އަސަދުﷲގެ ކަކުލަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް

އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިދިޔަ ހަފުތާގައި އިންޑިއާގެ ބެންގަލޫރު އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ކަނާތު ކަކުލަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށާއި ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށް މާޒިޔާ އިން ބުނެފި އެވެ.


މިއީ ތިން އަހަރުގެ ތެރޭ އަސަދުﷲ އަށް ކުރިމަތިވި ލިގަމެންޓުގެ ދެ ވަނަ އަނިޔާ އެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އިރައިގެން ދިޔައީ ވާތު ކަކުލުގެ ލިގަމެންޓެވެ. އެ ފަހަރުގެ އަނިޔާ އަށް ފަހު އޮޕަރޭޝަންކޮށް ވަރުގަދަ ރިހެލިބިޓޭޝަން ޕްރޮގްރާމަކަށް ފަހު އަސަދުﷲ އެނބުރި ދަނޑަށް ނުކުތީ ނުވަ މަސް ފަހުންނެވެ. އެ ފަހަރު ކުޅުމަށް އެނބުރި އައިސް 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނުނެވެ.

މި ސީޒަނުގައި މިހާތަނަށް 14 ގޯލު ޖަހާފައިވާ އަސަދުﷲ ގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވުމާ އެކު މި ފަހަރު ވެސް އޮޕަރޭޝަނެއް ކުރަން ޖެހޭކަން މިހާރު ވަނީ ޓެސްޓްތަކުން ޔަގީންވެފަ އެވެ. އެހެންވުމާ އެކު އަސަދުﷲ އަށް މިހާރު ވަނީ ސީޒަން ނިމިފަ އެވެ. އޭނާ އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އަންނަން ހަ މަސް ނަގާނެ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަސަދުﷲ (ވ) . -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ދެ ފަހަރު ހޯދާފައިވާ، އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ އަނިޔާގައި ހުރި ނަމަވެސް، މާޒިޔާއާ އެކު ދެ ވަނަ ލެގަށް ބެންގަލޫރަށް ގޮސްފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވާން ވަރަށް ބޭނުންވާ ކަމަށް އަސަދުﷲ ވަނީ ޕްރިލިމިނަރީ ބުރުގެ ކުރިން "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

ބެންގަލޫރު އަތުން 2-1 އިން ހޯދި މޮޅާ އެކު މާޒިޔާ އަށް އޮތް ހިތްހަމަ ޖެހުމަކީ ބުދަ ދުވަހު އިންޑިއާގައި ކުޅޭ ބެންގަލޫރުގެ ހޯމް މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަަރުކުރެވުމެވެ. މާޒިޔާ އިން ރަށުން ބޭރުގައި ލަނޑެއް ޖަހައިފިނަމަ ބެންގަލޫރަށް ފުރުސަތު ލިބޭނީ ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. އެ މެޗުގައި އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ބެންގަލޫރު މޮޅުވެއްޖެނަމަ އެވެ. އެ ނޫން ސްކޯ އަކުން އެއް ގޯލުގެ ތަފާތުން މާޒިޔާ ބަލިވި ނަމަވެސް އެ ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.