ގައުމީ ވޮލީބޯޅަ ޓީމު ސާބިއާގައި ފަރިތަކުރަނީ

ބަންގްލަދޭޝްގައި މި މަހު ބާއްވަން ތާވަލުކުރި އޭވީސީ ސީނިއާ މެންސް ސެންޓްރަަލް ޒޯން ވޮލީބޯޅަ މުބާރާތް ފަސްކުރި ނަމަވެސް ގައުމީ ފިރިހެން ވޮލީ ޓީމުގެ ތަމްރީންތައް ސާބިއާގައި ކުރިއަށް އެބަގެންދެ އެވެ.


ކުރިން ރޭވިފައި އޮތްގޮތުން އޭވީސީ ސެންޓްރަލް ޒޯން ފިރިހެން މުބާރާތް ބާއްވަން ނިންމީ މި މަހު 22 އިން 27 އަށެވެ. އެކަމަކު މިހާރު ބަންގްލަދޭޝް އިން އޭވީސީއާ މަޝްވަރާކުރުމަށް ފަހު ވަނީ މި މުބާރާތް ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ބާއްވަން ނިންމައިފަ އެވެ. މުބާރާތް ފަސްކުރިކަން ޔަގީންވީ ސާބިއާ ޓްރެއިނިން ކޭމްޕްދާން ހުރިހާ ކަމެއް ނިމިފައި އޮއްވަ އެވެ.

މަޝްހޫރު ގިނަ ޓީމުތަކާ އެކު މަސައްކަތްކޮށްފައިވާ މިލޮރަޑް ކިޔާޗްގެ ކޯޗުކަމުގައި ގައުމީ ފިރިހެން ވޮލީ ޓީމުން ފަރިތަކުރަމުން އަންނައިރު، މި ފަހަރުގެ ޓްރެއިނިން ކޭމްޕްގައި 14 ކުޅުންތެރިން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ކޯޗު ކޮޔާޗް ބޭނުންވެގެން ޓީމުގައި ހިމެނި ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބީޗް ވޮލީބޯޅައިގެ ގައުމީ ޓީމުން ފެނުނު އާދަމް ނަސީމް (އެޑަމް) އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އިންޑޯ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު އެކަށީގެންވާ ވަރަށް ފުރުސަތު ލިބުމުގައި ދަތިތަކެއް ހުރުމުގެ އިތުރުން ބީޗްގައި ކުރިއަށްދެވޭނެ ބޮޑު ފުރުސަތު އޮތުމުން އެޑަމް ބީޗް އަށް ހާއްސަވީ އެވެ. ދާދި ފަހުން ނިމުނު ގައުމީ ލީގާއި ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޑަމް އެވެ.

މިދިޔަ އަހަރުގެ އިންޓަ ރިސޯޓް ފައިނަލް މެޗުގެ ތެރެއިން އެޑަމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން އަހުމަދު ފާޒިލް އަށް ވެސް ޓީމުން އަލުން ފުރުސަތު ދިންއިރު، ޒުވާން ކުޅުންތެރިޔާ ޔޫޝައު ހަސަން ވެސް ވަނީ ޓްރެއިނިން ކޭމްޕްގައި ގެންގޮސްފަ އެވެ.

ސާބިއާގެ އެހީގެ ދަށުން ސްޕޯޓްސް މިނިސްޓްރީން ޓްރެއިނިން ކޭމްޕް ހަމަޖައްސައިދިނީ ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށެވެ. މި ވަގުތު ސާބިއާގައި ޓްރެއިނިން ފުރިހަމަކުރަމުންދަނީ ފިރިހެން ޓީމެވެ. އަންހެން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ މާލޭގަ އެވެ. އަންހެން ޓީމުގެ ކޯޗަކީ އަންހެން ޓީމުގެ ކޯޗަކީ ފިރިހެން ޓީމުގެ ޓްރެއިނަރަަކަށް ކުރިން ހުރި ކިޔަޗް ރަޑޯވަން އެވެ.

މިއީ ގައުމީ ފިރިހެން ޓީމު ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވީ ވެސް ސާބިއާގައި ޓްރެއިނިން ފުރިހަމަކުރުމަށް ފަހު އެވެ.

މި އަހަރުގެ އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން އެ މުބާރާތް ލ. އަތޮޅުގައި ކުރިއަށްގެންދަން ނިންމި އެވެ. އެކަމަކު މިހާރު އޮތްގޮތުން އެ މުބާރާތް އެ ސަރަހައްދުގައި ބޭއްވޭނެ ކަމުގެ އުއްމީދު ކުޑަ އެވެ. ސެންޓްރަލް ޒޯން އަންހެން މުބާރާތް ބާއްވަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހު 10 އިން 20 އަށެވެ. މިއީ ރާއްޖޭގައި ބާއްވާ އަންހެން ވޮލީގެ ބައިނަލްއަގުވާމީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ ފަަހަރު ބޭއްވީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރެވެ.