16 ޖެނުއަރީ 2020 - 12:48
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތް ޗައިނާ، ސީރިއާ އަދި ފިލިޕީންސް މެޗު ކާމިޔާބުކޮށްފި ނަމަ ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމަށާއި އެއީ އާދަޔާހިލާފު ފެށުމަކަށް ވާނެ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިންގްލެންޑުގެ ޖުދާން އަލީ ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ޓެބްލޮއިޑް ނޫސް "ދަ ސަން" އަށް ދިން އިންޓަވިއުއެއްގައި ގަތަރު ވޯލްޑް ކަޕުގެ ހުވަފެން ޖުދާން ރާއްޖެ އަށް މި ދެއްކީ ކުރިން ގައުމީ ކޯޗަކަށް ހުރި ޕީޓާ ސެގާޓް ވެސް އެފަދަ ހުވަފެނެއް ދެއްކުމުން ފާޑުކިޔުން އަމާޒުވެފައި އޮއްވަ އެވެ. ޖުދާން ބުނި ގޮތުގައި އޭނާ އަށް ފުރަތަމަ ކުރަން ޖެހިފައި އޮތީ ސެގާޓުގެ ބަދަލުގައި އާ ކޯޗެއް ހޯދުން ކަމަށެވެ.
"އަހަރެން ފުރަތަމަ ހަގީގީ މަސައްކަތަކީ ކޯޗެއް ހޯދުން، އެއީ މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް މާޗު މަހު ހަމަވާތީ،" ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް ނުގޮސް ކެޓުމުން ކޮންޓްރެކްޓް އުވާލި ސެގާޓަށް އިޝާރާތްކޮށް ޖުދާން ބުނެފައިވެ އެވެ. "އަހަރެން މިދިޔަ ހަތަރު، ފަސް އަހަރުގެ ތެރޭ ކުޅުންތެރިން މޮނިޓާކޮށްފިން. ޓެކްނިކަލީ ހުނަރުވެރި، ގާތްގަނޑަކަށް ބާސެލޯނާ ޒާތުގެ، ސްޕެނިޝް ސްޓައިލެއް (ފެންނަނީ)."
ޖުދާން ބުނީ ބްރެޒިލާއި ބާސެލޯނާގެ ކުރީގެ ތަރި ރިވާލްޑޯއާ ވެސް ވާހަކަދައްކައިފިން ކަމަށާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕީޓާ ރީޑާއި ވެސް ވާހަކަދައްކައި، ދެން އޮތީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ބްރަޔަން ރޮބްސަންއާ ވާހަކަދެއްކުން ކަމަށެވެ.
"ހޫލިއާ ސެސާ، މަނީޝް، ނޮލްބާޓޯ ސޮލާނޯ ވެސް އެބަތިބި މަންޒަރުގައި. މިއީ އަހަންނާ ގަވާއިދުން ވާހަކަދައްކާ މީހުން. އޮތް ޝައުގުވެރިކަން އާދަޔާހިލާފު. ގާތްގަނޑަކަށް 150 ސީވީ އެބައޮތް. އެކަމަކު އަހަރެން މިކަން (ގައުމީ ކޯޗުކަން) ވިއްކާނީ ޗުއްޓީއެއްގެ ގޮތަކަށް ނޫން،" ބާސެލޯނާގެ އެކެޑަމީ ލަ މާސިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ޖުދާން ބުންޏެވެ.
ޖުދާން ބުނީ ރާއްޖޭގައި ފުޓްބޯޅައިގެ ސަގާފަތެއް އެބައޮތް ކަމަށާއި އަދި އަލަށް ހުޅުވާ ފުޓްބޯޅަ ސްކޫލަށް އިޝާރާތްކޮށް އޭނާ ބުނީ މާޗު މަހު 100 ވަރަކަށް ކުދިންނަށް ޑިވެލޮޕްމަންޓް ސެންޓަރެއް އެބަހުޅުވޭ ކަމަށާއި އެތަނުގައި ކުދިން ދިރިއުޅެ ތަމްރީންތައް ލިބެމުން އަންނާނެ ކަމަށެވެ.
"އޭގެ އަށެއްކަތަން މުޅި ރާއްޖޭގައި ހުޅުވިއްޖެއްޔާ ކާކަށް އެނގޭނީ ފަހެއް ނުވަތަ ހަ އަހަރު ފަހުން ވާނެ ގޮތެއް،" ޖުދާން ބުންޏެވެ. "ފަހަރުގައި ކުރިމަގަށް ރާއްޖެ ވެދާނެ ފުޓްބޯޅައިގެ ގަދަބާރަކަށް؟" ޖުދާން ބުންޏެވެ.
އެކަމަކު އޭގެ ކުރިން އޭނާގެ އޮތް މަސައްކަތަކީ ކޯޗެއް ހޯދުން ކަމަށާއި އެގޮތުން މާޗު މަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން ތެދުކުރުވަން ކުޅުންތެރިން މޯޓިވޭޓްކުރަން އެނގޭ މީހަކު ބޭނުންވާ ކަމަށް ޖުދާން ބުންޏެވެ.
"އަހަރެމެން ޗައިނާ، ސީރިއާ އަދި ފިލިޕީންސް ބަލިކޮށްފި ނަމަ ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވާނެ. މި ފަހުރުވެރި ގައުމަށް އެއީ އާދަޔާހިލާފު ފެށުމަކަށް ވާނެ،" ޖުދާން ބުންޏެވެ.
