ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއްޓޭ ބޯޅަ ހިފައިގެން.---- ފޮޓޯ: އިމޭޖަސް އެމްވީ
11 އޮކްޓޯބަރ 2016 - 18:17
އިތުރު ވަގުތުގެ ފަހު މިނިޓްގައި އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ލަނޑުން 1-1 އިން ލާއޯސްއާ އެއްވަރުކޮށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ޖާގަ ހޯދައިފި އެވެ.
ރާއްޖެ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ދެ ލެގުގެ އެގްރިގޭޓުން 5-1 އިން ކުރި ހޯދައިގެންނެވެ. މާލޭގައި މިދިޔަ މަހު ހަ ވަނަ ދުވަހު ކުޅުނު ފުރަތަމަ ލެގުން ރާއްޖެ މޮޅުވީ 4-0 އިންނެވެ.
ކޮލިފައިން ގްރޫޕް ކުޅޭނީ ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމަނައިގެން ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެ ބުރުން ކުރި ލިބޭ ޓީމުތަކަށް 2019 ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ.
މިއީ ގައުމީ ކޯޗު ޑަރެން ސްޓެވާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން ރަށުންބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން ކުރިން ކުޅުނު ވާދަވެރި ދެ މެޗުން ވަނީ ފަސޭހަކަމާ އެކު ލާއޮސް އާއި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި މެޗަށް ރާއްޖެ އިން ނުކުތީ ދެ ބަދަލަކާ އެކު އެވެ. އެއީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސްހަދު އަލީ (އަޑުބަރޭ)ގެ ބަދަލުގައި އިމްރާން ނަޝީދާއި އަހުމަދު ޒާދު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި ދަގަނޑޭ ނެތުމުން ޓީމުގެ ކެޕްޓަނަކީ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލާއޮސް އިން ވަނީ ރާއްޖޭގެ ހާފްގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށްފަ އެވެ. ކޮލިފައިވާން ބޮޑު ތަފާތަކުން މޮޅުވާން ޖެހިފައި އޮތް ލާއޮސް އަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ. ފުރަތަމަ ހާފްގައި ލާއޮސްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ލާއޮސް ކީޕަރު މަތަކުރި އެވެ.
ލާއޮސް ކުޅުންތެރިއެއްގެ އަތުން އުމެއިރު (ކ) ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ ލާއޮސްއެފްއޭ
ދެ ވަނަ ހާފް ފެށިގެން ވެސް ލާއޮސް އިން ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބު ނުލިބުނެވެ. ލާއޮސްގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލައެއް ރާއްޖެ ޓީމުގެ ޒާދު ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
ލާއޮސް އިން ލަނޑުޖެހީ މެޗު 80 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ކުރިއަށްކުޅޭ ކޮނެސާވަން ޝިވަހޮންގް މި ލަނޑު ޖެހީ އަރިމަތިން ނަގައިދިން ހުރަހަކުން އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ އިމްރާން މަތަކުރުމުން ދެ ވަނަ ފަހަރު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލާއޮސް އިން ލަނޑު ޖެހުމުން ރާއްޖޭން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސެންޓޭގެ ބަދަލުގައި ނައްޓޭ އާއި އަހުމަދު އިމާޒު (އާއްކޮ) ކުޅެން އެރުވި އެވެ. މި ދެ ބަދަލާ އެކު ރާއްޖޭން ކުޅުން ރަނގަޅުކޮށް އެއްވަރުކުރީ އިތުރު ވަގުތުގަ އެވެ. ލާއޮސް ހާފްގެ ތެރެއިން ރާއްޖޭގެ އަހުމަދު އަބްދުﷲ (ލިލީ) ހުސްކޮށްލާފައި ނައްޓޭ އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ނައްޓޭ މި ފަހަރު ޓީމުން ޖާގަ ހޯދީ އެންމެ ފަހުން ކުޅުނު ތިން މެޗުން ފުރުސަތު ގެއްލިފައިވަނިކޮށެވެ. އޭނާ އަކީ މިދިޔަ އަހަރުން ފެށިގެން ޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތު ނެގުން އޮންނާނީ ޕްލޭއޮފް ހުރިހާ މެޗެއް ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނ
12 October 2016
ދަނޑުމަތީގަގަނަތެޅުނީ މޮޅުކުޅުމެއްނުދެއްކުންސަލާމަތްވީކިރިޔާ
ދޫނި
11 October 2016
ދެން ކުޅެން ޖެހޭ މެޗެއްގަވެސް ނާއްޓޭ ބާކީކޮއްލާފަ ދޭ... މިހާަރު އެއްޗެއްވިސްނެން ވެއްޖެއެއް ނޫންތަ.... މިދިޔަ 2އަހަރުގަ ގައުމީ ޓީމުގަ އެންމެ މޮޅައްކުޅުނު ދެ ތިން ކުޅުން ތެރިންގެ ތެރޭގަ އެކެއްމީ...
