10 މާޗް 2020 - 12:24
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން، ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯނުގައި މި މަހު އަދި ޖޫން މަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް ފީފާ އާއި އޭއެފްސީން ފަސްކޮށްފި އެވެ.
އޭގެ ތެރޭގައި މި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އާއި ޗައިނާ ކުޅޭ މެޗާއި 31 ވަނަ ދުވަހު ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އަދި ޖޫން 9 ވަނަ ދުވަހު ފިލިޕީންސް އާއި ރާއްޖެ ކުޅޭ މެޗު ހިމެނެ އެވެ.
މީގެ ތެރެއިން ޗައިނާގައި، އެ ގައުމާއި ރާއްޖެ ކުޅެން ހަމަޖެހިފައި އޮތް މެޗު ވައިރަހާ ގުޅިގެން މީގެ ކުރިން ވަނީ ސަޕޯޓަރުން ނުވައްދާ ތައިލެންޑުގައި ކުޅެން ހަމަޖައްސައިފަ އެވެ. އެކަމަކު ސީރިއާ ދެކޮޅަށް މާލޭގައި ރާއްޖެ ކުޅޭ މެޗާއި ފިލިޕީންސްއާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅޭ މެޗާ މެދު އޭރު އޮތީ ގޮތެއް ނުނިންމަ އެވެ. އެކަމަކު ފަހުގެ ނިންމުމާ އެކު އެ ތިން މެޗު ވެސް ދެން ކުޅޭނީ ފަހުގެ ތާރީހެއްގަ އެވެ.
ފީފާ އިން ބުނީ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ އޭޝިއާ ކޮލިފައިން މެޗުތައް ފަސްކުރަން ނިންމީ އޭޝިއާގެ މެމްބަރު އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށް ފަހު ފީފާ އާއި އޭއެފްސީން އެއްބަސްވެގެން ކަމަށެވެ.
އެކަމަކު ފީފާ އިން ބުނީ ކުޅޭ ދެ ޓީމުގެ އެސޯސިއޭޝަނުން އެއްބަސްވެ، ސަލާމަތީ ކަންކަން މިންގަނޑަށް ފެތެންޏާ، ފީފާ އާއި އޭއެފްސީގެ ހުއްދަ ލިބިގެން މެޗުތައް ކުރިއަށް ގެންދެވިދާނެ ފުރުސަތެއް އެބައޮތް ކަމަށެވެ.
ޗައިނާ އާއި ސީރިއާ މެޗަށް ރާއްޖޭން ވަނީ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ބެލުމުގެ ދަށުން ތަމްރީންތަކެއް ބާއްވައިފަ އެވެ.
ބާކީ ތިން މެޗު އޮތްއިރު ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
10 March 2020
ބައްސާމު ވަރަށް ދެރަވާނެ، އެމެޗުތަކުން ކެންޕޭން ޖައްސާ ލިބޭނެ ގްޑްވިލްއާއެކު އުޅެނީ ދިވެހި ސަޕޯޓަރުންގެ ވަރަށް ބޮޑު ނުގަބޫލުކަމެއް އޮތަސް އިތުރު ދައުރަކަށް ހޮވެން.