20 މާޗް 2020 - 16:14
މިރޭ ބާއްވާ ގޮތަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެއެމް) ގެ އިންތިހާބީ ކޮންގްރެސް ފަސްކޮށްފި އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން މިރޭ އިންތިހާބު ނޯންނާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. އެކަމަކު އެފްއޭއެމުން މިއަދު މެންދުރު ފަހު މީޑިއާ އަށް ފުރަތަމަ އެންގީ ކޮންގްރެސް މިރޭ 8:30 ގައި ހޮޓެލް ޖެންގައި އޮންނާނެ ކަމަށާއި ރައްކާތެރިކަމުގެ ސިއްހީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އެފްއޭއެމުން ބުނީ އިރުޝާދުތަކާ އެއްގޮތަށް، ހާލަތު ރަނގަޅުވަންދެން ކޮންގްރެސް ފަސްކުރަން ނިންމާފައިވާ ކަމަށާއި ކޮންގްރެސް ދެން އޮންނާނެ ތާރީހަކާއި ގަޑިއެއް ފަހުން އަންގާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މިވަގުތު އޮތީ ހުއްޓާލައިފަ އެވެ. އަދި މިއަދުގެ ހުކުރު ނަމާދު ވެސް މާލެ ސަރަހައްދުގައި ނުބާއްވަ އެވެ. ޒަރުރީ ބޭނުމެއްގައި ނޫން ގޮތަކަށް އާއްމުން ވެސް ގެއިން ބޭރަށް ނުނުކުންނަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެފްއޭއެމުން އިންތިހާބު މި ބާއްވަނީ އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިންނެވެ. ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން މިދިޔަ މަހުގެ 4 ވަނަ ދުވަހު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުށަހެޅުއްވުމުން އެ ކޮމިޓީން ރުހުން ދިން ދިނުމާ އެއްގޮތަށް އިންތިހާބު ބާއްވަން ނިންމީ އެވެ.
އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ. ބައްސާމަށް ރާއްޖޭގެ ބައެއް ކްލަބްތަކާއި ފުޓްބޯޅައިގެ ހަރަކާތްތެރިން ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ އާއި އޭނާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާތީވެ ބެލެވިފައި އޮތީ އޭނާއާ އިދިކޮޅަށް ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ.
ބައްސާމަށް ފުރަތަމަ ޑިވިޝަނުން ތާއީދުކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީންސްޓްރީޓް އަދި ކްލަބް އީގަލްސް އެވެ. ދެ ވަނަ ޑިވިޝަނުން ތާއީދުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓް، އެގްޒެކެޓިވް ކޮމިޓީގެ އެހެން މަގާމްތަކަށް މެމްބަރުން ނޮމިނޭޓްކުރާނީ އެވެ. އެހެންވެ ވޯޓަށް އަހާނީ ޓީމެއްގެ ގޮތުގަ އެވެ. އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހަ
21 March 2020
މީނާއަށް އަދި ރަނގަޅު ފިލާވަޅެއް ލިބޭ ދުވަހެއް ދައްކަވާނެ.
ޗޯރު
21 March 2020
ކަމަކު މީހަކު އެދުމެއް ހުއްޓަސް މިދެން ބޮޑުވަރު.
މޯޑޭ
20 March 2020
ނިއު ސަސްފެންޑުން ވީއްލެއް ހައްތާ ލަސްވީމަ ވަރަށް ދެރަވެއްޖެ.
އާރީ
20 March 2020
ބަންސާމް އަވަސް އަރުވާލައިގެން މިކަން ކުރަށް އުޅުމުގެ ސިއްރަކީ?
ނަޖުމުއްދީން
20 March 2020
މަހީކުރީ ކޮންމެގޮތެއްހަދާފައިނަމަވެސް ބާއްވާނެކަމަށް.