ހަސަން
11 October 2016
ސާބަހޭ ނާށްޓޭ
ފޮނި ބައިސާ އަޒްމީން
11 October 2016
ނާއްޓޭ! ނާއްޓޭ! ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!ނާއްޓޭ!
ގެން
11 October 2016
ލިލީ ވަރު މީހަކު ނެތް
ސާޑު2829
11 October 2016
މަރުހަބާ ދިވެހި ގައުމީ ޓީމް.
ކޮމެންޓޭ
11 October 2016
ކޮބާ ދަގަނޑޭ ނެތިއްޔާ ހަމަވަނީ މިހާވަރު ކޮންމެފަހަރަކު. ޓިމު ރަނގަޅުވެ ފުތުބޯޅަ ރަނގަޅު ދިމާލަށް ދާތަން ބައެއް މީހުންނަށް ހަޖަމު ނުވުމުގެ ނަތީޖާ.
ބަލާތި!،
13 October 2016
السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ރަންގަޅު މޮޅު އިރެއްގަ އެއީ މީގެ ނުވައަހަރު (09) ކުރީގަ އޭރުދެއްކި ކުޅުން އަދި އެކުޅުން (ދަގޭ) އަލީ އަޝްފާގް އައް ދެއްކެންވާނެ އެކަމަކު އެކުޅުން ގާއްގަޑަކައް މީގެ ފަސް(05) އަހަރު ކުރިން ގެއްލިއްޖެ ސަބަބެއްވޭ ސަބަބުތަކެއްވެސް ވޭ ވިސްނާލީމަ ހަމަހޭހުރި އިންސާނަކައްވިއްޔާ އިގޭނެ ، މިބުނީ ދޮގެއްތޯ ބަލަން ދަގޭ އެންމެ މޮޅައް ކުޅުނު އިރު ކުޅުނު އެކުވެރި ކަމުގެ މެޗެއް އޮންނާނެ ޔޫރަޕް ހިސާބް ޓީމަކާ މި ދިވެހިރާއްޖޭގަ ގަލޮޅު ރަސްމީ ދަނޑުގަ ކުޅެފަ އެމެޗް ބެލީމަ އިގޭނެ ދަގޭ އަކީ ކުޅެވޭ އިންސާނެއްތޯ ނޫނީ ނޫންތޯ އޭރުންފެށިގެން އޭނަ ކުޅެނީ ބޯޅަޔާ ތޯ ނުވަތަ ކުޅުންތެރިން ނާތޯ އަދި އެމެޗް ގެނަތީޖާ ، ﷲ އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނި ބަހުގަ ހުރިވަރު ، ان شاء الله ، آمين ،،،،،!.
މޯޑު
11 October 2016
ނާއްޓޭއަކީ ނަގަން ޖެހޭ ކުޅުންތެރިއެއް ކަން އޭނާ ސާބިތުކޮށްދީފި.
ހިންނަވަރިއާނޯ
11 October 2016
ސާބަހޭ ލިލީ!!