ގުއާމާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖެނުއަރީ 2020 - 11:44
ރާއްޖޭގެ ފުޓްބޯޅަ ދެނެގަންނަން ކުރި މަސައްކަތުގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)އާ ވެސް ބައްދަލުކުރި ކަމަށާއި ގައުމީ ޓީމަށް އަދިވެސް އޭނާގެ އެހީތެރިކަން މުހިއްމު ކަމަށް ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޖުޑާން އަލީ ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް، ވަނީ ދޮޅު އަހަރު ވަންދެން ގައުމީ ޓީމުން ދަގަނޑޭ ބާކީކޮށްފަ އެވެ. ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ގެއްލުނީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކަމަށް ބުނެފައި ފަހުން ސެގާޓް ވަނީ ދަގަނޑޭ ނުނަގަނީ އެކި ސަބަބުތަކެއް އޮވެގެން ކަމަށް ބުނެ ތަކުރާރުކޮށް އެކި އުޒުރުތަށް ދައްކައިފަ އެވެ. ފަހަކަށް އައިސް އެންމެ ބޮޑަށް އޭނާ ދެއްކީ އުމުރުން ދޮށި ވުމުގެ އުޒުރެވެ.
އުމުރުން 34 އަހަރުގެ އަޝްފާގަށް ފުރުސަތު ދިނީ މިިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގަ އެވެ. ދަގަނޑޭ ވަނީ ކޮލިފައިންގައި ރަށުންބޭރުގައި ސީރިއާ އާއި މާލޭގައި ގުއާމާ ދެކޮޅަށް ލަނޑު ޖަހައިފަ އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސުމަށް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޖުޑާން ބުނީ ދަގަނޑޭއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން ރަނގަޅު ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖުޑާން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި ޓީމަށް އަޝްފާގުގެ އެހީތެރިކަން ލިބޭނެ. އޭނަ ހުރީ އެހީވާން ވެސް ތައްޔާރަށް. އޭނާގެ ބޭނުން ޓީމަށް މުހިއްމު. މި ގެންނަން ބޭނުންވާ ބަދަލުގައި އަޝްފާގުގެ ދައުރެއް ވެސް އޮންނާނެ. އޭނަ ވެސް ބޭނުންވޭ އެންމެ މޮޅަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދީގެން އެ ގޮތަށް އޮންނަން. އެއީ ވިސްނުމަކީ. ފުޓްބޯޅައިގައި ހުރި ކަންބޮޑުވުންތައް ވެސް އޭނާ ހިއްސާކުރި،" ޖުޑާން ބުންޏެވެ.
ޖުޑާން ބުނީ ދެ ގަޑިއިރެއްހާއިރު ދަގަނޑޭއާ އެކު ދެކެވުނު ވާހަކައިން އެނގުނު ހަގީގަތަކީ ރާއްޖޭގެ ފުޓްބޯޅަ ލީޑުކުރުމުގައި އޭނާގެ ބޭނުން ހިފުން މުހިއްމުކަން ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި އަޝްފާގު މި ސީޒަނުގައި ދައްކާ ކުޅުމަށް ބަލާއިރު އޭނަ ގައުމީ ޓީމުގައި ހުންނާނެ. ދެން މާޓިން (ކޫޕްމަން)ގެ ވިސްނުމުގައި އޭނާ ބަލާ މިންގަނޑާ އެކު ވެސް ދަގަނޑޭ އެ ކުޅުން ކުޅޭނަމަ ޓީމުގައި ހިމެނޭނެ. ދެން އެ ލެވަލް ދަމަހައްޓައި ކުޅުން ރަނގަޅު ކުރުމަކީ ކުޅުންތެރިން އަތްމަތީގައި އޮތް ކަމެއް،" ޖުޑާން ބުންޏެވެ.
ކޫޕްމަން ވަނީ ގައުމީ ޓީމަަށް ކުޅުންތެރިން ނެގުމުގައި އުމުރަށް ނުބަލާނެ ކަމަށާއި މޮޅަށް ކުޅޭނަމަ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.
މި ސީޒަން ފެށިއިރު ގްރީން ސްޓްރީޓްސް ޖޯޒީގައި ކުޅުނު ދަގަނޑޭ ވަނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި ދަގަނޑޭ ވަނީ މިހާތަނަށް މި ސީޒަނުގައި 20 ގޯލު ޖަހައިފަ އެވެ. އެއީ ގައުމީ ޓީމަށް ޖެހި ދެ ގޯލާއި ކްލަބް ލެވެލްގައި ޖެހި 18 ގޯލެވެ. ޓީސީން ދަގަނޑޭ ގެނައީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ހަގީގަތް
29 January 2020
އަހަރެން މިވަގުތު އެއްޗެއް ބުނެލާނަން. އަލީ އަޝްފާގަކީ އަހަރުމެން ޤައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަދި މި ސަރަހައްދުގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ. ހުނަރަށް ބަލާނަމަ އޭޝިޔާގައިވެސް އޭނަގެ ނަން ވިދާނެ. އެކަަމަކު ކޮންމެ ކުޅުންތެރިޔަކަށްވެސް ނިމުމެއް އަންނާނެ. އަޝްފާގަކަށް އޭނަގެ ކުރީގެ ކުޅުމުގެ 40 ޕަސެންޓްވެސް މިހާރު ނުދެއްކޭ. އެކަމަކު އަދިވެސް ޤައުމީ ޓީމުގައި ހުރި އެންމެ ކްލިނިކަލް ކުޅުންތެރިޔަކީ އަޝްފާޤު.
ސަލާމު
29 January 2020
ދަގަޑޭ ވީމަކާ ފުރުސަތު ލިބޭކަށް ނުޖެހޭ.. ޕާފޯމޭންސް އަށް ބަލާފަފަ ހައްގު ކުޅުންތެރިން ނަށް ގައުމީ ޓީމުން ޖާގަ ދޭން ޖެހޭނީ.
ކިއްލިބާޝާ
29 January 2020
ދަގޭއަކީ ގައުމީ ރޫހު.
ނަގިއްޔާ
29 January 2020
ރޭގެ ޓީސީ މެޗުގަ ދަނގަޑޭގެ ކުޅުން ރަގަޅެއްނުން. ވަރަށް ގިނަފަހަރު ޕްރެޝަރެއްނެތިވެސް މިސްޕާސްކުރި. ލޯ އިންޓެންސިޓީގަ ޕްރެކްޓިސް ޖައްސަ ޖައްސާ ފޯމު މަސަލް މެމޯރީ އާ ފޯމު ގެއްލުނީ ކަންނޭގޭ. ގައުމީޓީމުން ޖާގަ ހޯދަން މިއަށްވުރެ ރަގަޅު ކުރަންޖެހޭނޭ.