އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ސްކައިވިންޑްގެ ޗެއާމަން ޕާކް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މާޗް 2020 - 17:03
އެފްއޭއެމްގެ ދުރުރާސްތާ ވިސްނުމުގައި ހިމެނޭ، ބޮޑު ތިން ޕްރޮޖެކްޓެއް ހިންގަން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ބައްސާމް އަދީލް ޖަލީލް ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެފްއޭއެމްގެ ދުރުރާސްތާ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. އެ ގޮތުން ކޮރެއާގެ ސްކައިވިންޑާ އެކު ސޮއިކުރި އެއްބަސްވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ތިން ކަމަކަށެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ފަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ބައްސާމް އެވެ. އަދި ސްކައިވިންޑް ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޕާކް ޗެންޔޮން އެވެ.
ބައްސާމް ވިދާޅުވީ އެފްއޭއެމް ހައުސް ހުރި ތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ނިމޭއިރު، އެކަމުން ދިވެހިރާއްޖޭގެ ފުޓްބޯޅަ އެހެން މިސްރާބަކަށް ގެންގޮސްދޭނެ ކަމަށެވެ. އަދި ފަސް މަސް ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ބެލެވޭއިރު، މިއީ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
މި ލޯނު 17 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މި 20 ބުރީގެ އިމާރާތުން އާމްދަނީ ހޯދައި އެ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފެށެން ވާއިރަށް އެފްއޭއެމުން މިހާރު މާފަންނު ދަނޑުގައި ހަދާ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ފުޓްސަލް އެރީނާގެ މަސައްކަތްކުރާއިރު އެފްއޭއެމްގެ ވިސްނުން ހުރީ ހިއްކި ބިމުން ލިބިފައިވާ 17،000 ފޫޓުގެ މި ބިމުގައި ހަތަރު ބުރި އަށް މި އިމާރާތް ކުރާއިރު، އެއް ބުރީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އަޅަން ކަމަށެވެ. އަދި އަނެއް ބުރީގައި ޓްރެއިނިން އާއި ކަންތައްތަކަށް ހާއްސަކުރާއިރު، ދެން އޮތް ދެ ބުރީގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރާނެ އެވެ.
މިދިޔަ ސަރުކާރުގައި އެފްއޭއެމުން ވަނީ ނެޗުރަލް ގްރާސް ފުޓްބޯޅަ ދަނޑުތަކެއް ހަދާނެކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު ފަހުން ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ހުއްދަތަކެއް ނުލިބި ދިގުލައި ގޮސް ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ. އޭގެ ފަހުން ސްޕޯޓްސް މިނިސްޓްރީން ވަނީ ރާއްޖޭގައި ޓާފް ދަނޑެއް އެޅުމުގެ ޕްރޮޖެކްޓް އިއުލާނުކޮށް ގިނަ ރަށްތަކުގައި މަސައްކަތް ފަށައިފަ އެވެ. ފަހުން އެފްއޭއެމް ވެސް ނެޗުރަލް ގްރާސް ދަނޑު ނާޅައި ޓާފް ދަނޑަށް ވިސްނުން ބަދަލުކުރީ އެވެ.
އެފްއޭއެމުން މި ފަހަރު އާޓިފިޝަލް ގްރާސްގެ 20 ދަނޑު ހަދަން މި ސޮއިކުރީ ކުރިއަށް އޮތް 77 ދުވަސް ތެރޭ މީގެ މަސައްކަތްތައް ފެށުމަށް އަމާޒުކޮށްގެންނެވެ. މި 20 ދަނޑުގެ ތެރެއިން ތިން ދަނޑު އަޅާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށާއި ބާކީ 17 ދަނޑުގެ ގޮތެއް ނިންމާނީ ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ރައީސް އާއި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް މިއީ ޓާފް ދަނޑުތައް އެޅުން. އަޅުގަނޑުމެން ވެސް ބޭނުންވަނީ ސަރުކާރާ ގުޅިގެން މި ދަނޑުތައް އަޅަން. އެހެންވެ ސަރުކާރާ އެލައިން ވުމުގެ ވިސްނުމާ ވެސް އެކުގައި މި 17 ދަނޑުގެ ކަންތައްތައް އަޅުގަނޑުމެން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާނީ،" ބައްސާމް ވިދާޅުވި އެވެ.
ސްކައިވިންޑްގެ ފަރާތުން ބުނީ މިއީ ފައިސާ އަށް ވިސްނައިގެން ކުރުމަށް ވުރެން ރާއްޖެ އަށް ހިދުމަތެއް ދިނުމުގައި ކުރާ ކަމެއް ކަމަށެވެ. އަދި ދީފައިވާ ވަގުތުތެރޭގައި މަސައްކަތް ނިންމުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާނެ ކަމަށާއި މީގެ އައިސްފާނެ ލަސްތަކާ މެދު ވެސް ދުރާލާ ތައްޔާރުވާނެ ކަމަށެވެ.
އެފްއޭއެމުން ވަނީ އެފްއޭއެމްގެ އާ އިމާރާތެއް މަސައްކަތްތަކާއި ވިލިމާލޭ ޓާފް ދަނޑަކާއި ހުޅުމާލޭގައި ޓްރެއިނިން ސްކޫލެއްގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރެެއިން އެންމެ ގިނަ ދުވަސްވީ މަސައްކަތަކީ ހުޅުމާލޭ ޓްރެއިނިން ސްކޫލްގެ މަސައްކަތެވެ. އެއީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައި އިއުލާނުކުރި ޕްރޮޖެކްޓެކެވެ. އޭރު ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމަން ޓާގެޓްކޮށް ފެށި މަސައްކަތް އެއްކޮށް ނިންމާލެވޭ ވަރު އަދި ނުވެ އެވެ. އެފްއޭއެމުން ބުނީ އެކި ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތަކާއި ކަންތައްތައް ދާ ގޮތުން ލަސްތަކެއް ކުރިމަތިވަނީ ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓޭ ކަމަށާއި މި ޕްރޮޖެކްޓްތައް އެއްކޮށް ނިންމުމުގައި ދިމާވާ ދަތިތަކަކީ އެކި ފަރާތްތަކާއި ގުޅިގެން ހޯދަން ޖެހޭ ހުއްދަތަކާއި ކުރަން ޖެހޭ މަސައްކަތްތަށް ވެސް ގިނަވުމުން ކަމަށެވެ. އަދި ބައެއް ކަހަލަ މަސައްކަތެއް ނިންމާއިރު އެއް އިދާރާއަކަށް ވުރެން ގިނަ ތަންތަނުން ހުއްދަ ހޯދަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން، ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތްތަށް ނިންމުމުގައި ލަސްތަކެއް އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވާނީ އެއްވެސް ޕްރޮޖެކްޓެއް ނުއެއްހުއްޓޭ. މީގެ ވާ ގޮތަކީ ކޮންމެ ކަމެއްގައި ވެސް އެބައާދޭ ހުއްދަ ހޯދަން ޖެހޭ ގިނަ ފަރާތްތަކެއް މިސާލަކަށް ހުޅުމާލޭ ޓްރެއިނިން ސްކޫލްގައި ވެސް އެޗްޑީސީ އާއި ހައުސިން އާއި މި ނޫން ވެސް ފަރާތްތަކެއް ހުއްދަ ހޯދަން އެބަޖެހޭ ހުރިހާ ކަމެއް ނިންމަން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ވިސްނުމަކީ ފުޓްބޯޅަ ކުޅުންތެރިންގެ ކަންތައްތައް ކުރިއަރުވާ ގޮތަށް ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ވެސް ތަރައްގީކުރުން ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ޕްރިމިއާ ލީގު ކުރިއަށްގެންދިއުމަށް ދެކެމުން އަންނަ ހުވަފެނުގައި ކުލަޖެއްސުން ކަމަށެވެ. އަދި ސްކައިވިންޑާ އެކު ކުރެވޭ މަސައްކަތްތަކުގެ ވިސްނުން ހުރި ގޮތް އަންނަ މަހު 18 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އެވޯޑް ހަފްލާގައި އިއުލާނުކުރާނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފްއޭއެމް
03 March 2020
އެފްއޭއެމްގެ މާނައަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މާލެ ކަމުގައި ހަދާ. ކޮންމެހެން އަހަރުމެން އެހެން ރަށް ރަށުގެ މީހުންވެސް ހިމަނައި މޯލްޑިވްސް އޭ ކިޔާނެ ކަމެއްނެތް.
ފުޓްބޯލް ފޭން
03 March 2020
ޕްރިމިއަރ ލީގްގެ ކްލަބްތަކުގަ މިހާރު ބޭނުންކުރާ މާޒިޔާ, ވެލެންސިޔާ ފަދަ ނަންނަމުގެ ބަދަލުގަ އަވަށްތަކުގެ އަދި ރަށްތަކުގެ ނަންނަން ކިޔާފަ ތި ލީގު އިފްތިތާހު ކުރުމަށް އެދެން. ލީގު ފޯރި އިތުރު ކުރުމަށް ބޮޑަށް އިސްތިހާރު ކުރުން އެދެން. ގަވައިދުން މި މެޗުތަށް ޔޫ.ެޗް.ޑީ ކޮލިޓީގަ ހުރިހާ އޭންގަލް އަކުން ރިޕްލޭ ފެންނަގޮތަށް ޓެލެކާސްޓް ކުރުން އެދެން. އަދި ބައިނަލްއަގްވާމީ ލެވެލްގަ ރާއްޖެ ތަމްސީލުކުރާ ކްލަބްމެޗުތަކާ އިންޓަނޭޝަނަލް މެޗުތަށްވެސް ހަމަ މިއުސޫލުން އިސްތިހާރުކުރެވި ވަގުތުން ޓެލެކާސްޓް ކުރުން އެދެން.
އަލީ ރަސްގެފާން
03 March 2020
ރޔާމިންގެ ކަމަކަށް ވާތީ މި ސަރުކާރުން ހިޔެއްނުވޭ އެއްބާރުލުން ދޭނެހެން މިކަމަ.
ޝޮކްތެރަޕީ
03 March 2020
އެހެންވީމަ އަދިވެސް މިފެންނަނީ ރައިސް ޔާމިންގެ ވެރިކަމުގަ ހަދަން ނިމްމާފަ ހުރި ޕްލޭންތަށް އަދިވެސް މިފެންނަނީ. ސަރުކާރު ބަދަލު ނުވިންމަ ބޮޑުބައެއް ނިމުނީސް
މާދާރޭ
02 March 2020
އެބަ ރަނގަޅުވޭ ، އަދިކިރިޔާ މަނޒަރު ތިފެންނަނީ ، މެމްބަރުން ބައްސާމުގެ މެނޭޖުމަންޓައް ތާއީދުކުރަނީ ކުރަންވެގެން ... ކުރިއައް ދިވެހި ފުޓުބޯޅަ .... އެހެން ރައީސުން ބައްސާމު ކައިރިން ފިލާވަޅު ލިބިގަނޭ
އިއްސޭ
02 March 2020
އެފްއޭއެމްއަށް 20 ބުރީގެ އިމާރާތެކޭ؟؟ ހަމަ ކޮސްވެއްޖެ. ރަނގަޅަށްވިއްޔާ އެތަނުން 17 ވަރަކަށް ބުރި ދޫކޮށްލާނީ އެކިއެކި ވިޔަފާރިތަކަށްތޯއްޗެއް. އެއްގޮތަކުން ރަނގަޅު ދަރަނިތައް އަދާކުރަން ފައިސާހޯދަން. އެކަމު އެއަށްފަހު ލިބޭ ފައިސާތައް ފުޓުބޯޅަ ކުރިއަރުވަން ވެއްދޭނެކަމަށް އުއްމީދުކުރަން. ލެޓްސް ސީ...
އާދަން
02 March 2020
ސާބަހޭ ބައްސާމް. ތިއީ ފިސާރި ވެރިއެއް. ގުޑް ލަކް
އޮނަރަބްލް އަފީފު ދީދީ
02 March 2020
އައްޑޫސިޓީގައި އާޓިފިޝަލް ކާޕެޓްގަނޑެއް އެޅުމަށް މިމީހުނަށް ބިން ދޫނުކުރުމަށާއި، އަދި އައްޑޫސިޓީ ރަސްމީ ފުޓްބޯލްސްޓޭޑިއަމްގެ ބާރު ކައުންސިލްގެދަށަށްގެނައުމަށް އަލަށް ރައްޔަތުން އިންތިޙާބުކުރާ މޭޔަރާއި ކައުންސިލުންނިންމާންވާނެ. # އެފްއޭއެމްގެބަދަލުގައި އަހަރުމެން ސަރަހައްދީ އެސޯސިއޭޝަނެއް ހެދިޔަސް ރަނގަޅުވާނެ. މާލޭ ޓީމްތަކަށް އެފްއޭއެމް ދޫކޮށްލާ ކޮޅުމަޑުލުން އައްޑުއަށް އަމިއްލަމުބާރާތްބާއްވާ އިންޑިޔާ ލަންކާއާއިއެކު އިންވިޓޭޝަން ކަޕް ކުޅެވިދާނެ.
ޟާނު
02 March 2020
ދަރަނިން ސަލާމަތްނުވެ އަނެއްދަރަނި
އާރީ
02 March 2020
އެފްއޭއެމް ހާދަ ހިންގާލައިފަ މިއުޅެނި މި ދުވަސް ކޮޅު. ތި ކަންކަން ވެއްޖެޔާ ކިތައްމެ ހާ ވެސް ރަގަޅު. ދިވެހި ފުޓްބޯޅަށް ފައިދާވެސް ކުރާނެ