޓުގައި ގުޑީސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގުޑީސްގެ ލަންކާ ކުޅުންތެރިޔާ ގާޔަން ކީރްތީ އެވެ. ގުޑީސް ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އާއި އެ ޓީމުގެ ކެޕްޓަން ހުސެއިން ވިޝާމް (ބުޅިކެ) ވެސް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. ސިފައިން ސެޓުތައް ގެންދިޔައީ 25-12، 25-16 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޕޮލިހުން ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި ގުޑީސް ބައްދަލުކުރާނީ ސިފައިންނާ އެވެ. މިރޭގެ މެޗަކީ ލީގު ހޯދުމުގެ ރޭހުގައި ކުރިއަށް ޖެހިލަން މި ދެ ޓީމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ.