ކޮވިޑް-19: ދެ މުބާރާތް ކެންސަލްކޮށް އެފްއޭއެމުން ފުޓްބޯޅަ ސީޒަން ނިންމާލައިފި

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މެދުކަނޑާލާފައި އޮތް ފުޓްބޯޅަ ސީޒަން އިތުރު ކުރިއަށް ނުގެންދަން އެފްއޭއެމުން މިރޭ ނިންމައި، މި ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފި އެވެ.


އެފްއޭ ކަޕް ކެންސަލްކުރުމާ އެކު، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ އޭއެފްސީ ކަޕުގެ ޕްލޭއޮފް ޖާގަ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް ކްލަބް އީގަލްސް އަށް ވަނީ ލިބިފަ އެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ޖާގަ، ލީގު ޗެމްޕިއަން މާޒިޔާ އަށް ކުރިން ވެސް އޮތީ ކަށަވަރުވެފަ އެވެ.

އެފްއޭއެމުން މިރޭ ބުނީ ފުރަތަމަ ޑިވިޝަނުގެ ސީޒަން ކުރިއަށް ނުގެންދަން ނިންމި ނަމަވެސް ޗަޒީރާ ޗެމްޕިއަންޝިޕް (އަތޮޅު ފުޓްބޯޅަ މުބާރާތް) އަދި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށެވެ.

އެފްއޭ ކަޕް ކެންސަލްކުރަން ނިންމިއިރު، އެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ވަނީ ކުޅެފަ އެވެ. ސެމީ ފައިނަލް މެޗުތައް ކުރިއަށް ނުގެންދެވި އޮތީ އޭއެފްސީ ކަޕުގައި ކުޅުމަށް ބަންގްލަދޭޝަށް ޓީސީ ސްޕޯޓްސް ކްލަބް ކުރި ދަތުރަށް ފަހު ސްރީ ލަންކާގައި ކަރަންޓީންކުރަން ޖެހުމުންނެވެ.

އެފްއޭއެމުން ބުނީ މި ހާލަތުގައި ދިވެހި ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންދާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ހުރިހާ އެންމެންގެ ރައްކާތެރިކަމަށްޓަކައި ފުޓްބޯޅަ ސީޒަން މި ހިސާބުން ނިންމާލަން ނިންމީ ކްލަބްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ބޭއްވުނީ ދެ މުބާރާތެވެ. އެއީ ދިރާގު ދިވެހި ޕްރިމިއާ ލީގާއި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. ލީގު ޗެމްޕިއަންކަން ހޯދީ މާޒިޔާ އިންނެވެ. އަދި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކްލަބް ވެލެންސިއާ ވަނީ އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިފަ އެވެ. އަދި ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ވެސް ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ލިބިފަ އެވެ.

އެފްއޭއެމުން މި މަހު 20 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އެ އެސޯސިއޭޝަނުގެ އިންތިހާބީ ކޮންގްރެސް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެ ގޮތަށް އަމަލުކުރަން ނިންމީ އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

އީގަލްސް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް

ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އީގަލްސް އަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނުއިރު، މިއީ އެ ޓީމަށް އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބުން މުބާރާތުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ޑިވިޝަނުގައި ދެހާހުގެ އަހަރުތަކުން ފެށިގެން ވާދަކުރަމުން އަންނަ އީގަލްސް އަކީ ފަހަކަށް އައިސް ކޮންމެ ސީޒަނެއްގައި ވެސް ގަދަ ހަތަރެއްގައި ހިމެނެމުން އަންނަ ޓީމެކެވެ. މުހައްމަދު ޝިޔާޒް (މޯހަން) ކޯޗުކޮށްދޭ އީގަލްސް އަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި ވެސް ނަމޫނާ ޓީމެކެވެ.

މި މުބާރާތުގައި މިހާތަނަށް ރާއްޖެ ތަމްސީލުކޮށްފައިވާ ކްލަބްތަކަކީ މި މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު ރެކޯޑް އޮތް ނިއު ރޭޑިއަންޓްގެ އިތުރުން މާޒިޔާ، ވިކްޓްރީ، ވެލެންސިއާ، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުތައް ކުޅުމަށް ފަހު މިހާރު މި މުބާރާތް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ކޮވިޑް-19 ރޯގާ އޭޝިއާ ގައުމުތަކުގައި ވެސް ހަލުވިކަމާ އެކު ފެތުރެމުންދާތީ ގައުމީ ޓީމު ކުޅެން ހަމަޖެހިފައި އޮތް ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ވެސް އޮތީ ފަސްކޮށްފަ އެވެ.