ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް

ދެ ވަނަ ޑިވިޝަނުގެ ސެމީގައި، މިދިޔަ އަހަރުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބް އަތުން 3-2 އިން މިރޭ މޮޅުވެ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ކްލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިފި އެވެ.


ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ. އެކަމަކު ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދިގުލައި ގޮސް އެ ދެ ކްލަބަށް ވާދަކުރެވޭވަރު ނުވީ އެވެ.

ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައެއް ފީފާގައި އޮއްވަ އެވެ. ނިއު އިން މުސާރަ ނުދީ ހުރި ލޯކަލް ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ދިނީ ނިއު އަށް ދޭން ހުރި ފައިސާ އިންނެވެ. އެފްއޭއެމުން ފުރަތަމަ ނިއު ސަސްޕެންޑްކުރިއިރު، ފަހުން މިދިޔަ އަހަރުގެ ކޮންގްރެސްގައި ކްލަބްތަކުން ވަނީ ނިއުގެ ސަސްޕެންޝަން ދަމަހައްޓައިފަ އެވެ. އެހެންވެ އެ ކްލަބަށް މި ސީޒަނުގެ އެއްވެސް މުބާރާތަކުން ނުކުޅެވެ އެވެ.

ވިކްޓްރީ ސަސްޕެންޑްކުރީ، އެ ޓީމުން ކްލަބް ލައިސަންސިންގެ މަސައްކަތް ފުރިހަމަ ނުކުރާއިރު، ކުޅުންތެރިންނަށް މުސާރަ ވެސް އޮތީ ނުދީ އޮތުމުންނެވެ. އަދި ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އެ ޓީމު ސަސްޕެންޑް ކުރުމުގެ ކުރިން ލީގުގެ ބައެއް މެޗުތަކަށް އެ ޓީމު ހާޒިރު ނުވެދިޔަ އެވެ. އެކަމާ ގުޅިގެން ވެސް އެ ޓީމު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ވިކްޓްރީ އާއި ނިއު އިން ތުހުމަތުކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ވޯޓެއް ނަގަން އުޅުމުންނެވެ.

ވެލެންސިއާގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އައީ މިއަދު ހަވީރު ފުރަތަމަ ސެމީގައި 2-1 އިން ކްލަބް ޕީކޭ ބަލިކުރި ސުޕަ ސްޕޯޓްސް ޔުނައިޓެޑް އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

މިއަދު ހަވީރު ސުޕަ ސްޕޯޓްސް އާއި ޕީކޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.

މިރޭ ސެމީ ފައިނަލް މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ބޯޅައެއް ޖޭޖޭގެ ގޯލުގައި ހުރި ނޭޕާލްގެ ކީޕަރު އަރްޕަން ކާކީ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ނަސޫހު ރަޝީދު ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގައި ޖޭޖޭ އިން ކުރި ފުރަތަމަ އެޓޭކުގައި އެ ޓީމަށް ލީޑުނަގައިދިނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުރިން ކުޅުނު އަލީ ނާފިއު (ކަޅޭ) އެވެ. ވެލެންސިއާގެ އޮފްސައިޑް މަޅިން ސަލާމަތްވެ ކަޅޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލީޑުފުޅާކުރަން ކަޅޭ އަތުން މެޗުގެ 36 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ގެއްލުނެވެ.

ވެލެންސިއާ އަށް މެޗުގެ 39 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އެއްވަރު ކޮށްދިނީ ކުރިން ގައުމީ ޓީމަށް ކުޅުނު ބޮކުރީ އެވެ. ބޮކުރީ ފޮނުވައިލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު ކީޕަރު އަރްޕަން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. އޭނާ ވިސްނައިގެން ހުރީ ބޯޅަ ފޮނުވާލާނީ ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކަމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ކޯޗުކަމުގައި ކުޅޭ ޖޭޖޭ އިން ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އަލުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން މެޗުގެ 52 ވަނަ މިނިޓްގައި އަހުމަދު ހުނައިފު ބޮލުން ޖެހި ބޯޅައެއް ބޭރުވީ ގޯލުގެ ދެ ދަނޑީގައި ޖެހިފަ އެވެ. އޭގެ 10 މިނިޓްގައި ފަހުން ހުނައިފް މުޅިން ހުސްކޮށް ވަދެ ޖެހި ބޯޅަ މި ފަހަރު އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ޖޭޖޭގެ ނޭޕާލް ކުޅުންތެރިޔާ އަބިޝޭކް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވެލެންސިއާ އިން ވަނީ ފުރުސަތުގެ ބޭނުން ހިފައި ފަސް މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު ވެސް ޖެހީ ބިދޭސީ ފޯވާޑް އައިރީ ސަމިއުލް އެވެ. ސެމިއުލްގެ ފުރަތަމަ ގޯލު މެޗުގެ 66 ވަނަ މިނިޓްގައި ޖެހީ އިސްމާއިލް ވިފާގް (އިއްސެ) ނަގައިިދިން ހުރަހަކުން ބޮލުންނެވެ. އަދި އޭނާގެ ދެ ވަނަ ގޯލު އަދި ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ ބޮކުރީ ނަގައިދިން ހުރަހަކުންނެވެ. މި ގޯލުގައި ނަސޫހުގެ މަސައްކަތް ފާހަގަކުރަން ޖެހެ އެވެ.

ބަދަލުތަށް ގެނެސްގެން ޖޭޖޭ އިން އަލުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ފަށައި މެޗުގެ 80 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ ކަޅޭ އެވެ. ކަޅޭ ޖެހި ފުރަތަމަ ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ޖަޒްލާން މަތަކުރި ނަމަވެސް ދެ ވަނަ ފަހަރު ލިބުމުން ކަޅޭ ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ. އިތުރު ވަގުތަށް ދެއްކި ނުވަ މިނިޓް ތެރޭގައި ޖޭޖޭ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ޖޭޖޭ ބަލިވީ ޕެނަލްޓީ ޖަހަައިގެން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-1 އިންނެވެ.