ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކޫޕްމަން (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ޖެނުއަރީ 2020 - 18:29
ހުސްވެފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފި އެވެ.
ކޫޕްމަން އަކީ އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕްގެ ދައުރުގައި ހަމަޖެއްސި ތިން ވަނަ ކޯޗެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޕީޓަ ސެގާޓަށް މަގާމު ގެއްލުނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ނަތީޖާތަށް ދަށްވުމުންނެވެ. އޭގެ ކުރިން ގައުމީ ކޯޗަކަށް ހުރީ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އެވެ.
އުމުރުން 63 އަހަރުގެ ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދިނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. ދެ އަހަރު ދުވަހު އަރޫބާ އަށް ކޯޗުކޮށްދިން ކޫޕްމަން ކޯޗިންގެ ތެރެއަށް އައީ 1989 ވަނަ އަހަރު އެވެ. އޭނާ ކޯޗިންގެ މަސައްކަތް ކުރި ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ނެދަލެންޑްސްގެ ގްރޮނިންގެން އެސިސްޓަންޓް ކޯޗުކަމާއި ސައުދީ އަރަބިއްޔާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ހިމެނެ އެވެ. އަދި އޭނާ ވަނީ ޗައިނާގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އަށް ވެސް ކޯޗު ކޮށްދީފަ އެވެ.
ކޫޕްމަންއާ އެކު، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ މަޝްހޫރު ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. ގޫސް ހިޑިންކް އެކޭ އެއްގޮތަށް ރެނޭ ވެސް ވަނީ ޔޫރަޕްގެ އިތުރުން އޭޝިއާގެ އެކި ގައުމުތަކުގައި ކޯޗުކަމުގެ ތަޖުރިބާތަކެއް ކޮށްފަ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކޫޕްމަން ބުނީ ރާއްޖެ ޓީމާ ހަވާލުވާން އޭނާ ނިންމީ އެންމެ ފަހުން ކޯޗުކޮށްދިން އަރޫބާ ޓީމާ އެއްގޮތަށް ކަންތައްތަކެއް ހުރުމުގެ އިތުރުން ފުޓްބޯޅައިގައި ޝައުގުވެރި ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ. އަދި ރާއްޖޭގައި އޭނާ މަސައްކަތް ކުރަން ބޭނުންވަނީ އެންމެންނާ ގުޅިގެން ޓީމު ކުރިއަށް ގެންދެވޭނެ އެންމެ ރަނގަޅަކަށް ކަމަށް ބުންޏެވެ.
އެފްއޭއެމުން ކޯޗަށް ދީފައިވާ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރުން މި އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. ގައުމީ ޓީމު ގޮވައިގެން ކޫޕްމަން އެންމެ ފުރަތަމަ ނުކުންނާނީ އަންނަ މާޗް، 26 ގައި ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށެވެ.
ގައުމީ ޓީމުގެ ކޯޗު ކޫޕްމަން (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އެސިސްޓަންޓް ކޯޗު ހިޑިންކް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަހަރެން ބެލިން ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު. ބަލިވި ކަމުގައި ވިޔަސް އެ މެޗުގައި ރާއްޖޭން ވަރަށް ރަނގަޅަށް ކުޅުނު. އަހަންނަށް އޮތް ޓާގެޓަށް ބަލާއިރު މަސައްކަތް ފެށެނީ ޗައިނާ މެޗުން. އެއީ ކާމިޔާބު ނުކުރެވޭނެ މެޗެކޭ އަހަންނެއް ނުބުނާނަން. އެއީ ކޮންމެ ކަމެއްގައި ވެސް އޮތީ ވިސްނުން ބަދަލުކޮށް މަސައްކަތް ކުރުން. ކާމިޔާބީ ހޯދުމުގައި މަސައްކަތް ކުރާއިރު ނުވާނެއޭ ބުނެގެން ނުވާނެ،" ކޫޕްމަން ބުންޏެވެ.
ކޫޕްމަން މިސާލު ދެއްކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔަ އަޔަކްސް ޓީމުންނެވެ. އޭނާ ބުނިގޮތުގައި، އަޔަކްސް އަށް ވެސް އެ ހިސާބަށް ދެވުނީ އެކަން ކުރެވޭނެ ކަމަށް ގަބޫލުކޮށް ކުރި މަސައްކަތުންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ހުރި އެކި މައްސަލަތަކަށް ހައްލު ހޯދުމުގައި އޭނާ އަށް އެކަނި ކުރެވޭ ނެކަމެއް ނެތް ކަމަށާއި މީގެ ހައްލެއް ހޯދަން އެފްއޭއެމާއި ކޯޗުން އަދި ކުޅުންތެރިން ވެސް އެހީތެރިކަން ދޭންޖެހޭނެ ކަމަށް ކޫޕްމަން ވަނީ ބުނެފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އާ ކޯޗަށް ބޭނުންވާނެ އެހީތެރިކަން ދިނުމުގައި އެފްއޭއެމުން އޮންނާނެ ކަމަށާއި އަދި މި ކަމުގައި ފުޓްބޯޅަ އާއިލާގެ އެހީތެރިކަން ވީ އެންމެ ބޮޑަށް ބޭނުންވާ ކަމަށެވެ.
