ސިފައިންގެ ތަފާތަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން: ކޯޗު

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދުމުގައި އެހެން ޓީމުތަކާ އަޅާބަލާއިރު ތަފާތަކަށް ފެނުނީ ސިފައިންގެ ޓީމުން ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކުރުން ކަމަށް އެ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނެފި އެވެ.


ފޯރިގަދަ ކުޅުމަކަށް ފަހު ލީގުގެ ފަހު މެޗުން ރޭ ޕޮލިސް ކްލަބް އަތުން 3-2 ބަލިވި ނަމަވެސް ސިފައިންނަށް ވަނީ ލީގު ލިބިފަ އެވެ. ސިފައިންނަށް ރޭގެ މެޗަށް ކުރިމަތިލިއިރު ލީގު ގެއްލެން އޮތީ ފަސް ސެޓަށް ނުގޮސް ޕޮލިސް މޮޅުވެގެންނެވެ. ސިފައިން އެއް ވަނަ ދިޔައީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޕޮލިސް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވި ގުޑީސް ސްޕޯޓްސް ކްލަބް އެވެ. ގުޑީސް އަށް ވަނީ 14 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު މުންތޭ ބުނީ މިއީ މުޅި ޓީމު އެއް ރޫހެއްގައި މަސައްކަތްކޮށްގެން ހޯދި ވަރަށް ފުރިހަމަ ކާމިޔާބެއް ކަމަށެވެ.

"ތަފާތަކަށް މި ފެނުނީ ސިފައިންގެ ޓީމުގެ ޓީމްވޯކް. ކުޅުންތެރިން ދެއްކި ހިތްވަރު. ޓީމެއް ތައްޔާރުކުރާއިރު އެބަޖެހޭ ހުރިހާ ކަމެއް ކުރަން. ޓީމްވޯކް އޮންނަން ޖެހޭ. މިއީ ވަކި ވަކި އިންޑިވިޖުއަލް ކުޅުންތެރިން ކުޅޭ އެއްޗެއް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިން މި ކުޅެނީ. އެކަކު އަނެކަކަށް އިތުބާރުކުރުން ހުންނަ ކޯޗަށް ވެސް އިތުބާރުކުރުން. ދެން ހަދާ ޓްރެއިނިން ވެސް ވަރަށް މުހިއްމު،" ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި މުންތޭ ބުންޏެވެ.

ލީގުގައި ސިފައިން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވީ ޕޮލިހާ ކުޅުނު ދެ މެޗުންނެވެ. ޕޮލިހަށް ލީގު ގެއްލުމުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ދެ ބުރުގައި ވެސް ގުޑީސް އަތުން ބަލިވުމެވެ. ގުޑީސް އާއި ޕޮލިސް ދެ ވަނަ ބުރުގައި ކުޅުނު މެޗުގެ ނަތީޖާ އަކީ ސިފައިންނަށް ލީގު ލިބުމުގައި އިސް ދައުރެއް އަދާކުރި މެޗެކެވެ.

"މެޗަށް އައިއިރު އެންމެން ވެސް ތިބީ ފިޓްކޮށް (ސިފައިން އަތުން) ފުރަތަމަ ބުރު ޕޮލިސް މޮޅުވީމަ ދެން ދިޔައީ ޕޮއިންޓް ޓޭބަލަށް ވާގޮތެއް ބަލަމުން. ދެ ވަނަ ބުރުގައި ޕޮލިހާއި ގުޑީސް ފަސް ސެޓަށް ގޮސް ޕޮލިސް ބަލިވުމުން އޭގެ އެޑްވާންޓޭޖް މި ފެނުނީ،" މުންތޭ ބުންޏެވެ.

