އޮޕަރޭޝަނަށް ފަހު އަސަދުﷲ ވަރުގަދަ އަޒުމެއްގައި

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ބުރާސްފަތި ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. މިއީ ތިން އަހަރު ތެރޭ އަސަދުﷲ ކުރި ދެ ވަަނަ އޮޕަރޭޝަނެވެ. ކުރީ ފަހަރަކޭ އެއްގޮތަށް މި ފަހަރު ވެސް އޭނާ ހުރީ އަލުން ވަރުގަދަކޮށް، އެނބުރި ކުޅެން އައުމުގެ އުއްމީދުގަ އެވެ.


އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިދިޔަ މަހު މާލޭގައި އިންޑިއާގެ ބެންގަލޫރު އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. އޭނާ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލުންނެވެ. މީގެ ކުރިން މީގެ ކުރިން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އިރައިގެން ދިޔައީ ވާތު ކަކުލުގެ ލިގަމެންޓެވެ. އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުން އޮޕަރޭޝަނެއްކޮށް އަސަދުﷲ ކުޅުމަށް އެނބުރި އައީ ނުވަ މަސް ފަހުންނެވެ. އަލުން އައިސް އޭނާ ވަނީ 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނިފަ އެވެ.

ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އަސަދުﷲ އަށް މި ސީޒަން ނިމިފައިވާއިރު، އޭނާ އަށް ދެން އަލުން ކުޅުމަށް އެނބުރި އާދެވޭނީ އެންމެ އަވަސް ވެގެން ވެސް ހަ މަސް ފަހުންނެވެ. އަސަދުﷲ ހުރީ ރަނގަޅު ރިހެބިލިޓޭޝަނެއްގެ ތެރެއިން ކުޅުމުގެ ތެރެއަށް އައުމުގެ އަޒުމުގަ އެވެ. ދެ ފައިގެ ލިގަމެންޓަށް އަނިޔާވެ އެހާ ކުރުމުއްދަތެއްގެ ތެރޭގައި ދެ އޮޕަރޭޝަން ކުރަން ޖެހުމުން މި ފަހަރު އަލުން ދަނޑަށް އަންނަން ކުރަން އޮތް މަސައްކަތް ބުރަ ނަމަވެސް އޭނަ ހުރީ އެކަން ކުރުމަށް ނިންމައިގެންނެވެ.

އޭއެފްސީ ކަޕްގައި ޑާކާ އަބަހާނީގެ މެއިލްސަން (ކ) ކައިރިން ބޯޅަ ހޯދަން އަސަދުﷲ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"(ދަނޑަށް އެނބުރި އަންނަން) ވަރަށް މަސައްކަތުންވާނީ. އިންޝާﷲ. ވަރަށް ރަނގަޅަށް މަސައްކަތްކުރާނަން،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.

އަސަދުﷲ ގަބޫލުކުރާގޮތުގައި އޭނާ އަށް މި ކަމުގައި އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކްލަބްގެ ސަޕޯޓާއި އާއިލާ އިން އޭނާ އަށް ދޭ ހިތްވަރުކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް 14 ގޯލު ޖަހާފައިވާ އަސަދުﷲ ނެތްތަނަށް މާޒިޔާ އިން ވަނީ އޭއެފްސީ ކަޕަށް ކުޅުންތެރިޔަކު ގެނެސްފަ އެވެ. އެއީ ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) އެވެ.

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ދެ ފަހަރު ހޯދާފައިވާ، އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ މާޒިޔާ އަށް 2012 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ފުރަތަމަ ޑިވިޝަނުގައި އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އާއި ކްލަބް ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. މާޒިޔާ އަށް ބަދަލުވުމަށް ފަހު އަސަދުﷲ ވަނީ އެ ޓީމުގައި ހުރެ ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ. މާޒިޔާގެ އެންމެ ކާމިޔާބު ކެޕްޓަނަކީ ވެސް އަސަދުﷲ އެވެ.

އަސަދުﷲގެ އިތުރުން މި ސީޒަނުގައި ކަކުލުގެ ބޮޑު އިންޖަރީއެއް ދިމާވެފައިވާ ކުޅުންތެރިންނަށް ބަލާއިރު ފޯކައިދޫ އަށް ކުޅެމުން އައި ގައުމީ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އާއި އީގަލްސް އަށް ކުޅެމުން އައި މުހައްމަދު ނާއިމް ހިމެނެ އެވެ.