ކޫޕްމަން ގައުމީ ކޯޗަކަށް ހަމަޖެއްސީ ވަރަށް ގިނަ ކޯޗުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖުޑާން އަލީ ވަނީ ވިދާޅުވެފަ އެވެ. އިނގިރޭސި ވިލާތުގެ ދި ސަން އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ރާއްޖޭގެ ކޯޗު ކަމަށް ގެންނަން ބްރެޒިލްގެ ތަރި ރިވާލްޑޯއާ ވާހަކަ ދެއްކި ކަމަށް ވެސް ބުނެފަ އެވެ.
ޖުޑާން ވިދާޅުވީ ކޫޕްމަން އަކީ އޭނާ ބެލި ބެލުމުގައި ރާއްޖެ އަށް އެންމެ ރަނގަޅު ކޯޗު ކަމަށާއި ފުޓްބޯޅައިގެ ވިސްނުމަށް ބަލާއިރު ކޫޕްމަންގެ ފިލޯސަފީއާ އަޔަކްސް އާއި ބާސެލޯނާ ގެންގުޅޭ އުސޫލާ އެއްގޮތް ކަމަށެވެ. އަދި މީގެ ސަބަބުން އެއް މިސްރާބެއްގައި ކުރިއަށް ގޮސް ދިވެހި ފުޓްބޯޅަ ކުރިއަރުވަން ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސްފުޅު
28 January 2020
ކަމެއް ކުރާނަމަ އާކޯޗާއެކު "ގައުމީ ޓީމުން ޖާގަ" ފަދަ ނަމެއްގައި ރާއްޖޭގެ ރަށްރަށަށްގޮސްގެން ހުނަރުވެރި ކުޅުންތެރިން ހޯދާ ޓީމަށް ނެގުން މުހިއްމު. ޤައުމީ ޓީމަށް ކާމިޔާބު އަބަދުވެސް އެދެން.
ބާބާ
27 January 2020
މިފަހަރު ކިތަންމެ މޮޅުކޯޗެއް ހަމަޖެއްސިޔަސް ބާކީ ހުރިމެޗުތަކުގައި މާބޮޑު ކަމެއް ކުރެވޭނެ ހެނެއް ހީއެއްވޭ. ލީގުގެ ފޯރިއާ ވާދަވެރިކަން ކުޑަކަމުން ޓީމުތަކުގެ ފިޓްނަސް ވަރަށްދަށް، ރަގަޅަށް ޓްރެއިނިން ނުވެސްޖައްސާ. ކުރީއްސުރެ އެއީ ގައުމީޓިމުގެ ބަލިފައި، އެހެންވީމަ ލީގުގެ ވާދަވެރިކަން ރަގަޅުވެގެން ގައުމީޓީމު ރަގަޅުވާނީ. ކިތަންމެ ހުނަރުވެރި ކުޅުންތެރިން ތިއްބަސް ފަހުހާފުގަ ލޮޑުވެއްޖެ ނަމަ ކޯޗު ކުރާނެ ކަމެއް ނޯންނާނެ.