ސިފައިންގެ އެޑަމް ފޮނުވާލާ ބޯޅަ ބްލޮކްކުރަން ޕޮލިހުގެ ހުޒަންޓެ އާއި ޝާމިލް މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިފައިންގެ ޓީމުގައި ތަފާތު ދެއްކި ދިވެހި ކުޅުންތެރިންނަކީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދެއްކި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އަދި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ. މުންތޭ ބުނީ ލޯކަލް ކުޅުންތެރިން ތައްޔާރުކުރާ ގޮތަށް ދުރާލާ ބިދޭސީ ކުޅުންތެރިން ހޯދުމުގައި ވެސް ރަނގަޅަށް ކަންތައްތައް ކުރުން މުހިއްމު ކަމަށެވެ.

"ކަމެއް އޮތިއްޔާ ކުރިއަށް ތައްޔާރުވާން ޖެހޭނެ. އަސްލު ހަގީގަތުގައި ސިފައިން މި ފެންނަނީ މި ކަމަށް ތައްޔާރުވެގެން އެއް ރޫހެއްގައި ކުރިމަތިލާތަން. އަލުގަނޑުމެންގެ ނަސީބެއް ބޭރު ކުޅުންތެރިޔާ ކުރިން ރާއްޖެ ގެނެވުނުކަން. އެހެން ޓީމުތައް އުޅުނީ ގެނެވޭނެބާއޭ ނުގެނެވޭނެބާއޭ ގެންނަން ބޭނުންވާ މީހާ ގެނެވޭނެބާއޭ އެ ކަހަލަ ވިސްނުމެއްގައި. ސިފައިން ޓީމުން ވާހަކަ ދައްކައިގެން ބޭނުންވާ ކުޅުންތެރިއާ މި ގެނައީ،" މުންތޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމަކީ ޕޮލިހެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން އިޝާން މުހައްމަދު (ބަޓިސް) އެ ޓީމުގައި ތިއްބެވެ. ޕޮލިހަށް މައްސަލަ ދިމާވި އެއް ސަބަބަކީ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުން ލަސްވުމެވެ. ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނީ މުބާރާތް ފެށި ފަހުންނެވެ.

ލީގުގެ ފަހު މެޗުގައި ރޭ ޕޮލިހަށް ސެޓުތައް ގެއްލިފައި ހުރީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. އެކަން އެ ޓީމުގެ ކޯޗު އަޝްރަފު އަލީ (އަސްރާ) ގަބޫލުކުރެ އެވެ. އަސްރާ ބުނީ މައްސަލަ ދިމާވީ ސެޓުތައް ނިންމަން ލިބޭ ފުރުސަތުގެ ބޭނުން ނުހިފޭތީ އެވެ.

"މީގައި ހެދުނު މިސްޓޭކްތަކެއްގެ ސަބަބުން ފަހު ކޮޅުގައި މިހާ ޕްރެޝަރު އަންނަން މި ޖެހުނީ. ސިފައިން ޓީމެއްގެ ގޮތަށް ވަރަށް ރަނގަޅަށް ކުޅުނު. އެހެންވެ ތަފާތެއް މި އައީ، (ޕޮލިހުގެ) ކުޅުންތެރިން ވެސް ވަރަށް އިތުބާރާ އެކީ އަރާތިބީ ކޮންމެ ގޮތެއްވިޔަސް ތިން ޕޮއިންޓް ހޯދަން ޖެހިފައި އޮތީމާ ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ. ދެ ވަނަ ސެޓު ދިއުން އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ. ގާތްގަނޑަކަށް ހަމަލިބިފައި އިން ސެޓެއް،" އަސްރާ ބުންޏެވެ.

ގައުމީ ލީގުގެ ގަދަ ހަތަރު ޓީމު ދެން ވާދަކުރާނީ ބުރާސްފަތި ދުވަހު ފަށާ ގައުމީ މުބާރާތުގަ އެވެ. މި މުބާރާތުގެ ތަށި ސިފައިން ބަލިކޮށް މިިދިޔަ އަހަރު އުފުލާލީ ޕޮލިހުންނެވެ. ޕޮލިހުން ތަށި ދިފާއުކުރަން އަމާޒުހިފާފައިވާއިރު، ސިފައިންގެ ޓާގެޓަކީ ސީޒަނުގެ ދެ މުބާރާތް ކާމިޔާބުކުރުމެވެ.