ރާއްޖޭން އެ ތިން ގައުމު ބަލިކޮށް ވޯލްޑް ކަޕަށް ދާ ވާހަކަ ޖުދާން ދެއްކިއިރު، ގްރޫޕުން ރާއްޖެ މޮޅުވީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެވެ. ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތް ސީރިއާ އަށް 15 ޕޮއިންޓް ލިބިފައިވާއިރު ރާއްޖޭގެ އަތުގައި އޮތީ ހަ ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނުމުޙައްމަދު
18 January 2020
ވޯލްޑް ކަޕްގެ ހުވަފެނަކީ ދެކެންޖެހޭ އެއްޗެއް. އަމާޒެއް އޮވެގެން ކަމެއްވާނީވެސް. މައްސަލައަކީ އެ އަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާ ގޮތެއްގައި ނުކުރެވުން. ފުރަތަމަ ރަގަޅުކުރަންވީ ގައުމީ ޓީމެއްނޫން. ރާއްޖޭގެ ލީގާއި ކުލަބުތައް. އޭރުން ގައުމީޓިމު ރަނގަޅުވާނީ. އެސޯސިއޭޝަން ހަރުދަނާ ކުރުމަކީ މިކަމުގެ ފެށުން. މިކަންކަން ނުކޮށް ގައުމީޓީމު ހިންގުން ގާޑިއޯލާއާ ހަވާލުކުރިޔަސް ނަތީޖާއެއް ނެރެވޭނެ ކަމަކަށް ނުފެނޭ.
ރައްޔިތެއްގެދުލުން
17 January 2020
ތިޔަ ކަހަލަ ފޮނި ކަނޑަން ކަލޯމެނަށް އެނގޭނީ
ކުންނާރު އޮށް
17 January 2020
ހެހެހެހެ. ހުވަފެނުގަ ވެސް ނުވާނެ. ފެންވަރުން އުޅޭނީ
ވިގޫތާކިހާ
16 January 2020
އެފްއޭއެމްއަށް މީހުން ގެންނަނީ ބްރެއިން ވޮޝްކުރުމަށްފަހުތަ؟ ހުވަފެނަކުން ނައަރައިގެން އުޅޭހެން ހީވަނީ..
ބެލެނިކެމް
16 January 2020
ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ރައްޔިތުންނަށް މަލާމާތްކުރަނީ.
ހާމަ333
16 January 2020
ބައްސާމު ބޭރުކުރަން މަހުލޫފުމެނަކަށް ނުކެރޭނެ...ފުޓްބޯޅަ ހަލާކުކުރި މީހަކީ ބައްސާމް....މިއީ ދިވެހިން ދުވަހަކުވެސް ހަންދާން ނުނެތޭނެ ކަމެއް...ވައިޑީޕީއެއް ލީގެއް އެހެން އެއްޗެއްގަ ފޯރިއެއްނެތް...
މީޒްލީ
16 January 2020
ބައްސާމް ނޫން ގޮތެއް އެބަޖެހޭ ހޯދަން!
ހަމްބެ
16 January 2020
ކުޅުންތެރިންގެ ހިތްވަރެއް އޮތީ ހަމަ
މޮޓްސް
16 January 2020
އެތިންމެޗުން މޮޅުވެވުމަކީ ނާޒުކު ކަމެއް. އަދި ކިއެއްތަ، މޮޅުވިޔަސް ވޯލްޑް ކަޕަށް ކޮލިފައި ނުވާނެ. ދެންޖެހޭނީ އޭޝިއާގެ އެންމެ ވަރުގަދަ 12 ޓީމް ހިމެނޭ، 2 ގްރޫޕަކަށް ބަހާލައިގެން ކުޅޭ ރައުންޑް ކުޅެން. ދަ ސަން ފަދަ ތާކުންތާކުން ނުޖެހޭ ނޫސްތަކަށް ވާހަކަ ދައްކާނީ ތާކުންތާކުންނުޖެހޭ މީހުން.
ކްލައުން
17 January 2020
މީނާއަކަށް ނޭގޭ ސެގާޓުގެ ކޮންޓްރެކްޓެއް ނެތްކަން. ވާލްޑްކަޕް ކޮލިފައިން ކިތައް ބުރުތޯ އޮންނަނީ، އަދި ރާއްޖޭގެ ފެންވަރެއްވެސް ނޭގޭ މީހެއް. މީނާއާ ވާހަކަ ދައްކާ މީހުންނަކީ ކޮންމެހެން ރާއްޖޭގެ ކޯއްޗަކަށްވާން ބޭނުންވާ މީހުންނެއްނޫން. ދަ ސަން އަކީ ޖޯކުވާހަކަ ޖަހާ ނޫހެއްކަން މުޅި ޔޫކޭ ގަބޫލްކުރޭ!
ގަޓް ބްރޯ
16 January 2020
މެދުނުކެނޑި ރާއްޖޭގަ ގައުމީ ފެންވަރުގަ ފުޓުބޯޅަ ކުޅޭތާ ބައި ގަރުނަށްވުރެ އިތުރު ވެއްޖެ. އެންމެ ފަހުން ރާއްޖެ ބަލިވީވެސް ސަރަހައްދުގެ "ބަލިފޫޅު" ބޫޓާން އަތުން. ސަރަހައްދު ފަހަނަ އަޅައި އަދި ކުރިޔަކަށް ނުދެވޭ. ދެން މިދައްކަނީ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވާ ވާހަކަ!