ރިވާލްޑޯ
26 January 2020
ނެދަލެންޑްސްގެ މަސްހޫރު ޓީމެއް ކަމަށްބުނި ގްރޮނިންގެން އަކީ ދުވަހަކު އަޑުއެހި ނަމެއްވެސް ނޫން، ރިވާލްޑޯއާ ވެސް ވާހަކަދައްކައިފިން ކަމަށާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕީޓާ ރީޑާއި ވެސް ވާހަކަދައްކައި، ދެން އޮތީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ބްރަޔަން ރޮބްސަންއާ ވާހަކަދެއްކުން ކަމަށާ، ހޫލިއާ ސެސާ، މަނީޝް، ނޮލްބާޓޯ ސޮލާނޯ ވެސް އެބަތިބި ކަމަށް ބުނިއިރު ކޯޗުކަން މި ހަވާލުކުރީ ފާޑެއްގެ ކޫޕަންއަކާ ބައްސޫ ތީތި ކަޑަ ދޯ
މޮޓްސް
27 January 2020
އެހެންވީމަ ކަލޭބޭނުމީ މީގެކުރިން ދުވަހަކުވެސް ކޯޗުކަމެއް ނުކުރާ، އިނގިރޭސިން ވާހަކަދައްކަން ނޭނގޭ ރިވާލްޑޯތަ؟ މަޝްހޫރުމީހުންގެ މުސާރަ ކަލެއަށް ދެއްކޭނަމަ އަވަހަށް އެކަން ހުށައަޅާ. ގްރޮނިންގެންއަކީ ލުއިސް ސުއާރޭޒް ޔޫރަޕަށް ގެނެސް އޭނާ ބިނާކޮށް އޭނާގެ ނަން މަޝްހޫރުކޮށްދިން ކުލަބު. ފުޓުބޯޅައިގަ ބާސާޔާ ރެއާލްނޫން އެހެން އެއްޗެއް ނޭންގޭ މީހުން ކޮމެންޓްނުކުރަން އެދެން.
އޭނަ
27 January 2020
އަހަރެން މިހާ އަވަހަށް ޖަޖް ކުރާކަށް ނެތިން. އެކަމަކު އަހަންނަށް މަޢުލޫމާތު ލިބުނު ގޮތުގައި މީނާޔަކީ ޕީސިންގް ގޭމެއް ކުޅުވަން މަސައްކަތްކުރާ ކޯޗެއް. އެހެންވެއްޖިއްޔާ ރާއްޖެޔަށް ރަނގަޅު.
މެސީ
27 January 2020
ކަލޯ މޮޔަވީތަ އަޅެ؟ ކަލޭމެން ގަހުގަ ތިބެގެން ހަމަ ހިތަށް އަރުވާލީމަ ހުރިހާކަމެއް ވަނީ ކަމަށްތައް؟ ޓުރިޕްގަ ތޯ؟ އަވަހަށް ހޭލާ އޭރުން ރިއަލް ވޯރޑަށް އާދެވޭނީ..
ރިވާލްޑޯ
29 January 2020
މޮޓްސް އަށް ވެދުން ސަލާމަށްފަހު ދަންނަވަން، ސުއަރޭޒް އަކީ ގްރޮނިންގެން ގައި މާޓިން ކޫޕްމަންގެ އިރުސާދުގެ ދަށުން ޑިވޮލޮޕްވި އަދި ކުޅުނުވެސް ކުޅުންތެރިއެއް ނޫން، ސުއަރޭޒް ގްރޮނިންގެން އާ ގުޅުނުއިރު ގްރޮނިންގެން ގެ ކޯޗަކަށް ހުރީ ރޮން ޖޭންސް ކިޔާ މީހެއް. ސުއަރޭޒް ގްރޮނިންގެން އަށް ކުޅުނީ އެންމެ ސީޒަންއެއް، އޭރު އޭނާގެ އުމުރަކީ 19އަހަރު، އޭގެ ކުރިން އޭނާގެ ޔޫތު ކެރިއަރ ހޭދަކޮށް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ޑިވޮލޮޕްވީ އުރުގުއާއީގެ ނަސިއޮނާލްގަ
ޖަމަލު
26 January 2020
މިހަރުވެސް ދިވެހިން ކޯޗު ގޯސް ކުރަން ފަށައިފި.. ދެން ވާނެ އެއްޗެއް ވެފަ ތިއާ އޮތީ
މޮރީނިޔޯ
26 January 2020
ދެކޯޗުން ނަށް ތި ދޭ މުސާރަދީފަ ރަގަޅު އެއްކޯޗަކު ގެނައި ނަމަ މާރަގަޅު ވީސް.
އާރީ
26 January 2020
މި ކޯޗުގެ ކާމިޔާބު ތަކަކީ ކޮބާ? މުޅިންވެސް ތި ހުރީ އެސިިސްޓެންޓަކަން އުޅެފަ. ދެން ކުލަބުތަކުގަ ވެސް މާ މަސްހޫރު ކުލަބެއް ނެތް. ތިިހާ ގިނަ ގިނައިން އެއްޓީމުން އެނެއްޓީމަށް ބަދަލު ވެފަ ތިހުރީ ތިކޯޗް ކަމުނުދާތީ ކަމަށްބެލެވެނި.
މޯޑ
26 January 2020
އަރޫބާ ތީ އަހަރަމެން އަޑް އެހި ނަމެއްވެސްނޫން. އެއީ ޓީމެއްތަ. ނޫނީ ގައުމެއްތަ?
ދެކުނު އެމެރިކާ
27 January 2020
އުތުރު އެމެރިކާ އެއްނުން. ެެެ