ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީވެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން، އެތަނުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.


އެފްއޭއެމުން ރާވާ މުބާރާތްތަކުގެ ތެރެއިން މިވަގުތު ކުރިއަށްދާ ހަމައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. މާދަމާ ފެށުމަށް ހަމަޖެހިފައި އޮތް އެ މުބާރާތުގެ ސެމީ ފައިނަލް ބުރުގައި ވާދަކުރާ އެއް ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބް، ސްރީ ލަންކާގައި ކަރަންޓީނުގައި އޮތުމުން އެމުބާރަތް މިވަގުތު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ.

ލަންކާގައި ޓީސީން ކަރަންޓީންވީ، އޭއެފްސީ ކަޕުގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅެން އެ ގައުމަށް އެ ޓީމު ދަތުރުކޮށްފައިވާތީވެ އެވެ. ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރޭތީވެ އެ ގައުމުން ރާއްޖެ އަށް މީހުން އައުން މިވަގުތު މަނަލެވެ. އެހެންވެ ދެ ގައުމުގެ މެދުގައި މިހާރު ސީދާ ދަތުރުތަކެއް ނެތެވެ. އެކަމަކު ލަންކާ އިން އެފަދަ ނިންމުމެއް ނިންމާފައިނުވާތީ ޓީސީ އަށް ލަންކާ އަށް އެތެރެވެވޭނެ މަގު އޮތުމުން، ކޮވިޑް-19 ގެ އަލާމާތެއް ފެންނަން ނަގާނެ ކަމަށް ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ތިބޭ ގޮތަށް ހަމަޖެއްސީ އެވެ.

ޝެޑިއުލް އޮތްގޮތުން އެފްއޭ ކަޕުގައި ޓީސީ އަށް އޮތީ ސެމީ ފައިނަލުގައި މާދަމާރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި މާދަމާ ހަވީރު އަނެއް ސެމީގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ ގޮތަށް އޮތީ ރޭވިފަ އެވެ. އެކަމަކު މިއީ ނޮކްއައުޓް މުބާރާތަކަށް ވާތީ ޓީސީ މެޗު ކުޅެވޭނެ ގޮތެއް ނެތި، މުބާރާތް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ލަފައަކަށް ފަހު ކުރިއަށް ހުރި ހަރަކާތްތަކުގެ ޝެޑިއުލް އަލުން ނެރޭނެ ކަމަށެވެ.

މި ސީޒަނުގައި ދެން އޮތީ އެފްއޭ ކަޕުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕެވެ. މި ސީޒަން މިހާރު ވެސް މާބޮޑަށް ދިގުލައިގެން ގޮސްފައިވާތީވެއާ އެކު، އިތުރު ފަސްވުމެއް އައުމާ ސީޒަން މިހާރު އޮތް ތާރީހަށް ނުނިންމޭނެ އެވެ. އެހެންވެ މީގެ ތެރެއިން ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެފްއޭ ކަޕަކީ، ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭ މުބާރާތަކަށް ވާތީވެ، ހާލަތު ރަނގަޅުވުމާ އެކު އެފްއޭއެމުން އެ މުބާރާތް ކޮންމެވެސް ގޮތަކުން ކުރިއަށްގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކްލަބްތަކާ އެކު މަޝްވަރާކުރެވުނު ކަމަށާއި ވިސްނުމަކީ، މިވަގުތަށް ފަސްކުރި ނަމަވެސް ފަހުން އަދި ހާލަތު ބެލުމަށް ފަހު އިތުރު ނިންމުންތަކެއް ނިންމުން ކަމަށެވެ.

ކުރިން ރޭވިފައި އޮތް ގޮތުން މި މަހު ފަހުކޮޅު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން، ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. އެކަމަކު ކޮރޯނާވައިރަހާ ގުޅިގެން އެ މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަރަށް ގިނަ ކުޅިވަރު ހަރަކާތްތައް އަންނަނީ މެދުކަނޑާލަމުންނެވެ. އެގޮތުން ގައުމީ ބެޑްމިންޓަން ސްކޮޑުގެ ޕްރެކްޓިސްތަކާއި ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) ހުރިހާ ޕްރޮގްރާމެއް ހުއްޓާލަން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިން މެދުކަނޑާލައިފަ އެވެ. މީގެ އިތުރުން އޭޕްރިލް މަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ހުރިހާ އެތުލެޓިކްސް މުބާރާތްތަކެއް ފަސްކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި އެސޯސިއޭޝަނުން ވަނީ އެތަން މެދުވެރިކޮށް ރާއްޖޭން ބޭރަށް އެތުލީޓުން ޓްރެއިނިން އަށް ފޮނުވުމާއި އޭޕްރިލްގެ ނިޔަލަށް އެސޯސިއޭޝަނުން ބައިވެރިވާން ނިންމާފައިވާ މުބާރާތްތަކާއި އެސޯސިއޭޝަން މެދުވެރިވެގެން ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިނުވާން ވެސް ވަނީ ނިންމައިފަ އެވެ.